ފީފާ ވޯލްޑް ކަޕުގެ ގަދަ 16ގައި ބްރެޒިލްއާއި ނޯވޭ ބައްދަލުކުރި މެޗު ނޯވޭއިން ކާމިޔާބުކޮށްފިއެވެ.
1-2 އިން ނޯވޭއިން މެޗު ކާމިޔާބުކުރިއިރު މެޗުގައި ނޯވޭއަށް ދެ ލަނޑު ވެސް ޖަހައިދިނީ އާލިިންގ ހާލާންޑެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ރީތި މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ.
ފުރަތަމަ ކޮޅުގައި ނޯވޭއިން އެޓޭކަށް ނުރައްކާކުރަމުން ދިޔަ އިރު، ތިންވަނަ މިނެޓުގައި ގޯލް ތެރެއަށް ބޯޅަ ވައްދާވެސް ލިއެވެ. އެއީ އަރިމަތިން ހުސްވެލާފައި އެލެކްޒެންޑާ ސޯލޯތު ދިން ބޯޅައެއްގައި ޕެޓްރިކް ބާގް ފޮނުވާލި ބޯޅައެއްގައެވެ. އެއީ ގޯލެއް ކަމަށް ގުނާފައި ނުވަނީ ފުރުސަތު ތަނަވަސްކުރުމުގައި ސޯލޯތު އޮފްސައިޑް މަގާމެއްގައި އޮވެ ބޯޅަ ހޯދައިގެން ފުރުސަތު ތަނަވަސްކުރުމުންނެވެ.
އޭގެ އިރުކޮޅެއްފަހުން މެޗުގެ 10 ވަނަ މިނެޓުގައި ބްރެޒިލަށް ގޯލް ޖަހަން ލިބުނު އެންމެ ފަހި ފުރުސަތު ލިބުނެވެ. ކައުންޓާގައި ކުރިއަށް ޖެހި ގެބްރިއެލް މާޓިނެލީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މެތިއަސް ކުންޏާ ޖައްސާލުމާއެކު ނޯވޭގެ ކްރިސްޓޮފާ އަޔާ ފައުލްކުރުމުން ރެފްރީ ވަނީ ޕެނަލްޓީ ދީފައެވެ.
އެހެން ނަމަވެސް ބްރެޒިލަށް ގޯލް ހުޅުވާލެވޭ ގޮތެއް ނުވިއެވެ. ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީ ނޯވޭގެ ކީޕަރު އޯޔާން ނީލަންޑް މަތަކުރީ ޔަގީންކަމާއެކުގައެވެ.
ހާފު ނިމެން ދިޔަ އިރު، އަނެއްކާވެސް ނުރައްކާ ކުރީ ނޯވޭންނެވެ. އެގޮތުން 35 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ނޯވޭ ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާ ދިޔައީ ބްރެޒިލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި ނޫސާ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އާލިން ހާލަންޑް ޖައްސާލި ނަމަވެސް، ބްރެޒިލް ކީޕަރު އެލިސަން ބެކާ ބޯމަތިން ވައްޓާލެވޭ ގޮތެއް ނުވިއެވެ.
ހާފު ނިމިނިމި އޮއްވާ ހާލަންޑްގެ މަސައްކަތާއެކު އޮޑެގާޑަށް އިތުރު ފުރުސަތެއް ފަހިވި އިރު، އޭނާ ހުސްކޮށް އޮވެ ފޮނުވާލި ބޯޅަ މަތަކުރީ އެލިސަންއެވެ. އެ ސޭވާއެކު ހާފު ނިމިގެން ދިޔައީ ދާދި ހަމަހަމަ ކޮށެވެ.
ދެވަނަ ހާފު ފުރަތަމަ ހާފަށްވުރެވެސް ޝައުގުވެރިއެވެ. ފުރަތަމަ ފެށުންވެސް ދިޔައީ ފޯރިގަދަކޮށެވެ. ހާއްސަކޮށް ބްރެޒިލުން ދެވަނަ ހާފު ފެށީ ރަނގަޅު ޓެމްޕޯއެއްގައެވެ. ހާފިގެ ކުރީކޮޅުގައި ކުންޏާގެ ބަދަލުގައި އެންޑްރިކް ކުޅެން ނުކުމެފައިވާ އިރު، ނުކުތްތާ މިނެޓެއް ނުވަނީސް އޭނާއަށް ހުސް ފުރުސަތެއް ލިބުނެވެ.
