ބުއްދިވެރިއަކަށް ވާށެވެ.

ދަރިފުޅާއެވެ! ބުއްދިވެރިއަކަށް ވާށެވެ. ތިމާއަކީ މާ މޮޅު މީހެއްކަމަށް ނުދެކޭށެވެ. މާދަމާ މިވެނި ކަމެއް އެވެނިކަމެއް ކުރާނަމޭ ކިޔާފައި ބޮޑު ނުކަނޑާށެވެ. މިހާރާއި މާދަމާއާ ދެމެދު ކަންހިނގާނެ ގޮތެއް ދަރިފުޅަކަށް ނޭނގޭނެއެވެ. ތިމާ އަމިއްލައަށް ތިމާއަށް ތާރީފު ނުކުރާށެވެ. އެހެން މީހަކު ކުރަންޏާ އެކަންތައް ކޮށްފާނެއެވެ. އެކަމަކު ތިމާގެ ދުލުން ނުކުރާށެވެ.
ވެއްޔާއި ހިލައަކީ ބަރު އެއްޗެކެވެ. އެކަމަކު މޮޔައެއްގެ ކިބައިން ދިމާވާ ދެކޮޅުވެރިކަން އަދި އެއަށް ވުރެން ބަރެވެ.
ރުޅި އައުމަކީ އަނިޔާވެރި މުސީބާތެއް ކަހަލަ ކަމެކެވެ. އެކަމަކު ހަސަދަވެފައި ހުންނަ މީހާ އެއަށް ވުރެން މާ ނުރައްކާތެރިއެވެ.
ހަރުއަޑުން އަޑުލާ ހަޅޭއްލެވުން، ފާޅު ނުކުރާ ލޯތްބަކަށް ވުރެ ރަނގަޅެވެ.

އިޚުލާސްތެރި ރަޙުމަތްތެރިޔެއްގެ އަތުން ވާ ޒަޚަމްތައް އަދާވާތްތެރިއެއްގެ ބޮސް ދިނުންތަކަށް ވުރެ ރަނގަޅެވެ.
ބަނޑުފުރިފައިވާ މީހާއަށް މާމުއި ލިބުނަސް ނުބޮއެވެ. އެކަމަކު ހައިވެފައި ހުންނަ މީހާއަށް ހިތި ހަބަރުގައި ވެސް ފޮނިރަހައެއް ލައިފާނެއެވެ.

ގެއިން ބޭރުގައި އުޅޭ މީހެކޭ ހާލިން ނުކުމެ އުޅޭ ދޫންޏެކޭ އެއްގޮތެވެ.
މީރުވަސްދުވާ އަތަރަކުން ނުވަތަ މާވަހަރު ފަދައެއްޗެއްގެ ދުމުން ހިތަށް އުފާ ލިއްބައިދެއެވެ. އެފަދައިން ރަޙުމަތްތެރިޔެއްގެ ހެޔޮ ނަސޭހަތުން ފުރާނައަށް ހިތްހަމަ ޖެހުން ގެނެސްދެއެވެ.
ތިމާގެ ރައްޓެއްސަކު އަދި ތިމާގެ ބައްޕަގެ ރައްޓެއްސަކު ގެއްލުވާ ނުލާށެވެ. މުސީބާތެއް ދިމާވުމުން އެއްބަނޑު ތިމާގެ މީހާގެ ގާތަށް ކަންކަމު ދާން ނަހަދާށެވެ. ދުރުގައި ހުރި އެއްބަނޑު މީހަކަށް ވުރެ ކައިރީގައި ހުރި އަވަށްޓެރިޔާ މާ ފަސޭހައިން އަތުޖެހެއެވެ.

ދަރިފުޅާއެވެ! ބުއްދިވެރިއަކަށް ވާށެވެ. އޭރުން އަހަރެންގެ ހިތް އުފަލުން ފުރޭނެއެވެ. އޭރުން އަހަރެންނަށް ފާޑު ކިޔާ މީހުންނަށް ރައްދު ދެވޭނެއެވެ.
ހެޔޮ ވިސްނޭ މީހާއަށް މުސީބާތެއް އެބަ އަންނަކަން ވިސްނި ދުރާލާ ތައްޔާރު ވެއެވެ. ނުވިސްނާ މީހާ ގޮސް އެމުސީބާތުގެ ތެރެއަށް ބޯމަހާލާނެ އެވެ.
ދުރުހިލޭ މީހަކު ނަގާ ދަރަންޏެއް ނަމަ މަތިވާ މީހާގެ އަތުން ރަހުނެއް ނަގާށެވެ. ބީރައްޓެއްސަކު ނަގާ ދަރަންޏެއް ނަމަ މަތިވާ މީހާގެ އަތުން ބަޔާނެއް އަތުލާށެވެ.

އިރު ނާރަނީސް މާ އަޑުގަދަކޮށް މީހަކު އައިސް ސަލާން ގޮވާލައިފިނަމަ އެއީ ބަދުކަމަކަށް ބަލާށެވެ.
އަނގަހުއްޓާ ނުލާ ކުދިކިޔާ ބައިވެރިއެކޭ ހުއްޓާނުލާ ބޮލަށްޖަހާ ވާރޭފެން ތިއްކެކޭ އެއްގޮތެވެ.
އޭނާގެ އަނގަ ހުއްޓުވަން އުޅުމެކޭ އަތުން ވައި ހިފަހައްޓަން ނުވަތަ އަތުގައި ތެޔޮ ހާކައިގެން އެއްޗެއް ހިފަހައްޓަން އުޅުމެކޭ އެއްފަދައެވެ.
ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ. ރައްޓެއްސަކު އިސްލާހު ކުރެވޭނީ ރައްޓެއްސަކަށެވެ.

ވައްތީނި ގަހެއް އިންދާ މީހާ އެގަހުގެ މޭވާ ކާނެއެވެ. އެފަދައިން ސާހިބުމީހާގެ ތަކެތި ރައްކާތެރިކޮށްދޭ މީހާއަށް އޭގެ ޝަރަފު ލިބޭނެއެވެ.
ފެންގަނޑުން މޫނު ފެންނަހެން، ހިތުން މީހާގެ އަސްލު ސިފަ ދައްކުވައެވެ.

މަރާއި ކަށްވަޅުގެ ބަނޑުނުފުރޭ ފަދައިން އިންސާނާގެ ހިތެއް ވެސް ނުފުރެއެވެ.
ރިއްސާއި ރަނުގެ ސާފުކަން ބަލަނީ ވިރުވައިގެން ކަމަށް ވިޔަސް މީހެއްގެ ސާފު ކަން ބަލަނީ އެމީހަކަށް ސަނާ ކިޔައިގެންނެވެ.
ވަނަކަށް އަޅައި ތަޅާ ހިމުން ކުރިޔަކަސް މޮޔައެއްގެ ކިބައިގައިވާ މޮޔަކަމެއް ނުފިލާނެއެވެ.

ގެންގުޅޭ ބަކަރިތަކުގެ ހާލު އަހުވާލު ބަލައި ނިކަން ގަޔާވެގެން އެއެއްޗެއްސާ އަޅާލާށެވެ. އެހެނީ މީހާގެ މުއްސަނދިކަން އަބަދަކު ދެމިއެއް ނުހުރެއެވެ. ތިމާގެ ތާޖު ތިމާގެ ދަރިދަރިކޮޅަށް ދެމިގެން ނުގޮސްފާނެއެވެ. ވިނަތައް ނޮޅާ ސާފުކުރުމުން ގޮވާން ގަސް ފަޅައެވެ. ފަހުން އަނެއްކާވެސް ވިނަތައް ދިގުވާން ފަށައެވެ. ކަންބަޅިތަކުން ކަލެއަށް ކެހެރި ހެދުން ލިބެއެވެ. ބަކަރިތަކުން ދަނޑަށް އަގު އަދާ ކުރެވެއެވެ. އަދި އެ ބަކަރިތަކުން ކިރު ފެލައި ކަލެއާއި އާއިލާއާއި ގެންގުޅޭ ކުދިންނަށް ކާން ދެވޭނެއެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *