ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅިގެން ކުރިއަށްގެންދިޔަ "މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގެ ތިންވަނަ ބުރުން 40 ކުދިން ދަސްވެނިވެއްޖެ އެވެ.
ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އެވެ.
މި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލު ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުން ކުރިއަރަން ބޭނުންވާ ދާއިރާތަކުން އަސާސީ ހުނަރުތައް ފޯރުކޮށްދިނުމަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ. އަދި މިފަދަ ޕްރޮގުރާމުތަކުގެ ސަބަބުން ޤައުމު ޤަބޫލުކުރާ ފަދަ ހުނަރުވެރި ޒުވާނުންތަކެއް އުފެދި، އެ ކުދިންގެ ކުރިމަގުގެ ބިންގާ ވަރުގަދައަށް އެޅިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު 3ވަނަ ބެޗުގެ ތަމްރީނުތައް މި ނިންމާލެވުނީ. ވަރަށް ކާމިޔާބު ޕްރޮގްރާމެއް މިއީ. މިހާތަނަށް 100އަށްވުރެ ގިނަ ދަރިވަރުން ނުވަތަ ޒުވާނުން މި ތަމްރީނު ޕްރޮގުރާމުތައް ނިންމާލިއިރު، މީގެ ތެެރެއިން 71 ޒުވާނަކަށް މިހާރު މެރިއޮޓް އިންޓާނޭޝަނަލްގެ ރިސޯޓުތަކުން ވަޒީފާވެސް އެވަނީ ލިބިފައި،" ޠަލާލު ވިދާޅުވިއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާޙައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ހިންގާ ނަތީޖާ ނެރެދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން އެކި ސިނާޢަތްތަކުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރަށް ފުޅާވެގެންދާނެއެވެ.
