ލިބޭ އާމްދަނީ އަނބިންނަށް އޮޅުވާލުމަކީ ފަޤީރުވާ ކަމެއް!

ﷲ ތަޢާލާއަށް ބިރުވެތިވާށޭ ބުނެފި ނަމަ ގިނަ ބައަކު ހިތަށް ގެންނާނީ އެ ދައްކަނީ ނަރަކައަށް ބިރުގަތުމުގެ ވާހަކަ ކަމަށެވެ. ނަރަކައަށް ބިރުގަންނަން ޖެހޭނެ އެވެ. އެންމެ ބޮޑަށް ބިރުގަންނަން ޖެހޭނީ ވެސް ނަރަކައަށެވެ. ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވުމުގެ މާނަ ވަނީ މާބޮޑަށް ފުޅައުވެގެންނެވެ.

ﷲ ތަޢާލާއަށް ބިރުގަތުމުގެ ތެރޭގައި އަބަދުވެސް ހިމަނަންވީ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެންމެހައި ކަންކަމެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރުމާއި ކުރުމަށް އަމުރުފުޅު ކުރައްވަވާފައިވާ ހުރިހާ ކަމެއް ކުރުމެވެ. އެންމެ ކުޑަމިނުން އަނބިދަރިންނާއި މައިންބަފައިންނާއިމެދު އަމަލުކުރުމުގައިވެސް މެއެވެ.

މީހަކަށް މާލީ ނުތަވަސްކަމެއް ކުރިމަތިވުމުންވެސް ﷲ ތަޢާލާއަށް ބިރުވެތިވާން ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. އެގޮތަށް އެވިދާޅުވަނީ ތަނަވަސްކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އިރުޝާދު ދެއްވުމަށެވެ. ޚަރަދުކުރަން ޖެހޭ ފަރާތްތަކަށް ޚަރަދުކުރުމަށާއި ޚަރަދު ކުރަން ނުޖެހޭ ކަންކަމަށް ޚަރަދު ނުކުރަން އިރުޝާދު ދެއްވުމަށެވެ.

އަތްމައްޗަށް އަރާ މަދު ފައިސާކޮޅުވެސް ރަނގަޅު ގޮތުގައި ހޭދަކުރާނަމަ އެއިގައި ބަރަކާތް ލައްވަވަތެވެ. ރަނގަޅަށް ވިސްނައިލާށެވެ. މަހުގެ މުސާރައަށް މަދު ފައިސާކޮޅު ލިބޭ މީހުންގެ ތެރެއިންވެސް ލިބޭ މަދު ފައިސާކޮޅު ރަނގަޅު ގޮތުގައި ޚަރަދުކުރާ މީހުން ދިރިއުޅެނީ ހަމަ އުފަލުގައެވެ. ހަޤީޤަތުގައި މުއްސަނދިންނަށްވުރެ މާބޮޑަށް އުފާވެރިކަމުގައެވެ.

އެމީހެއްގެ އެކުވެރިންގެ ދިރިއުޅުމަށް ބަލާށެވެ! ލިބޭ ފައިސާގެ ޙަޤީޤަތް އަނބިމީހާއަށް އަންގައިގެން ދިރިއުޅޭ މީހުންގެ އުފާވެރިކަން ބޮޑުވާނެއެވެ. އެއީ އަނބިމީހާ ހިތްހަމަޖެހިގެން ހުންނާތީއެވެ. އަނބިމީހާއަށް ސިއްރުން ބޭކާރު ޚަރަދުތައް ކުރާ މީހުންނަށް އަބަދުވެސް ދިރިއުޅެން ޖެހިފައި އޮންނާނީ ނުތަނަވަސްކަމާއި ހާސްކަމުގެ ތެރޭގައެވެ. އެހެނީ ލިބޭ އާމްދަނީން އަނބިދަރިންނަށް ރަނގަޅު ގޮތުގައި ހޭދަކުރާނަމަ އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް އަބަދުވެސް މިންވަރުފުޅު ކުރައްވަވާނެތެވެ.

ލިބޭ އާމްދަނީ އަނބިންނަށް އޮޅުވައިނުލާށެވެ! އެއީ ފަޤީރުވެ އަތްމަތި ނުތަނަވަސްވާ ކަމެވެ.  ވީމާ ލިބޭ އާމްދަނީ އަނބިންނާއި ހިއްޞާކުރާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ކުރާނެއެވެ!

 

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *