އެފްޑީސީގެ ފްލެޓެއް ކުއްޔަށް ދިން މީހަކު 50،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓެއް ކުއްޔަށް ދިން މީހަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އިތުރު ހަ ފަރާތަކަށް އިންޒާރު ދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ފްލެޓްތައް ކުއްޔަށް ދިނުމަކީ އެތަންތަނުގެ ވެރިންނާއެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. މިގޮތުން، ފްލެޓް ކުއްޔަށް ދީގެން މިހާތަނަށް އެކަކު 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވި ގޮތުގައި، ފްލެޓުތަކުގައި ކުރުން މަނާކަންކަން ވަނީ އެކި ގިންތިތަކަށް ބަހާލެވިފައެވެ. އޭގެ ތެރެއިން ބިދޭސީން ދިރިއުޅުމަށް ފްލެޓްތައް ދޫކުރުމަކީ އެންމެ މަތީ ދަރަޖައިގައި އެއްބަސްވުމާ ޚިލާފުވުން ކަމަށް ބެލެވޭތީ، އެފަރާތް ޖޫރިމަނާކުރީ އެ ސަބަބަށްޓަކައެވެ. މީގެ އިތުރުން، އެއްބަސްވުމާ ޚިލާފުވި އިތުރު ހަ ފަރާތަކަށް މިހާރު ވަނީ އިންޒާރު ދީފައެވެ.

މިއީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ހެޔޮ އަގުގައި ދޫކޮށްފައިވާ ފްލެޓްތަކެއް ކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މި ފްލެޓްތައް އިތުރު ބަޔަކަށް ކުއްޔަށް ނުދިނުން ކަމަށް ހަމްދާން ފާހަގަކުރެއްވިއެވެ. މިކަން ފްލެޓްތަކުގެ ވެރިންނާއެކު ވެފައިވާ އެއްބަސްވުމުގައިވެސް ސަރީޙަކޮށް ބަޔާންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްޑީސީން ބުނީ ފްލެޓުތައް ކުއްޔަށް ދިނުމުގެ މައްސަލަތައް ފެންމަތިވަމުންދާތީ، އެކަންކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި، އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *