ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22 ރުފިޔާއިން މައްޗަށް އަރައިފި

ރާއްޖޭގައި ހިންގާ މަނީ އެކްސްޗޭންޖުތަކުންނާއި ކަޅު ބާޒާރުގައި މިއަދު ޑޮލަރުގެ އަގު 22 ރުފިޔާއިން މައްޗަށް އަރައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައި އޮންނަ ޑޮލަރުގެ ރަސްމީ އެކްސްޗޭންޖު ރޭޓަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ކަޅު ބާޒާރުގައި އަބަދުވެސް ޑޮލަރުގެ އަގު އުޅެނީ މަތީގަ އެވެ.

ނަމަވެސް މިއަދު މާކެޓުގައި ޑޮލަރެއް ވިއްކާ އަގު އުޅެނީ 22.10 ރުފިޔާގަ އެވެ. އަދި ޑޮލަރެއް ގަންނަ އަގު އުޅެނީ 21.85 ރުފިޔާގަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ބޭރު ފައިސާގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާ މަތީ މިންވަރަކަށް އުފުލިގެންދިޔަ ފުރަތަމަ ފަހަރު އެވެ.

ޑޮލަރުގެ އަގު ކޮންޓްރޯލްކުރުމަށް ސަރުކާރުންނާއި، މަރުކަޒީ ބޭންކުންވެސް ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް އެމްއެމްއޭއިން ބާޒާރުގައި ދައުރުވާ ފައިސާގެ އަދަދު މަދުކުރުމަށް އިތުރު ފިޔަވަޅުތަކެއްވެސް އަޅާފަ އެވެ. އޭގެތެރޭގައި ހިމެނެނީ؛ ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއާމެންޓް (އެމްއާރްއާރް) މަތިކުރުމާއި އިގްތިސާދުގައި ދައުރުވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ގެނައުމަށް ހިންގާ އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) އިތުރަށް ފުޅާކުރުމެވެ.

އެމްއެމްއޭ އިން ގަބޫލުކުރާގޮތުގައި ބާޒާރުގައި ދައުރުވާ ފައިސާގެ އަދަދު މަދުކުރުމުން، ދިވެހި ފައިސާގެ އަގު އުފުލޭނެ އެވެ. އެހެންވެ އެމްއެމްއޭގެ އަމާޒަކީ ދައުރުވާ ފައިސާގެ މިންވަރު 2 ބިލިއަނާއި 3 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ދަށްކުރުމެވެ.

އޭގެއިތުރުން ވިޔަފާރިތަކަށާއި، އަސާސީ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް) މެދުވެރިކޮށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސިއްހީ ފަރުވާއަށާއި، ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ބީއެމްއެލްގެ ތެރެއިން ދޫކުރަމުން އަންނައިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އަމިއްލަ ފަރާތްތަކަށް 478 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.

މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު، 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު، އަދި 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެއް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދީފައިވެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *