ފީފާ ވޯލްޑް ކަޕުގެ ގަދަ 16ގައި އާޖެންޓީނާއާއި މިޞްރު ބައްދަލުކުރި މެޗު ފަހަތުން އަރައި އާޖެންޓިނާ ކާމިޔާބުކޮށްފިއެވެ. އާޖެންޓީނާއިން މެޗު ކާމިޔާބުކުރީ 2-3އިންނެވެ.
އާޖެންޓީނާއިން ވަނީ މިމެޗަށް ތިން ބަދަލު ގެނެސްފައެވެ. ފުލްބެކް ފަކުންޑާ މެޑީނާ، އަދި ފޯވަޑް ލައިނުން ތިއާގޯ އަލްމާޑާއާއި ލައުޓާރޯ މާޓިނޭޒް ބެންޗުން ފެށި އިރު، އޭގެ ބަދަލުގައި ފުރަތަމަަ 11 އިން ފުރުސަތު ދީފައިވަނީ ފުލްބެކް ނިކަލޮސް ޓަގްލިއަފީކޯއާއި ލިއާންޑްރޯ ޕަރޭޑޭސް އަދި ހޫލިއަން އަލްވަރޭޒަށެވެ. މިސްރުން ވެސް ފުރަތަމަ 11 އަށް ބައެއް ބަދަލުތައް ގެނެސްފައިވާ އިރު، އެންމެ ފާހަގަކޮށްލެވުނީ އުމަރް މާމޫޝް ބެންޗުން ފެށުމެވެ.
މެޗުގައި މިޞްރުގެ ފަރާތުން ވެސް ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. އެހެނީ މެޗުގެ 15ވަނަ މިނެޓުގައި މިޞްރުން ވަނީ ޔާސިރު އިބްރާހީމްގެ ޖެހި ލަނޑާއެކު ލީޑު ނަގައިފައެވެ. ނަތީޖާ ހަމަހަމަކޮށްލުމަށް ޓަކައި އާޖެންޓީނާއަށް މެޗުގެ 21ވަނަ މިނެޓުގައި ރަނގަޅު ފުރުޞަޠެއް ލިބުނެވެ. މިޞްރު ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ މެސީއަށް އެހެނަސް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މިއީ މި މުބާރާތުގައި މެސީއަށް ލިބުނު އަދި ކާމިޔާބު ނުކުރެވުނު ދެވަނަ ޕެނަލްޓީއެވެ.
އޭގެފަހުން ހާފު ނިމެންދެން މިސްރަށް ހިތްވަރު ކޮށްދިނީ ކީޕަރު ޝުބީރެވެ. އާޖެންޓީނާއިން ފުލުފުލުގައި އެޓޭކް ކުރި އިރު، އޭނާ ހުރީ ފުރިހަމަ ފޯމެއްގައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ރޮޑްރިގޯ ޑި ޕޯލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެލެކްސިސް މެކެލިސްޓާ ބޮލުން ފޮނުވާލި ހަމަލާގައި ކީޕަރު ޝުބީރްގެ މޮޅު ސޭވެއް ފެނުނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ފަހަތުން ފެށިގނެން ހައިސެމް ހަސަން ބޯޅައާއެކު ކުރިއަށް ގޮސް، ސަލާހަށް ދިން ބޯޅަ، އޭނާ ރީތިކޮށް ޖައްސާލޯ މުސްތަފާ ޒީކޯއަށެވެ. އޭނާ ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެއީ ހަސަން އެ ބޯޅަ ހޯދި އިރު، ލިސާންޑްރޯ މާޓިނޭޒަށް ފައުލްކުރި ކަމަށް ބަލައިފައެވެ. މެޗްގެ 67 ވަނަ މިނެޓުގައި މިސްރުން ގޯލް ޖަހައި އާޖެންޓީނާއަށް ސިހުން ގެނައެވެ. އިސަމް ހަސަން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، މިސްރަށް އެ ގޯލު ކާމިޔާބުކޮށްދިނީވެސް ޒީކޯއެވެ.
އެހިސާބުން އާޖެންޓީނާއާއި މެސީ ހާސްކަމަށް ވައްޓާލި ނަމަވެސް، ހައިޑްރޭޝަން ބްރޭކަށްފަހު މެޗުގެ އޮއިވަރު ބަދަލުވިއެވެ. އެގޮތުން 79 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ އާޖެންޓީނާއަށް ގޯލްް ޖަހައިދީ އުންމީދު އާކޮށްދިނެވެ. އެއީ މެސީ ނަގައިދިން ބޯޅަ، ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
އޭގެ އިރުކޮޅެއްފަހުން ލައުޓާރޯ މާޓިނޭޒަށް ހުސް ފުރުސަތެއް ފަހިވި އިރު، މެސީ އަރިމަތިން މިސްރުގެ ޑިފެންޑަރު ނައްޓާލާފައި ވަދެ ނަގައިދިން ބޯޅައިގައި މާޓިނޭޒް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އޭގެ މިނެޓެއްފަހުން 83 ވަނަ މިނެޓުގައި މެސީ ވަނީ މެޗު އެއްވަރު ކޮށްދީފައެވެ.
ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހުސްކޮށް ހުރެ، ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗު އެއްވަރުކުރި އިރު، އެހިސާބުން އާޖެންޓީނާ އަތަށް މެޗު އެނބުރުނެވެ. އަދި އިތުރު ވަގުތަށް ދިޔަ ނުދޭން އެޓީމުން ކުރި މަސައްކަތް ކާމިޔާބުކުރީ އިތުރު ވަގުތުގެ ތެރެއިންނެވެ. މެޗުގެ 92 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލައިގެން އާޖެންޓީނާއަށް ގޯލު ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒްއެވެ.
އެހިސާބުން މިސްރު މާޔޫސްވެ، ރެފްރީއަށް ޝަކުވާވެސް ކޮށްފައިވެއެވެ. އެހެން ނަމަވެސް މެޗު ނިމުނީ އާޖެންޓީނާއިން ކުއާޓާ ފައިނަލް ޔަގީން ކޮށްގެންނެވެ.
2-2ގެ ނަތީޖާގައި އޮއްވާ މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި އެންޒޯ ފެންނާންޑޭޒް ކާމިޔާބުކުރި ލަނޑާއެކު އާޖެންޓީނާއިން މެޗު ކާމިޔާބުކޮށް މިވަނީ މިޞްރަށް މުބާރާތް ނިމިފައެވެ. އަދި އާޖެންޓީނާއިން މުބާރާތުގެ ކުއާޓާ ފައިނަލަށް މިވަނީ ދަތުރުކޮށްފައެވެ. ކުއާޓާ ފައިނަލުގައި އާޖެންޓިނާއިން ނުކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.
