ލޯބިވުމަށާއި ރުޅިއައުމަށް ޢުމަރުގެފާނު ދެއްވި މިންގަނޑުގައި ހިފަހައްޓަވާ!

ޢުމަރުގެފާނު ދެއްވެވި ނަޞޭހަތެއްގައި ވިދާޅުވެފައިވެއެވެ.

"މާބޮޑަށް ލޯބިނުވާށެވެ! އަދި އަނެކާއަށް ގެއްލުންދޭވަރަށް ރުޅިވެސް ނުއަންނާށެވެ."

އިތުރު ތަފްޞީލަށް އެދި ދެންނެވުމުން ވިދާޅުވިއެވެ.

"މީހަކު ދެކެ ލޯބިވާންވާނީ މަންމަ ދެކެ (މަންމައަށް އެދިގެން ހުންނަ) ދަރިއަކު މަންމަދެކެ ލޯބިވާފަދައިންނެވެ. އަދި އަނެކާއަށް ގެއްލުންދީ އޭނާ ހަލާކުކޮށްލާވަރަށް ރުޅިއައިސްގެން ނުވާނެއެވެ."

މިބަސްފުޅުން އެނގިގެންދަނީ ލޯބިވުމުގައިވެސް އަދި ރުޅިއައުމުގައިވެސް އިންތަކެއްގައި ހިފަހައްޓަންޖެހޭ ކަމެވެ. މައިން ދެކެ ދަރިންވާ ލޯތްބަކީ ވަރަށް އިޚްލާޞްތެރި ލޯތްބެކެވެ. މައިމީހާއަށް ކިތަންމެ ކުޑަނަމވެސް ދެރަކަމެއް މެދުވެރިވުމަކަށް ނޭދޭނެއެވެ. އަބަދުވެސް ބޭނުންވާނީ މައިމީހާ އުފަލުގައި ބެހެއްޓުމަށެވެ.

ދެން އޮތީ ރުޅިއެވެ. މީހަކު ދެކެ ކިތަންމެ ވަރަކަށް ރުޅިއައި ނަމަވެސް އެމީހާއަށް އެއްވެސް ގެއްލުމެއް ދިނުމެއް ނެތެވެ. އަދި އަދި ގެއްލުމެއް ލިބުމަށް އެދުމެއްވެސް ނެތެވެ. ރުޅިއަކީ މީހާގެ ނަފުސްގެ ކޮންޓްރޯލް ގެއްލުވައިލާ ވިހަގަދަ ނުބައި އެއްޗެކެވެ. ރުޅި އަންނަ ހިނދު ޝައިޠާނާ ލޭގެތެރެއަށް ވަދެ ލޭ ހޫނުކޮށްލުވައި މީސްތަކުން ލައްވައި އެންމެ ނުބައި އަމަލުތައް ކުރުވަން މަސައްކަތްކުރެއެވެ. ރުޅި އައުމުން އަނިޔާކުރުމާއި މަރައިލުން ފަދަ ކަންކަން ހިނގަން މެދުވެރިވަނީ ޝައިޠާނާ ބާރުގަދަކޮށްލައި ލޭހޫނުކޮށްލުވުމުން ބުއްދިފިލައިދާތީއެވެ.

މަސްތުނުވި ނަމަވެސް ބުއްދިފިލައި ދިއުމަކީ އަތުންފައިން ކިތަންމެ ބޮޑު ގޯހެއްވެސް ހެދިދާނެ ކަމެކެވެ. އަންނަ ރުޅީގައި ވިސްނާނުލައި ވަރިކުރުމާއި ވަރިވުން ފަދަ ކަންކަން ހިނގަން މެދުވެރިވާ ސަބަބަކީވެސް ހަމަ ޝައިޠާނާގެ ބާރެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *