ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއެކު، ހުވާކުރެއްވި 14 ވަޒީރަކަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނެވީ މި މަހުގެ 14 އަދި 15ގައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ އަދަދު 20 އިން 15 އަށް މަދުކޮށް، 10 ވަޒީރަކު އިސްތިއުފާ ދެއްވިއެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް 5 އައު ވަޒީރަކު އައްޔަން ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި ކުރިން ހިމެނިވަޑައިގެންނެވި 9 ވަޒީރަކު ވަނީ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ހުވާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާއެކު މަޤާމުގެ ހުވާކުރައްވާ ވަޒީރުންނަށް ޤާނޫނީ ބާރުވެރިކަން ލިބިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އެހެންވެ މި މައްސަލަ އެމަނިކުފާނު މަޖިލީހަށް ފޮނުއްވީ މި މަހުގެ 20ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ވަޒީރުންނަކީ،
– ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު
– މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
– ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން
– ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް
– ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
– ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ
– އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
– މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
– އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
– ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
– ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
– ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
– ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް
– މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމީ 14 ވަޒީރުންނަށްވެސް ރުހުންދޭން ފެންނަ ކަމަށެވެ. މިގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
