ތިލަފުށި ބަނދަރު ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި، ތިލަފުށީ ފަޅުގެ ވަކި ސަރަހައްދެއްގައި ހުރި ހުރިހާ އުޅަނދުތަކެއް ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން އިއުލާނު ކުރައްވާފައިވާ ގޮތުގައި، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ތިލަފުއްޓަށް ބަދަލުކުރެވޭނެ އެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށްޓަކައި ތިލަފުށީ ފަޅުގެ ކަނޑައެޅިފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތަކާއި، އަޑިއަށް ގޮސްފައިވާ އުޅަނދުތަކުގެ އިތުރުން ދޫކޮށްލާފައިވާ ތަކެތި ނެގުމަށް އަންގާ ކަމަށެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މިގޮތަށް ހުސްކުރަން އަންގާފައިވަނީ ތިލަފުށީ މެދު ފަޅުގެ ހުޅަނގު ފަރާތުން ކަނޑައެޅިފައިވާ ސަރަހައްދެކެވެ.

އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެ ތަކެތި ނެގުމަށް ބުދަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް އެޗްޑީސީން ވަނީ ދީފަ އެވެ. އެ މުއްދަތުގައި ނުނަގާ އުޅަނދުތަކާ މެދު އެފަދަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްފައިވާ އުސޫލުގެ ދަށުން އެޗްޑީސީން އަމަލުކުރާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ހޮޓްލައިން 1516 ނުވަތަ ފިކްސްޑް އެސެޓް ޔުނިޓަށް އީމެއިލް ކޮށްގެން ސާފުކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ، ތިލަފުއްޓަށް ބަދަލުކުރުމަށެވެ. މިދިޔަ ހަފްތާގައި ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބަކީ 20 އިންސައްތަ މަސައްކަތްތައް ބަދަލުކުރެެވޭނީ ތިލަމާލެ ބްރިޖަށް އަރާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން އަށް ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *