މެންބަަރުން ޕާޓީ ބަަދަލުކުރުން މަނާކުރާ އިސްލާހު ސައްހަ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމުގެ ގޮތުން ގާނޫނުއަސާސީއަަށް ގެނެސްފައިވާ ހަވަނަ އިސްލާހު ބާތިލުކުރަންޖެހޭ ސަބަަބެއް ނެތްކަމަށާއި، އަދި އެ އިސްލާހު މިހާރު ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ އިސްލާހު ތަސްދީގުކުރެވުމަށްފަހު ކުރައްވާ އަމަލުތަކުގެ މައްޗަށްވެސް ހިނގާނެ ކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން މި އިސްލާހު ބާތިލުކުރުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމްކުރުމުގެ އަޑުއެހުމުގައި އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު މިއަދު އިއްވެވި ރައުޔުގައިވަނީ އިންޑިޔާގެ ސުޕްރީމް ކޯޓުން އީޖާދުކޮށް ތަތުބީގުކުރަމުންދާ "ބޭސިިކް ސްޓްރަކްޗާ" ޑޮކްޓްރިން އުފެދުނު ގޮތާއި އެ ގަވާއިދު އިސްތިގުރާރުވެ އެއަށް އަމަލުކުރެވެމުންދާ ގޮތް ބަޔާންކުރައްވާފައެވެ.

އެއަށްފަހު ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައިވެސް ބޭސިކް ސްޓްރަކްޗާ ނުވަތަ އަސާސީ އަޮނިގަނޑުގެ ގޮތުގައި ބެލެވޭނެ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން އުއްތަމަފަނޑިޔާރުވަނީ އެ ސިފަތަކުގެ ތެރެއިން ބައެއް ކަންކަން ލިސްޓެއްގެ ގޮތުގައި ރައުޔައިގައި ބަޔާންކޮށްދެއްވާފައެވެ. ނަމަވެސް އިންޑިޔާގެ ސުޕްރީމް ކޯޓުން އަސާަސީ އޮނިގަނޑުގެ ގާއިދާ އުފަންކުރި ތާރީހީ ސަބަބުތަކަށް ބަލާއިރު ރާއްޖޭގައި ސުޕްރީމް ކޯޓުން އެފަދަ ގާއިދާއެއް އުފަންކުރަންޖެހޭ ސަބަބެއް ނެތްކަމުގައި ފާހަގަކުރައްވަމުން އުއްތަމަފަނޑިޔާރުވަނީ އެމަނިކުފާނު ފާހަގަކުރެއްވި އުސޫލުތަކަށް ހިމާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިއްޖެނަމަ ގާނޫނުއަސާސީ އިސްލާހުކޮށް އެކަން ކުރެވިދާނެ ކަމުގައި ވިދާޅުވެފައެވެ.

އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ އިންޑިޔާގެ ގާނޫނުއަސާސީއާ ހިލާފަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ގާނޫނުއަސާސީ ބަދަލުކުރުމުގެ އިޖުރާއާތުތައް ވަރަށް ތަފުސީލުކޮށް ބައެއް މާއްދާތަކަށް ހާއްސަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމެވެ.

އެއަށްފަހު މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކުރި ގޮތަށް އެންޓި-ޑިފެކްޝަން އުސޫލަކީ ބަރުލަމާނީ ނިޒާމަށް ހާއްސަ ސިފައެއްތޯ ބަހުސްކުރައްވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ ނައިޖީރިއާއާއި ކެންޔާ ފަދަ ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގައިވެސް ވަރަށް ތަފުސީލު ހަރުދަނާ ގޮތްތަކުގައި އެންޓި-ޑިފެކްޝަންގެ އުސޫލުތައް ނުވަތަ ތަޅުން ހުރަސްކުރުން މަނާކުރުމުގެ އުސޫލުތައް ތަންފީޒުކުރާ ކަމަށެވެ.

އިތުރަށް އުއްތަމަފަަނޑިޔާރު ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ރިޔާސީ ނިޒާމުތަކުގައި އެފަދަ އުސޫލެއް ތަތުބީގުނުކުރެވޭނެ ކަމުގައި ގަބޫލުކުރެއްވޭނެ މިންވަރުގެ ހުއްޖަތެއް މައްސަލަ ހުށަހެޅި ފަރާތުން ކޯޓަށް ހުށަހަޅާފައިނުވެއެވެ. އެހެންކަމުން އެ އުސޫލު ރާއްޖޭގައި ތަތުބީގުކުރުން މަނާނުކުރެވޭނެ ކަމުގައި ފާހަގަކުރެއްވިއެވެ.

ކުރީގައި ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށް އިޝާރާތްކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ އެ ގާނޫނަކީ އަސާސީ ހައްގުތައް ހަނިކުރާ ގާނޫނެއް ނޫންކަމަށް އެއިރު ސުޕްރީމް ކޯޓުން ކަަނޑައަޅާފައިވާއިރު، އެ ނިންމުމާ ދުރަށް ގޮސް އައު އުސޫލެއް އުފަންކުރަންޖެހޭ ގާނޫނީ ސަބަބެއް މައްސަލަ ހުށަހެޅި ފަރާތަށް ދައްކުވައިދެވިފައިނުވާ ކަމަށެވެ.

އޭގެ އިތުރަށް މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އުސޫލެއް ތައާރަފުކުރުމަކީ ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް އުނިކަން ލިބޭ ކަމަކަށްވާތީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމުގައި ބުނެފައި އޮތް އޮތުމަކީވެސް ސައްހަ ގާނޫނީ ގޮތުން ބުރަދަންހުރި ވާހަކައެއް ނޫންކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި މި އިސްލާހަކީ މަޖިލީހުގެ މެންބަރުންގެ ވަރަށް މަތީ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ އިސްލާހަކަށްވާއިރު، އެންޓި-ޑިފެކްޝަން އުސޫލަކީ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި ގާނޫނުއަސާސީތަކުގައި ހިމަނައި އެއަށް އަމަލުކުރަމުންދާ އުސޫލެއްކަމެވެ. އަދި އެއީ އޭގެ ޒާތުގައި ދައުލަތް ހިންގުމުގެ އުސޫލުތަކާއި ރައްޔިތުންގެ ބާރުވެރިކަމަށް އަދި މަޖިލީހުގެ ބާރުވެރިކަމަށް އުނިކަމެއް އަންނާނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މެންބަރުންގެ ނަޒާހަތްތެރިކަން ކަށަވަަރުކޮށް، ރައްޔިތުންނަށް ޖަވާބުދާރީކުރުވުން ހަރުދަނާކުރުމަށް ޕާޓީ ބަދަލުކުރުން ނުވަތަ ތަޅުން ހުރަސްކުރުން މަނާކުރާ އުސޫލުތަކަށް އަމަލުކުރުމަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައިވެސް އަމަލުކުރާ އުސޫލެއް ކަމުގައި އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ.

މި ހުރިހާ އަސާސްތަކެއްގެ މައްޗަށް ބިނާކުރައްވައި އުއްތަމަފަނޑިޔާރު ނިންމަވާފައިވަނީ އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމުގައި ބެލޭނެ ގާނޫނީ ހަމައެއް އޮތްކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *