ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ރިކަވަރީ އޮޕަރޭޝަން ނިންމާލައިފި އެވެ.
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މީހުންގެ ހަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
ހާދިސާގައި މަރުވި މީހުން
- މޮނިކާ މޮންޓެފަލްކޯން، 51، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް.
- ޖޯޖިއާ ސޮމާކަލް، 20، މޮންޓެފަލްކޯންގެ އަންހެން ދަރިފުޅު އަދި ޔުނިވަސިޓީގެ ދަރިވަރެއް.
- މިއުރިއަލް އޮޑެނީނޯ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް.
- ފެޑެރިކޯ ގުއަލްޓިއޭރީ، 31، ޔުނިވަސިޓީގެ ދިރާސާވެރިއެއް.
- ގިއަންލޫކާ ބެނެޑެޓީ، 41، ޑައިވިން އިންސްޓްރަކްޓަރު.
ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު އެވެ. އޭނާ ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ކޭވްގެ ތެރެއިން ނެވެ.
ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދިވެހި ސިފައިންގެ ޑައިވް ޓީމުން އެ ސަރަހައްދުގައި ރިކަވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވީނަމަވެސް ހޮނިހިރު ދުވަހުގެ މެންދުރުފަހު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާއެކު އިތުރަށް އޮޕަރޭޝަން ކުރިއަށް ނުގެންގޮސް މެދުކަނޑައިލީ އެވެ.
މި އޮޕަރޭޝަން އަލުން ފެށީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާ އެކުގަ އެވެ. އަދި ކުރެވުނު މަސައްކަތުން ގެއްލުނު މީހުންގެ ހަށިތައް ލޮކޭޓް ކޮށް، ދެ ދުވަސް މަތިން ހަތަރު މީހުންގެ ހަށިތައް ވަނީ ނަގާފަ އެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް އަންނަނީ ހާދިސާގެ ތަހުގީގެއް ހިންގަމުން ނެވެ.
ހާދިސާގައި އޭބީސީ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މަރުވި ފަތުރުވެރިންގެ ތެރެއިން ދެ މީހެއްގެ ނަން އެ މީހުން ރާއްޖެ އައި ސަބަބު ކަމަށްވާ ރިސާޗަރުންގެ ލިސްޓްގައި ނެތް ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. މިކަމުގެ ސަބަބުން، އެ ދެ މީހުންނަކީ ވެސް އެ ދަތުރުގެ ބައިވެރިންކަން ސަރުކާރަށް ކުރިން އެނގިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ގްރޫޕަށް ފީނުމުގެ ހުއްދައެއް ދޫކޮށްފައި އޮތް ނަމަވެސް "ދިރާސާގެ ޕްރޮޕޯސަލްގައި ބައެއް ކަންކަން މަދު" ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. އަދި އެ ގްރޫޕުން ކަނޑުއަޑީގެ ހޮހޮޅައެއް ދިރާސާކުރަން އުޅޭކަން ވެސް ސަރުކާރަށް އަންގާފައިނުވާކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. ތަރުޖަމާނު ވިދާޅުވީ ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް ފުޅާ ތަހުގީގެއް ކަމަށެވެ.
ހާދިސާގައި އެ މީހުން ޑައިވިންއަށް ގެންދިޔަ 'އެމްވީ ޑޫކް އޮފް ޔޯކް’ގެ އޮޕަރޭޓިން ލައިސަންސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފައި ވެއެވެ.
