ފީފާ ވޯލްޑް ކަޕުގެ ގަދަ 16ގައި ޕޯޗުގަލްއާއި ސްޕެއިން ބައްދަލުކުރި މެޗު ސްޕެއިނުން ކާމިޔާބުކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސްޕެއިނުން މެޗު ކާމިޔާބުކުރީ 1-0އިންނެވެ.
ހީކުރި ގޮތަށް މެޗުގެ ފުރަތަމަ ހާފު ފެނުނީ ޓެކްޓިކަލް ހާފެއްގެ ގޮތުގައެވެ. ދެޓީމުންވެސް މާ ފިޒިކަލް ކުޅުމެއް ފެނިގެން ނުދިޔަ އިރު، ދެޓީމުންވެސް ފެނުނީ "ވަރަށް ޔޫރަޕް" ކުޅުމެކެވެ. އެހެން ކުޅެމުން ދިޔަ ނަމަވެސް ހަމަލާތައް ފެނުނެވެ.
މެޗްގައި ސްޕެއިންގެ ނުރައްކާ ބޮޑަށް ފާހަގަވަމުން ދިޔަ ނަމަވެސް، ހާފުގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ ޕޯޗުގަލްގެ ފަރާތުންނެވެ. ހާފު ނިމެން ދަނިކޮށް ނޫނޯ މެންޑޭޒް ފޮނުވާލި ބާރު ހަމަލާ، ސްޕެއިން ޑިފެންޑަރު ޕެޑްރޯ ޕޮރޯގެ ބޮލުގައި ޖެހި އަމާޒުވީ ސްޕެއިން ގޯލުގެ ހުރަސް ދަނޑިއަށެވެ. އެއާއެކު ހާފު ނިމިގެން ދިޔައީ ހަމަހަމަވެފައި އޮވެގެންނެވެ.
ދެވަނަ ހާފުގައި މެޗު ތަންކޮޅެއް ބޮޑަށް އަވަސްވިއެވެ. އެހެން ނަމަވެސް ހާފުގެ ކުރީކޮޅުގައި ހަމަލާތައް ފެނުނީ މަދުންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޕޯޗުގަލްގެ މެންޑޭޒްއަށް އަނިޔާވެ އޭނާގެ ބަދަލުގައި ނެލްސަން ސެމޭޑޯ ކުޅެން ނެރެން ޖެހުމަކީ އެޓީމަށް ކުރިމަތިވި މާޔޫސްކަމެއް ނަމަވެސް، އޭގެފަހުން 15 ވަރަކަށް މިނެޓް ބޮޑަށް ބޯޅަ ހިފެހެއްޓީ ޕޯޗުގަލްއިންނެވެ.
ޕޯޗުގަލްގެ ރަނގަޅު ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ހަމަލާތައް ފެނިގެން ދިޔައީ ސްޕެއިންގެ ފަރާތުންނެވެ. ޕެޑްރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ޕޯޗުގަލް ޑިފެންޑަރު ރެނާޓޯ ވޭގާ ބްލޮކް ކުރި އިރު، އޭރިއާ ބޭރުން އެލެކްސް ބައޭނާ ފޮނުވާލި ހަމަލާވެސް ކާމިޔާބެއް ނުވިއެވެ.
ދެވަނަ ހާފުގެ ފަހުކޮޅަށް ދިޔަ ވަރަކަށް މަޑުމަޑުން އިތުރު ހަމަލާތައް ފެންނަން ފެށިއެވެ. ބްރޫނޯ ފެނާންޑޭޒް އޭރިއާ ތެރެއިން ރަނގަޅު ޓާންއަކާއެކު ފޮނުވާލި ބޯޅަ އަރިމަތީ ދާގަނޑަށް އަމާޒުވި އިރު، އަނެއްކޮޅުން ފެރާން ޓޮރޭސް ކުޅެން ނުކުތުމާއެކު އޭނާގެ ނުރައްކާ ފާހަގަވިއެވެ. ރަނގަޅު މޫވްތަކެއް ފެރާން ނެގި ނަމަވެސް، ސީދާ ފުރުސަތެއް ހޯދުންވީ އުނދަގޫ ކަމަށެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ވެސް ސްޕެއިން ޓީމުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި ސްޕެއިންގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް މިކޭލް މެރީނޯއެވެ.
މުބާރާތާ ޕޯޗުގީޒުން އަލްވަދާޢު ކިޔަންޖެހިފައިވާއިރު މިއީ އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންކަމުން މި މެޗު ވެގެން މިދިޔައީ ރޮނާލްޑޯ ވޯލްޑް ކަޕުގައި ކުޅުނު އެންމެ ފަހު މެޗަށެވެ.
މުބާރާތުުގެ ކުއާޓާ ފައިނަލަށް ސްޕެއިން ދަތުރުކޮށްފައިވާއިރު ސްޕެއިން ކުއާޓާގައި ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.
