ހުސްވި މޭ މަހު ރާއްޖެއިން ދަޅު މަސް ބޭރުކުރި މިންވަރު އެޕްރީލް މަހާ އަޅާ ބަލާއިރު 22.5 އިންސައްތަ އިތުރުވެއްޖެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއިން 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު މި މުދަލުގެ ބޮޑު ބައި ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ.
ރާއްޖެއިން އެންމެ ގިނައިން ބޭރުކުރަނީ ދަޅުގައި ބަންދުކުރި މަހާއި، ގަނޑުކުރި ކަޅުބިލަ މަހާއި ކަންނެލީގެ ބާވަތްތަކެވެ.
ހިސާބުތަކަށް ބަލާއިރު މި ދިޔަ މަހު 38 މިލިޔަން ރުފިޔާގެ ދަޅު މަސް ބޭރުކުރިއެވެ. އޭޕްރީލްމަހު ބޭރުކުރީ 31 މިލިޔަން ރުފިޔާގެ ދަޅު މަހެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މޭ މަހު ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ދަޅުގައި ބަންދުކުރި މަހެވެ. އެގޮތުން 38 މިލިއަން ރުފިޔާގެ ދަޅު މަސް ބޭރުކޮށްފައިވެއެވެ. އަދި 27 މިލިއަން ރުފިޔާގެ ގަނޑުކުރި ކަޅުބިލަ މަހާއި 18 މިލިއަން ރުފިޔާގެ ގަނޑުކުރި ކަންނެލި މަސް ބޭރުކޮށްފައިވެއެވެ.
