ގައުމު ހިންގުމުގައި އަންހެނުންގެ ދައުރު

ގައުމު ހިންގުމުގައި އަންހެނުންގެ އަދާކުރާ ދައުރަކީ މުހިއްމު ދައުރެކެވެ. ނަމަވެސް ޕޮލިސީތައް އެކުލަވާލެވޭ ހިސާބުގައި އަންހެނުންގެ ބަސް ވިކޭ ބާވައެވެ؟ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއިއެކު އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހޭކަމަށް އޮވެއެވެ. ނަމަވެސް ވަޒީފާގެ މާހައުލުގައި އަދި ރަށްރަށުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރެވި ކަންކަން ކުރެވެނީ އަންހެނުންގެ ބައިވެރިވުމާ އެކުގައިކަން ކަށަވަރު ކުރެވޭނެ ގޮތެއް ނޯވެއެވެ. އެމީހުންގެ ބައިވެރިވުމާއި އެމީހުންގެ ނިންމުންތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިގެން ނުދާކަމަށް ގިނަ އަންހެނުން ފާހަގަ ކުރެއެވެ.

މިކަން ފާހަގަ ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅުއްވާފައެވެ. އެ ގަރާގުގެ ބަހުސް ފެށިގެން ކުރިއަށް ދާއިރު އަންހެނުންގެ ހައްގުތައް ރައްކާތެރިކުރެވި އަންހެނުންގެ ބައިވެރިވުމާ އެކުގައި ކަން ކުރެވޭތޯ ކަށަވަރުކުރުމަށްޓަކައި ކައުންސިލް ތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާން ކޮށްފައިވެއެވެ.

ގައުމު ހިންގުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ ތެރެއިން %33, އަންހެނުންނަށް ޚާއްސަކުރެވިގެން ގާނޫނެއް ވަނީ އިސްލާހު ކުރެވިފައެވެ. 2021 ވަނަ އަހަރު އިންތިޚާބު ކުރެވުނު މި ކައުންސިލު އިންތިހާބުގައި ގިނަ އަދަދެއްގެ އަންހެނުން ކާމިޔާބު ކުރިއެވެ. ނަމަވެސް ގައުމު ހިންގުމުގައި އަދިވެސް އެކަށީގެންވާ ނަތީޖާތަކެއް އަންހެނުންނަށް ފެންނަމުން ނުދާކަމަށް ގިނަބަޔަކު ފާހަގަ ކުރެއެވެ.

"ފެންނަނީ ކޭކު ކޯސްތަކާއި ފަހާކޯސްތައް ބާއްވާ މަންޒަރު. ނޫނީ ދޭތެރެއަކުން ކުޅިވަރު މުބާރާތެއް ބާއްވާތަން. ވަޒީފާ މާހައުލުގައި އޭނާގެ ބައިވެރިވުން ހިމަނައިގެން ގައުމުގެ ކަންކަން ކުރިއަށް ގެންދާތަން ހިއެއްނުވޭ ފެންނަ ހެނެއް. ހަގީގަތުގައި އޮފީސްތަކުގައިވެސް އެޑްމިންގެ މަސައްކަތްތައް އަންހެނުންގެ ފުރިހަމަ އެއްބާރުލުން ލިބޭ. އެކަމަކު މީޓިންއެއް ބާއްވާ ކަމެއްގައި ގޮތެއް ނިންމަންވެއްޖެނަމަ ފިރިހެނުން ގޮތްކިޔާތަން ބޮޑަށް ފެންނަނީ. އަދި އެގޮތަކަށް ކަންކަން ނިމެނީވެސް." އަންހެނުން ތަރައްޤީއަށް ކުރިމަތިލީ އަންހެނެއް ފާހަގަކުރިއެވެ.

ގައުމު ހިންގުމުގައި އަންހެނުންގެ ބަސް މުހިއްމުކަމަށް ވަރަށް ގިނަ ވާހަކަތައް ދެކެވެއެވެ. 2021 ވަނައަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމާއި ގުޅޭގޮތުން ބޭއްވި ހަފްލާއެއްގައި އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ދުވަހެއް ދުވަހަކަށް އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ފާހަގަ ކުރެއްވިއެވެ. 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބައްވައި، މި ޖަލްސާގައި 9 ފަރާތަކަށް ރެހެންދި އެވޯޑް ހަވާލު ކުރެވުނެވެ. އަންހެނުންގެ ވޯކްޝޮޕްތައް ބޭއްވެއެވެ. ހޭލުންތެރިވެސް ކުރެވެއެވެ. އަދި އެމީހުންގެ ހައްގުތަކާއި ބައިވެރިވުން އިތުރު ކުރަން ޖެހޭކަމަށް އަދިވެސް މުޖުތަމަޢުވެސް  ގަބޫލުކުރެއެވެ. ނަމަވެސް މިދެންނެވި ރައްކާތެރިކަމާއި ބައިވެރިވުން އޮންނަ މިންވަރު ބެލޭނެ ހަރުދަނާ ގޮތްތަކެއް އަދި ނުފެނެއެވެ.

"އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދައްކަންފެށީމަ މިހާރު ކުރަނީ މަލާމާތް. އޮފީސްތަކުގައިވެސް އެ މައުލޫއަށް ވާހަކަ ދައްކާނަމަ ބުނާނެ ކޮން ހައްގެއްހޭ ނުލިބެނީ. ހަގީގަތުގައި ވަޒީފާގައި ހުންނަންވެސް ބޮސް ރުއްސަން ޖެހޭ. ވަޒީފާ ހޯދަން ކޮންމެވެސް ނުފޫޒުގަދަ މީހެއްގެ ދަށުވާން ޖެހޭ. މިއީ މިކަހަލަ ގޮތްގޮތަށް ހިނގަމުންދާ ކަމެއްކަން އެންމެނަށްވެސް އެނގޭ.  އެހެންނަމަވެސް ސައިމޭޒު ދޮށުގައި އެ ވާހަކަ ދައްކާލާފައި ހިންދާލަނީ.  އެކަންކަން ބަލާ ނިކަމެތިވާ މީހާއަށް އިންސާފު ހޯދޭނެ ގޮތެއްވެސް ނޯވޭ." އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކުރާ ޒުވާނެއް ފާހަގަ ކުރިއެވެ.

ވީމާ ޖުމްލަކޮށް އަންހެނުން މަސައްކަތްކުރާ ވަޒީފާގެ މާހައުލާއި، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގައިވެސް އެމީހުންގެ ހައްގުތަކާއި ރައްކާތެރިކަމާއި ގައުމު ހިންގުމުގައި އެމީހުންގެ ބަސްބުނެވޭތޯއާއި އަދި މަސައްކަތްކުރެވޭތޯ ބަލަން ޖެހެއެވެ. އަދި މިކަންކަން ކުރެވޭތޯ ކަށަވަރުކުރެވޭނެ ގޮތެއްވެސް އަންނަން ޖެހެއެވެ. އަދި އެމީހުންނަށް އެކަށީގެންވާ ރައްކާތެރި މާހައުލެއް އުފައްދަން ގިނަގުނަ މަސައްކަތް އެބަހުއްޓެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *