ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުގައި ނާކާމިޔާބީ ލިބުނީ، އެކަމަށްޓަކައި ކުރި ކެމްޕޭންގައި އެކަށީގެންވާ މަސައްކަތްތަކެއް ޕީއެންސީގެ ކެމްޕޭން ޓީމުތަކުން ކޮށްފައިނުވާތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކޮންޓްރޯލް ކުރަމުން އައި އއ. އަތޮޅުގެ އުކުޅަހާއި ތޮއްޑޫ އާއި ރަސްދޫން ނިމިދިޔަ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ހިޔާލު ހޯދުމުގެ ވޯޓުން ނާކާމިޔާބުވި އެއް ސަބަބަކީ އެކަމަށްޓަކައި، ޕީއެންސީގެ ކެމްޕެއިން ޓީމްތަކުން އެެކަށީގެންވާ މަސައްކަތް ނުކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަން ކިޔައިދޭން ޕީއެންސީގެ ކެމްޕޭން ޓީމުތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވުމުން ރައްޔިތުން ގަބޫލުކުރީ އިދިކޮޅު ފަރާތްތަކުން ފެތުރި ވާހަކަތައް ކަމަށެވެ.
"އެ ވޯޓުގައި އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރި، އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރީމާ އެ ވާހަކަތައް އެކަނި ރައްޔިތުންނާ ހަމައަށް ދިޔައީ، އެހެންވީމާ ކޮންފިއުޝަނެއްގައި ދިޔައީ މިކަން، އަޅުގަނޑުމެންނަކަށް ނެތް ކިޔައިދެވިފަ،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް، ރައީސް ވިދާޅުވީ، ކުރިއަށް ދާނީ ރައްޔިތުން ނިންމި ގޮތަށް ކަމަށާއި، އެހެންކަމުން ގާނޫނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ހަރުދަނާ ނިޒާމެއް ގެންގުޅެވޭނީ ޕާޓީގެ އެތެރޭގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ވަރުގަދަ ކޮށްގެން ކަމަަށާއި އޭރުން ކުރިއަށް އޮތް ރިޔާސީ އަދި މަޖިލިސް އިންތިހާބަށް ގާބިލު، އެންމެ އެކަށީގެންވާ ކެންޑިޑޭޓުން ނެރެ، އެ އިންތިހާބުތައް ކާމިޔާބު ކުރުމަށް ފުރުސަތު ބޮޑުވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ޕީއެންސީ ވަރުގަދަކުރުމަށް އަންނަ އޮކްޓޫބަރުގައި އޮންނަ ޕީއެންސީގެ ކޮންގްރެސްއަކީ އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅު ކަމަށާއި މިއަދުން ފެށިގެން ކޮންގްރެސްއަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