ބަދަލުތަކާއެކު ބްރެޒިލުން ކުރި މަސައްކަތަށް ކުއްލިއަކަށް ހުރަސް އެޅުނީ 79 ވަނަ މިނެޓުގައި ނޯވޭ ޖެހި ގޯލުންނެވެ. އިތުރު ތައާރަފަކަށް ބޭނުން ނުވާ ހާލަންޑްގެ ރަސްމީ ނިންމާލުމަކާއެކުގައެވެ. ޝޯލްޑެރަޕް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހާލަންޑް ބޮލުން ގޯލަށް ވައްދާލީ ބާރު ހަމަލާއަކާއެކުގައެވެ. އެލިސަންއަށް މިފަހަރު ބްރެޒިލް ސަލާމަތެއް ނުކުރެވުނެވެ.
އެ ގޯލާއެކު ބްރެޒިލުން ނަތީޖާއަކަށް އަވަސް އަރުވާލިއެވެ. އެގޮތުން ދުރުން ފޮނުވާލި ހަމަލާއެއްގައި ނޯވޭގެ އަޔާގެ ފައިގައި ޖެހި ބޯމަތިން ބައިކޮޅަށް ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް، ނޯވޭ ކީޕަރު ނީލަންޑް ވަނީ މަތަކޮށްފައެވެ. އެ ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ. އަދި އޭގެފަހުން ކަސެމީރޯ ފޮނުވާލި ހަމަލާ ގޯލާ ދިމާކޮށްލެވޭ ގޮތެއް ނުވިއެވެ.
ހާލަންޑް ބްރެޒިލް ރޮއްވާލީ 90 ވަނަ މިނެޓުގައި ޖެހި ހިތްގައިމު ގޯލުންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ބޯޅަ އަމާޒުކޮށްލާފައިވަނީ ބްރެޒިލް ގޯލުގެ ތިރީ ކަނަކަށެވެ. ހިތްގައިމު މޮޅު ގޯލެކެވެ. އެއީ މިފަހަރު ވޯލްޑް ކަޕްގައި ހާލަންޑް ޖެހި ހަތްވަނަ ގޯލެވެ. އެއާއެކު އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އާއި ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭއާއެކު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ހާލަންޑްވެސް ވަނީ ހިމެނިފައެވެ.
މެޗުގައި ބްރެޒިލްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ނޭމަރ ޖޫނިއަރއެވެ.
މި މެޗުގައި ހާލާންޑް ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ މިވަނީ މި މުބާރާތުގައި ޖެހި ޖުމްލަ ލަނޑުގެ ޢަދަދު 7އަށް އަރައިފައެވެ. އެހެންކަމުން މެސީއާއި އެމްބާޕޭ އަދި ހާލާންޑް މިހާރު މިވަނީ އެއްވަރެއްގައެވެ.
މެޗުން މޮޅުވެ ކުއާޓާ ފައިނަލަށް ނޯވޭ ދަތުރުކުރުމާއެކު އެ ޓީމުން މިވަނީ ތާރީޚުގެ ތެރެއަށް ވަދެފައެވެ. އެގޮތުން މިއީ ނޯވޭ ވޯލްޑް ކަޕުގެ ތާރީޚުގައި ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ދިވެހިންގެ ގިނަ ބައެއްގެ ތެރޭގައި މަޤްބޫލު ބްރެޒިލްއަށް މުބާރާތް މި ނިންމާލަންޖެހުނީ މޮޅު ކުޅުމެއް ކުޅުމަށްފަހުއެވެ. ފަހުގެ ތާރީޚެއްގައި ބްރެޒިލްއަށް ވޯލްޑް ކަޕުގައި ރަނގަޅު ހިސާބަކަށް ދެވުނީ 2014ގައެވެ. އެ އަހަރުގެ މުބާރާތުގައި ސެމީ ފައިނަލުން ބްރެޒިލް ބަލިވީ ޖަރުމަނު އަތުން ލަދުވެތި ނަތީޖާއެއްގައެވެ.
ނޯވޭއިން މުބާރާތުގެ ކުއާޓާ ފައިނަލުގައި ނުކުންނާނީ އިނގިރޭސިންނާއި ދެކޮޅަށެވެ.
