އުކުޅަހު ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައިދެއްވައިފި

އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓް މިއަދު ހުޅުވައިފި އެވެ.

އުކުޅަހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ވޮލީ ކޯޓް ހުޅުވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ވޮލީ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއްވެސް މިއަދު ވަނީ ކުޅެފަ އެވެ.

އުކުޅަހުގައި ތަރައްގީކުރި ވޮލީ ކޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރޮކްސީ ގުރޫޕް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނިން ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލާފަ އެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ރައީސް މުއިއްޒު އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މަތީ އޮޑިޓް އިދާރާތަކުގެ ބައިނަލްއަގުވާމީ މަހާސިންތާ ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާޏުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ކެބިނެޓުގެ ބައެއް މިނިސްޓަރުންގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ އުކުޅަހުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާވެސް ބައްދަލު ކުރައްވާފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *