ވެހެމުންދިޔަ ވާރޭ ދަނީ ބޯކުރަމުންނެވެ. ވިދާލާ ވިދުވަރާއިއެކު ޖަހަމުންދާ ގުގުރީގެ އަޑުން ކަންފަތް ފަޅައިގެން ދާވަރުވެއެވެ. އަނަމްއާއި ނަބާ އިނީ ކާމޭޒު ކައިރީގައެވެ. އެ މީހުންނަކީ ވަރަށް ވާހަކަދައްކާ ހެދިމީހުންނެވެ. ނަމަވެސް މިރޭ އެދެމެދުގައިވަނީ ހިމޭންކަމެވެ. އަނަމް ސިއްރުސިއްރުން ނަބާއަށް ބަލާލައެވެ. ނަބާގެ ލޯބިލޯބި އަދާތަކުން އަނަމްގެ ހިތުގެ ވިންދު އަވަސްވަމުން ދެއެވެ. އަނަމް އަތްދޮވެގެން ދާންއުޅެނިކޮށް ނަބާގައިގާ އަޅައިގަތެވެ. ނަބާގެ އަތުގައި އޮތް ތަށި ވެއްޓި ތަޅައިގެން ދިޔައެވެ.
"ސޮރީ." އަނަމްއަށް ހުރެވުނީ ނަބާއަށް ބަލަހައްޓައިގެންނެވެ. އެ ތޫނު ކަޅިރަވައިގާވާ ބާރަކުން އަނަމްގެ ހިއްސުތަކާ ކުޅެލިއެވެ. މިރޭގެ އާދަޔާ ޚިލާފު ހަމަހިމޭންކަން އެ ދެމީހުންނަށްވެސް އުނދަގޫ ކުރަމުން ދިޔައެވެ. ނަބާއަށް އެއްވެސް އެއްޗެއް ނުބުނެވި މަޑުމަޑުން އަނަމްގެ މޫނަށް ބަލަން ހުރެވުނީއެވެ. އަނަމް ބޭއިޚުތިޔާރުގައި ނަބާއާ ނުހަނު ގާތަށް ޖެހިލެވުނެވެ. އެ ރީތި އިސްތަށިގަނޑުން ދުވި މީރުވަހުން އަނަމްގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އޭނާ ނަބާގެ އުނަގަނޑުގައި އަތް އަޅާލިއެވެ. އަދި ކުއްލިއަކަށް ނަބާގެނެސް އޭނާގެ ގައިގާ ތަތްކޮށްލިއެވެ. ނަބާ ދުރަށް ޖެހެވޭތޯ ތެޅިގަތެވެ.
"ކޮންފަދަ ޖާދުލެއް." ނަބާގެ ތެޅިގަތުން އަނަމްއަށް ވީ ހިތްވަރަކަށެވެ. އޭނާގެ މުލައްދަނޑީގެ ގަދަބާރުން ނަބާ އިތުރަށް އޭނާގެ ގަޔާލާ ބޮނޑިކޮށްލިއެވެ. ކިތަންމެ ކެތްކޮށްގެން ހުރިނަމަވެސް ނަބާގެ ހުރިހާ އިޚުތިޔާރެއް އަނަމްއަށް ދޫކޮށްލެވުނެވެ. އޭނާ އަނަމްގެ މޭގައި މޫނު ފޮރުވާލިއެވެ. ދެމީހުންގެ ހޫނު ނޭވާތައް އެކަކުއަނެކެއްގެ މޫނަށް އެޅެމުންދެއެވެ. ނަބާއަށް ލޯމަރާލެވުނެވެ. ނަބާގެ ހަށިގަނޑުގައިވަނީ އާދަޔާ ޚިލާފު ހޫނެއްގެ އަސަރެވެ. އެ ހަށިގަނޑުގައި ވަނީ މަޑުމަޑު ތުރުތުރު އެޅުމެކެވެ. ކޮންފަދަ ފޮނި އިހުސާސެއް ހެއްޔެވެ؟ އަނަމްގެ ކަނާއަތުން ނަބާގެ މޫނުގައި ފިރުމާލިއެވެ.
"އަނަމް.." ނަބާއަށް މަޑުމަޑުން ބުނެވުނެވެ.
"ކީކޭ." އަނަމް ބޭނުންވީ ނަބާލައްވާ އެ ދެމީހުންގެ ލޯބީގެ އިގުރާރު ވުމަށެވެ.
"އަނަމް.. އަނަ." ނަބާގެ އަޑު ކުރިއަށްވުރެވެސް މަޑެވެ. އެ އަޑު އަނަމްގެ ކަންފަތަށް އަންނަނީ ވައިއަޑުންނެވެ. ނަބާއަށް ކޮންމެވެސް ގޮތެއް ވާކަން އަނަމްއަށް އިހުސާސްވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ނަބާގެ ޚަބަރު ހުސްވެފައިވާ ހަށިގަނޑުގެ ބަރުކަން އަނަމްއަށް އެނގުނެވެ. އޭނާ ނަބާ އަތްދަނޑިމައްޗަށް ލައިގެން އަވަށް ގޮސް ސޯފާގައި ބޭއްވިއެވެ.
އޭނާ އަވަސް އަވަހަށް ނަބާގެ ނޭވާއާއި ހިތުގެ ވިންދު ބެލިއެވެ. ނަބާވަނީ އަނބުރައިގެންފައެވެ. އަނަމްގެ މަސައްކަތުން ނަބާ ވަރަށް އަވަހަށް ހޭ އެރިއެވެ. ހޭ އެރުމާއިއެކު އޭނާ ދުއްވައިގަތީ ފާޚާނާއަށެވެ. އޭނާ ބައިވަރު ހޮޑުލިއެވެ. އަނަމް ޝައްކުގެ ނަޒަރުން ނަބާއަށް ބަލަން ހުއްޓެވެ.
"ނަބާ އަހަންނަށް ހުރިހާކަމެއް ކިޔައިދީބަލަ." އަނަމް ހުރީ ސީރިއަސް މޫޑެއްގައެވެ. ނަބާވެސް މިރޭ ބޭނުންވަނީ އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭށެވެ. އޭނާގެ ކުށުގެ އަދަބު ލިބެމުންދާކަން ބުނެދޭށެވެ. އެކަމަކު އޭނާ އެވާހަކަތައް ބުނެދިނުމުން އަނަމް އޭނާދެކެ ފޫހިވާނެއެވެ. އޭނާއަކަށް އިތުބާރެއް ނުކުރާނެއެވެ. ނަބާ ލޯ މަރާލިއެވެ. އޭނާގެ ދެ ލޮލުން ކަރުނަތައް ފައިބަމުން ދެއެވެ. އޭނާ މަޑުމަޑުންގޮސް އެނދުގައި އޮށޯވެލިއެވެ. އޭނާ ވަރުބަލިވަނީއެވެ. މާ ނޭވާ ލެވެނީއެވެ. އަނަމްވެސް ނަބާގެ ބިއްދޮށުގައި އޮށޯވެލިއެވެ.
"ނަބާ. މާ ބޮޑަށް ނުވިސްނާ." އަނަމް ބޭނުންވީ ނަބާ ހަމައަކަށް އަޅުވާށެވެ. ނަމަވެސް އޭނާ މިރޭ ދާނީ ނަބާ އެ ސިއްރުކުރާ ކަންކަން އޮޅުން ފިލުވާފައެވެ. އޭނާ ނަބާދެކެ ވަރަށް ލޯބިވެއެވެ. ނަމަވެސް ދެ ދުވަސްވަންދެން ނުނިދާ ހުރުމުގެ ސަބަބުން އަނަމްއަށް ނިދިޖެހުނީއެވެ. ނަބާ ކަޅި ޖަހާނުލާ އޭނާގެ ގާތުގައި އޮތް އަނަމްއަށް ބަލަމުން ދިޔައެވެ. އެ ރީތި އިންސާނާގެ އޯގާތެރިކަމާއި ކުލުނުގެ ސަބަބުން އޭނާގެ ހިތް ވަނީ އަނަމްއަށް ހަދިޔާ ކުރެވިފައެވެ. ނަބާއަށް އޭނާގެ މޫނަށް ބަލަން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.
"އަހަރެންވެސް ލޯބީގެ ހިތިރަހަ ތަޖުރިބާ ކުރިން. އެ ރީތިކުއްޖާ އަހަރެންނަށް ބޭވަފާތެރިވީ އެއްވެސް ކުށަކާނުލާ. އޭނާ ދިޔައީ އަހަރެންގެ މައިންބަފައިންވެސް ހިތުގައި ޖައްސާފައި." އަނަމް ބުންޏެވެ. އަނަމްއަށް ދަނީ ހޭލެވޭ ފަހަރާއި ނިދޭފަހަރެވެ. ނަމަވެސް އޭނާ ބޭނުންވަނީ ނަބާއަށް އޭނާގެ ހިތުގެ ރިހުން ކިޔައިދޭށެވެ. ސިކުނޑީގައި ފޮރުވައިގެން ހުރި ޚިޔާލުތަކާއި ކަންބޮޑުވުން ހުވަފެނެއްހެންެ ނަބާއަށް ކިޔާދެވެނީ އެހެންވެ ކަމަށް ވެދާނެއެވެ.
"އެއީ ކާކު؟ ކީއްވެ އޭނާ ދިޔައީ." ނަބާ އިތުރަށް އޮޅުން ފިލުވަން ބޭނުމެވެ.
"އައިޝާ.. ކައިވެންޏަށް އަހަރެން ކޯޓަށް ގެންގޮސްފައި އެންމެންގެ ކުރިމަތީގައި ލަދުގަންނަވާލީ. އޭނާ އަކަށް މާފެއްނެތް." އަނަމް ވާހަކަ ދައްކާގޮތުން ނަބާގެ ގައިން ހީބި ނަގައިގެން ދިޔައެވެ.
ކުއްލިއަކަށް އަނަމްގެ ފޯނަށް ކޯލެއް އައެވެ. އަނަމްއަށް ރަނގަޅަށް ހޭލެވުނީ ކިރަން ގުޅާތީއެވެ. ފޯނު ނެގުމުގެ ކުރީން އޭނާ ނަބާއަށް ބަލާލިއެވެ. ނިދީކަމަށް މަކަރުހަދައިގެން އޮތް ނަބާގެ މޫނަށް އޭނާ ބަލާލިއެވެ. ދެން ބެޑްޝީޓް ނަގާ ނަބާގެ ގައިގާ އަޅައިދީފައި ތެދުވެއްޖެއެވެ. ކޮޓަރީގެ ފަރުދާ ކަހާލާފައި ބޭރު ބަލާލިއެވެ. ދުނިޔެ މަތީގައި ވިއްސާރައިގެ އެއްވެސް އަސަރެއް ނެތެވެ. ފަތިހުގެ އަލިކަމުން ޖައްވަށް ލިބިފައިވަނީ ތާޒާކަމެވެ. އޭނާ ނިކުމެގެން ދިޔައެވެ.
ގެއަށް ނުވަދެވެނީސް ކިރަން އޭނާގެ ގެއިން ނިކުންނަނީއެވެ. ނުވެސްބުނެ ދެ ދައްތަޔާއި އެމީހުންގެ ފިރިންނާއި މަންމައާއި ބައްޕަ އެރަށަށް އައި ވާހަކަ ބުނީ ކިރަންއެވެ. އެމީހުުންގެ ކަންކަން ހުންނާނީ އެހެންނެވެ. މުޅިންވެސް އަމިއްލަ އެޖެންޑާތަކެވެ. ކިރަންއާއި ގުޅިގެން އެމީހުން އަނަމްއަށް ސަޕްރައިޒެއް ދިނީއެވެ. އެމީހުން ބޭނުންވީ ޗުއްޓީ ހަފްތާ އަނަމް ގާތުގައި މަޑުކޮށްލާށެވެ.
"ދަރިފުޅު ހަމަ މީހަކާ ނީނދެ ތިހެން އުމުރު ހުސްކޮށްލާނީތަ؟" މަންމަ އަބަދުވެސް ކަންބޮޑުވަނީ އަނަމް މީހަކާ ނީންނާތީއެވެ.
"ހޫން. އަނެއްކާވެސް މީހަކު ހޯދީތަ؟. ކޮންދުވަހަކުންތަ އަހަރެންގެ ކަންކަމާ ބެހުން މަންމަ ހުއްޓާލާނީ." އަނަމް ރުޅިއައެވެ.
އަނަމް ދިއުމުން ނަބާ ފާޚާނާއަށް ވަނެވެ. ފެން މާގަނޑު ދޫކޮށްލާ ގިނައިރުތަކެއް ވަންދެން އޭނާ ހުއްޓެވެ. ސިކުނޑީގައި އަނދަމުންދާ އުދާސްތަކަށް ފިނިކަމެއް ލިބޭތޯއެވެ. ހިތުގައި އުފެދެމުންދާ ލޯބީގެ ދިލަހޫނު މަޑުވޭތޯއެވެ. އަނަމް ދެއްކި ވާހަކައިން އޭނާވަނީ ހާސްވެފައެވެ. އޭނާ އަނަމްދެކެ އިންތިހާއަށް ލޯބިއެވެ. ނަމަވެސް އަބަދުވެސް ބިރުން އުޅުނު ކަންތައްތަކާ އޭނާ ކުރިމަތިލާން މިވަނީ ޖެހިފައެވެ. އަނަމް އޭނާ ގަބޫލު ކުރާނެބާވައެވެ؟ ނަބާ ފެންވަރައިގެން ނިކުމެ އާދައިގެ ގޮތަކަށް ތައްޔާރުވެލިއެވެ. ބޭނުންވީ ގިނައިރުތަކެއް ވަންދެން ގެއިންބޭރުގައި އުޅެލުމަށެވެ. އަތިރިމަތީގައި ހުރި އުނދޯލީގައި ލަވަ ޖަހާލަން އިންނާށެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އަނަމްގެ ދަބަހެވެ.
"ދަބަސް ބޭނުންވެދާނެތީ އަވަހަށް ހިފައިގެން މިއައީ." ނަބާ މަޑުމަޑުން އަނަމްގެ ގެއަށް ވަންނަމުން ބުންޏެވެ. ގޭތެރޭގައި ވަރަށް މީހުން ގިނައެވެ. ނަބާއަށް އެ އެންމެން އެނގެއެވެ. އެއީ އަނަމްގެ އާއިލާއެވެ. އެ އެންމެން ކަޅިޖަހާނުލާ ނަބާއަށް ބަލަމުން ދިޔައެވެ. އެމީހުންގެ މޫނުމަތީގައިވަނީ ރުޅިވެރިކަމުގެ އަސަރެވެ. ނަބާ ކުރިއަށްއެޅި ފިޔަވަޅު ހުއްޓެވުނެވެ. މާތްކަލާކޯއެވެ. މިމީހުންގެ ރުޅިވެރިކަމާއި ދެކޮޅަށް އޭނާ ކުރިމަތި ލާނީ ކިހިނެއް ހެއްޔެވެ؟ ނަބާ ދަބަސް ބަހައްޓާފައި ނިކުންނަން ހިނގައިގަތެވެ.
"ކީއްވެ ތި ދަނީ؟. މިތިބީ އަހަރެންގެ މަންމައާއި ބައްޕަ. އެހުރީ ދައްތަމެންނާއި އެމީހުންގެ ފިރިން. އެހުރީ ދޮންތަގެ ދަރިފުޅު." އަނަމް ބޭނުންވީ އެ އެންމެންނާ ނަބާ ތަޢާރަފް ކޮށްދޭށެވެ. ނަބާ ފެނުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ.
"އޭނާއަށް ނޭނގި ހުންނާނެތަ؟ އަހަރެމެން ލައްވާ ބޮޑު ޚަރަދު ކުރުވާފަ އެވަރުނުވެގެން ކޯޓަށް ގެންގޮސް އަހަރެމެން ލަދުގަންނަވާލި މީހެއްގެ ތަޢާރަފެއް އިތުރަށް ބޭނުމެއް ނޫން." އަނަމްގެ ދޮންތަ ބުންޏެވެ.
"އެއީ ނަބާތަ؟." އަނަމް ހައިރާންވެގެން އެހިއެވެ.
"ނަބާއެއް ނޫން. އައިޝާ. މައިންބަފައިންނާ ދެކޮޅަށް ޑްރަގް ވިއްކާ މީހަކާއެކު ފިލީ. އެމީހާ އޭނަޔަކާ ކައިވެންޏެއްވެސް ނުކުރި. އެކަމުގެ ސަބަބުން އޭނާގެ ބައްޕަ ހިތްހުއްޓިގެން މަރުވީ. އޭނާގެ މަންމަ އެހުރީ އެ ރުޅިގަނޑުގައި އޭނާ ގެއިންވެސް ނެރެލައިގެން." ދޮންތަ ދިޔައީ އަލިފާނަށް ދަރު އަޅަމުންނެވެ.
"އަނަމް…" ނަބާއަށް މަޑުމަޑުން ބުނެވުނެވެ. އޭނާއަށް އަނަމްއަކީ ކާކުކަން އެނގުނީ ރޭގައެވެ. އެކަން ކުރިން އެނގުނުނަމަ އަނަމް ފެންނަ ހިސާބަކަށް ނާރާނެއެވެ. ނަބާގެ ހިފަހައްޓަމުންދިޔަ ކަރުނަތައް ކޯތާފަތް މަތިން ފައިބަމުން ދިޔައެވެ.
"އަނަމްއަށް ގޮވާނެ ކަމެއްނެތް. ހިތާވެގެން އުޅުނުމީހާ ގާތަށްދޭ." މަންމަ ހަޅޭއްލަވައިގަތެވެ.
ނަބާގެ ހަށިގަނޑު ތުރުތުރު އަޅަން ފެށިއެވެ. ކުއްލިއަކަށް އޭނާ ބިންމައްޗަށް ވެއްޓިއްޖެއެވެ. އަނަމް ދުވެފައިގޮސް ނަބާ ނެގިއެވެ. ދެން ސޯފާގައި ބޭއްވާ ހޭ އެރުވޭތޯ ބަލަމުން ދިޔައެވެ.
"ކާކުގެ ދަރިއެއްކަމެއްވެސް ނޭނގެ ބަނޑުގައި އޮތީ." ދޮންތަ ބުންޏެވެ.
އެ އަޑު ޖެހުމާއެކު އަނަމްގެ ހަރަކާތްތައް ހުއްޓުނެވެ. ނަބާ ހަމަ ބަނޑު ބޮޑީބާވައެވެ؟ އެދުވަހު ޓެސްޓުގެ ނަތީޖާ ސާފުނުވީމާ އަލުން ޓެސްޓް ހަދަން އެއްބަސް ނުވީ އެހެންވެ ބާވައެވެ؟ ނަބާ ނަހަލާލަށް ބަނޑުބޮޑުވުމުން އެކަން ސިއްރުކުރަނީ ބާވައެވެ؟ އަނަމްގެ ހިތް ކުދިކުދި ވިކަހަލައެވެ. އަނެއްކާ މި ނަބާއަކީ އޭނާއަށް ކެހިދިން އަނިޔާވެރިޔާ ހެއްޔެވެ؟ މާތްކަލާކޯއެވެ. މިއީ ކޮންފަދަ ބޮޑު ކުޅިގަނޑެއް ހެއްޔެވެ؟ ނަމަވެސް ސިކުންތު ކޮޅެއްގެ ތެރޭގައި އަނަމްގެ ވިސްނުމަށް ހަރުދަނާކަން ގެނައެވެ. އަދި އެމްބިއުލާންސް ގެނުވާ ނަބާ ސިއްޙީ މަރުކަޒަށް ގެންދިޔައެވެ. އަނަމްއަށް ދެވުނު އެންމެ ރަނގަޅުފަރުވާ ނަބާއަށް ދެވޭތޯ ބެލިއެވެ. ކުޑައިރުކޮޅެއް ތެރޭގައި ނަބާ ލޯހުޅުވާލިއެވެ.
"އަނަމް. އަހަންނަށް މާފުކުރޭ. އެދުވަހު ކައިވެނި ކުރުމަށްޓަކައި އަހަރެން ކޯޓަށް ނުދިޔައީ އަހަރެންގެ ގޯސްކަމުން. އެކަމުގެ ސަޒާ އަހަރެން މިދަނީ ތަހައްމަލު ކުރަމުން." ނަބާ ރޮމުން ދިޔައެވެ. އަނަމް ވަކި އެއްޗެއް ނުބުނެ ނަބާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާ ނަބާދެކެ ލޯބިވެއެވެ. ނަމަވެސް އެއީ އޭނާއަށާއި އާއިލާއަށް އެހާބޮޑު އަނިޔާއެއް ދީފައި ހުރި ކަސްބީ އަންހެނެކެވެ.
"އައިޝަތު ނަބާ. ނޫން. އައިޝާ. ކައިވެނި ކުރަން ބޭނުން ނުވާނަމަ ދެން ކީއްކުރަން ކުޅުނުހާ ޑްރާމާއެއް އެއީ." އަނަމްގެ އަޑުގައިވަނީ ހަރުކަށިކަމެވެ.
"އައިޝާއަކީ މަންމެން އަބަދުވެސް ކިޔާގޮތް. އަނަމް. ދިރިއުޅުމަކީ ޑްރާމާއެއް ނޫން. ލޯބި ނުވާމީހަކާ ކައިވެނި ކޮށްގެން ދެމީހުންގެ ދިރިއުޅުން ހަލާކު ކުރުމަކީ ޑްރާމާ. އަހަރެންގެ މައިންބަފައިންގާތު އާދޭސްކުރިން ކައިވެންޏަށް މަޖުބޫރު ނުކުރުމަށް. އަހަރެން އުޅުނީ ކުއްޖަކާ ރައްޓެހިވެގެން." ނަބާއަށް ރޮވެނީއެވެ. އޭނާ މިހާރު އަނަމްދެކެ ވަރަށް ލޯބިވެއެވެ. އަނަމް އޭނާދެކެ ރުޅި އަންނާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
"ނަބާ ދިޔައީ އޭނާޔާ ކައިވެނި ކުރާކަށް ނޫންތަ. ދެންކީއްވެ އެކަނިމާއެކަނި މިރަށުގައި ތިފަދަ ބަލިހާލެއްގައި ތިއުޅެނީ؟. އަނެއްކާ ނަބާ ބަނޑުބޮޑީތަ؟" އަނަމް މިފަހަރު ވާހަކަދެއްކީ މަޑުންނެވެ.
"ނޫން. އެކަހަލަ ވިޔާނުދާ ކަމެއް އަހަރެން ނުކުރަން. އަހަރެން ދިޔައީ މައިންބަފައިންނާއި ރަހްމަތްތެރިންނާވެސް ދެކޮޅަށް. އެކަމަކު އޭނާ ވީ ބޭވަފާތެރިއަކަށް. އޭނާ މުއްސަނދި ވުމަށްޓަކައި ޑްރަގްގެ ވަގުޑީލްތައް ހަދަމުން ދިޔައީ. ބައިވަރު އަންހެންކުދިން އޭނާގެ މަޅީގައި ޖެހުނު. އަހަރެންނަށް އެކަން އެނގުނީ އޭނާއަށްޓަކައި ހުރިހާ އެއްޗެއް ދޫކޮށްލާ ދިޔަތާ ހަފްތާއެއް ފަހުން. ކިތަންމެ ލޯބިވިޔަސް އޭނާއާއިއެކު ނޫޅެވޭނެކަން އެނގޭތީ އަލުން އަނބުރާ ގެއަށް ދިޔައީ. އޭރު ގަތްލަދުންނާއި ލިބުނު ހިތާމައިން ބައްޕަވަނީ ހިތްހުއްޓިގެން މަރުވެފައި. މިކަމުގެ ކުށްވެރިއަކީ އަހަރެން ކަމުގައި ބުނެ މަންމަ އަބަދުގެ އަބަދަށް އަހަރެން ގެއިން ނެރެލީ. ދުވަސްކޮޅަކު ކުއްޔަށް ތަނެއް ނަގައިގެން އުޅުނިން. އެކަމަކު އަހަރެންގެ ގޮހޮރަށް ކެންސަރު ޖެހިފައިވާކަން އެނގުނު ހިސާބުން މިރަށަށް ބަދަލުވީ. ބޭނުންވަނީ އަހަރެންގެ ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ކޮންމެވެސް ބަޔަކަށް އެހީވާން." ނަބާ ހިތް ހީވަނީ ކުދިކުދި ވެދާނެހެންނެވެ. އޭނާ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. ވަރުދެރަކަމުން އޭނާއަށް ވާހަކަ ދެއްކެނީވެސް ވަރަށް އުނދަގުލުންނެވެ.
"ނަބާ. ކަންބޮޑުނުވޭ. މަންމަމެންގެ ރުޅިއަކީ ޖާއިޒް ރުޅިއެއް. އަހަރެން ނަބާއަށް ފަރުވާ ކޮށްދޭނަން. އަހަރެންނާއިއެކު ރާއްޖޭން ބޭރަށް ހިނގާ." އަނަމް އޯގާތެރިކަމާއެކު ނަބާގެ އަތުގައި ހިފާލިއެވެ. ނަބާގެ ވާހަކަތައް އަޑު އަހާފާ އަނަމްގެ ހިތުގެ އަޑިން ނަބާއަށް ތަޢުރީފު ކުރެވުނެވެ. ހަމަގައިމުވެސް އޭނާއަށް ވުރެ ނަބާ ހިތްވަރު ގަދައެވެ. މައިންބަފައިންގެ މަޖުބޫރުކުރުވާ ތިމާގެ އަމިއްލަ ހަޔާތާ ގުޅޭ ކަންކަމުގައި ނަބާ ހަނގުރާމަ ކުރުމުގެ ހިތްވަރު ހޯދިއެވެ. ނަމަވެސް އަނަމްއަށް އެވަރުވެސް ނުވިއެވެ.
"ނޫން. ދުނިޔޭގައި ހުރުމުގެ މާބޮޑު އުންމީދެއް އަހަރެންގެ ނެތް. މިދުނިޔޭގައި އަހަރެން ދެކޭ ހުވަފެނެއް ނެތް." ނަބާ ލޯމަރާލިއެވެ. އޭނާގެ ހުރިހާ އުންމީދެއްވަނީ ފެނަށްވެފައެވެ. އަނަމް ފޯނު ނަގާ ލަވައެއް ޖަހާލިއެވެ. މިއީ އޭނާ ނަބާއާއި ދިމާވިރޭ ނަބާ ޖަހަމުން ދިޔަ ލަވަކަމުގައިވާ "އެކްޕިޔާރުކަ ނަޣްމާހޭ" ކަމުގައި ބުންޏެވެ. އޭނާ އެލަވައިގެ މާނަ ބުނެދެވޭތޯ ބެލިއެވެ.
"ނަބާއެވެ. މިއީ ލޯބީގެ ލަވައެވެ. ދިރިއުޅުމަކީ އެއްވެސް އެއްޗެއް ނޫނެވެ. އެކަމަކު އެއީ އަހަންނާ ކަލާގެ ވާހަކައެވެ. ހަޔާތުގައި އެއްޗެއް ލިބޭނީ އެއްޗެއް ގުރުބާންވެސް ކޮށްގެންނެވެ. ހަޔާތުގެ މާނައަކީ އައުމާއި ދިއުމެވެ. މި ކުރު ހަޔާތުގައި އުފާވެރި ދިރިއުޅުމެއް އުޅެން ހިނގާށެވެ." އަނަމް ނަބާގެ ނިތްކުރިއަށް ބޮސްދިނެވެ. އޭނާގެ ދެލޮލުގައި ވަނީ ކަރުނައެވެ.
"ނަބާ. އަހަރެން ނަބާދެކެ ވަރަށް ލޯބިވޭ. އިރާދަކުރެއްވިއްޔާ ނަބާ ރަނގަޅު ކުރެވޭނެ. އަހަރެންނާ ކައިވެނިކޮށްގެން ފަރުވާ ހޯދަން ހިނގާ." އަނަމް ނަބާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ނަބާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
އެދެކުދިން ކައިވެނި ކުރެވުނީ މައިންބަފައިންނާ ދެކޮޅަށެވެ. އެ ކައިވެނި އޭރު ނުކުރެވި ކެންސަލްވިކަން އެއީ އެދެމީހުންގެ ނަސީބުކަމަށް އެމީހުން ނިންމިއެވެ. އެއީ މިހާ އަސަރުގަދަ ވާހަކައެއް އެމީހުންގެ ހަޔާތުގައި އެހެންނޫންނަމަ ނުވާނެތީއެވެ. އެމީހުން ވީހާވެސް އަވަހަކަށް ކައިވެނިކޮށްގެން ބެންކޮކަށް ފުރިއެވެ. މާލެއިން ހަދާފައިވާ ޓެސްޓްތަކުން ނަބާއަށް ކެންސަރު ޖެހިފައިވާ ކަމަށް ދެއްކިޔަސް ނަބާއަށް ޖެހިފައިވަނީ ކެންސަރެއް ނޫންކަމަށް ބެންކޮކް ހޮސްޕިޓަލުން ބުންޏެވެ. ރަނގަޅަށް ނުކައި ދުވަސްތަކެއް ހުރުމުގެ ސަބަބުން ޖެހިފައިވާ އެ ބައްޔަކީ ރަނގަޅު ފަރުވާ ދެވިއްޖެނަމަ ތިންމަސްދުވަސްތެރޭ ރަނގަޅު ކުރެވޭނެ ބައްޔެއްކަން ކަށަވަރުވިއެވެ. އަނަމްއާއި ނަބާ ހުރީ ވަރަށް އުފަލުންނެވެ.
(ނިމުނީ)
