ނަރުހުންނަކީ ދެމެހެއްޓެނިވި ސިއްހީ ފަރުވާގެ ބިންގާ: ރައީސް

ނަރުހުންނަކީ ދެމެހެއްޓެނިވި ސިއްހީ ފަރުވާގެ ނިޒާމުގެ ބިންގާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހަ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރައީސް ވަނީ ބަލި މީހުންނަށް ފަރުވާ ދިނުމާއި ބަލިން ރައްކާތެރި އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ނަރުހުންކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔެއަށް ދިމާވާ ގޮންޖެހުންތައް އިތުރުވަމުންއަންނައިރު ނަރުހުންގެ ދައުރު ކުރިއަށްވުރެ މުހިންމުވެފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނަރުހުންނަކީ ދެމެހެއްޓެނިވި ސިއްހީ ނިޒާމެއްގެ ބިންގާ ކަމަށެވެ.

ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި، ނަރުހުންގެ ދުޅަހެޔޮކަމާއި ފަންނީ ކުރިއެރުމަށް މަގުފަހިކޮށްދިނުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، ނަރުހުންނަށް ލިބޭ އިނާޔަތްތައް ރަނގަޅުކުރުމާއި، ތައުލީމާއި ތަމްރީނުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަންދޭން ކަންކަން  ކަމަށް ވިދާޅުވި އެވެ. އަދި މިކަންކަމުގެ ސަބަބުން މުސްތަގުބަލުގައި ވަރުގަދަ އަދި އިތުބާރު ހުރި ސިއްހީ ނިޒާމެއް ބިނާކުރެވިގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމަށް ނަރުހުން ކޮށްދެއްވާ އަގުހުރި ހިދުމަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12ވަނަ ދުވަހު އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *