ތިލަމާލެ ބްރިޖުގައި ކޮލިޓީގެ މައްސަލައެއް ނޫޅޭ: މުއްޠަލިބް

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބްރިޖުގެ ކޮލިޓީގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ހިނގަމުންދާގޮތް ނޫސްވެރިންނަށް ދައްކާލުމަށް އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންްނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ މި ބުރިޖާ ގުޅުވައި ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުރެމުންދާކަމަށެވެ. އެގޮތުން ބްރިޖުގައި ބެންޑެއް ނުވަތަ އަޑިގުޑަންތަކެއް ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށް ވިދާޅުވި އެވެ.

ބްރިޖު ނިމިގެންދާއިރު ބްރިޖު ވެގެންދާނީ ބިނާކުރުމާއި އިންޖިނިއަރިންގެ އަޖައިބަކަށް ކަމަށާއި، މިއީ އެ ވަރުގެ ބުރަ، ބޮޑު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވި އެވެ. އަންނަ އަހަރުގެ ނިޔަލަށް މި ބްރިޖުގެ ބޮޑު ބައި ނިމި، މާލެ އާއި ވިލިމާލެ ދެމެދު ބްރިޖު މަތިން ދަތުރުތައް ފެށޭވަރު ވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުންނާއި އިންޑިއާ ސަރުކާރުން ދެއެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެހީގައި އެގައުމުގެ އެފްކޮންސް ކުންފުނިންނެވެ. އެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ބްރިޖު އެޅުމުގެ މަސައްކަތް ޙަވާލުކުރީ 2021 ސެޕްޓެމްބަރ 16 ވަނަ ދުވަހެވެ. އެ ވެރިކަން ނިމުނުއިރު އެންމެ ބްރިޖުގެ ތަނބެއް ނޫނީ ނެތެވެ.

މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ބްރިޖުގެ ނިމިފައި އޮތީ 29 އިންސައްތައެވެ. ނަމަވެސް މިހާރު ވަނީ މި މަޝްރޫއުގެ 72.17 އިންސައްތަ ނިންމާފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *