މާލޭ ސިޓީގެ ވެޓް މާކެޓް މަޝްރޫ ތަރައްގީކޮށް ނިންމުމަށްފަހު އަލުން ސިޓީ ކައުންސިލާ ހަވާލުކުރާ ގޮތަށް، އެ މަސައްކަތަށް ބޭނުންވާ ބިން ފިޝަރިޒް މިނިސްޓްރީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ. މާލޭ ސިޓީ ކައުންސިލުން މި ގަރާރު ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކުއްލި ޖަލްސާއެއްގަ އެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ގަރާރަށް ތާއީދުކުރައްވައި ވޯޓު ދެއްވި އެވެ.
މި ގަރާރާ ގުޅޭގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިހާރު ބޭނުންކުރަމުންދާ މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެތަނުގެ ރައްކާތެރިކަމާ މެދުވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެންކަމުން އެތަން ވީހާވެސް އަވަހަށް ތަރައްގީކޮށް ނިންމުމަކީ މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.
ފާސްކުރި ގަރާރުގައިވާ ގޮތުން ވެޓް މާކެޓު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ މާލޭ މަސްމާރުކޭޓު ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓު ސަރަހައްދުގެ 17،558 އަކަފޫޓުގެ ބިމުގަ އެވެ. ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ނިންމައި އަލުން ކައުންސިލާ ހަވާލުކުރަންޖެހޭއިރު، އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ގަރާރުގައި ޝަރުތުކޮށްފައިވެ އެވެ.
މީގެއިތުރުން، މަޝްރޫއު ކުރިއަށްގެންދާންވާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، މިހާރު އެ ސަރަހައްދުގައި ތިބި ވިޔަފާރިވެރިންނަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށްފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ވެޓް މާކެޓުގެ މައްސަލަ ވަނީ ވަކި މައްސަލައެއްގެ ގޮތުގައި އޮޑިޓްކޮށް، އެކަމުގައި ފާހަގަވި ކަންތައްތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށްވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މާލޭގެ ހުރިހާ މާރުކޭޓެއް އެއް ތަނަކަށް ބަދަލުކުރެވޭ ގޮތަށް، 5 ފްލޯގެ ޒަމާނީ "ވެޓް މާކެޓް ކޮމްޕްލެކްސް" އެއް އެޅުމަށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ. މި އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަކުރާއިރު، ގްރައުންޑް ފްލޯގައި ހުންނާނީ މަސްމާރުކޭޓެވެ. އަދި ފުރަތަމަ ތިން ފްލޯ ތަރުކާރީ މާރުކޭޓަށް ހާއްސަކުރާއިރު، ހަތަރުވަނަ ފްލޯގައި ހިންގުމަށް ހަމަޖެހިފައިވަނީ ފުޑް ކޯޓެކެވެ.
ނަމަވެސް، މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވެފައިވަނީ ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން ހިންގަން އުޅޭ "ވެޓް މާކެޓް" މަޝްރޫއަށް ބިން ހަވާލުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް، އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ސިޓީ ކައުންސިލުން ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމަށެވެ.
މާލޭގެ އުތުރު ފަރާތު މާރުކޭޓު ސަރަހައްދަކީ މުޅި ރާއްޖެއިން މާލެއަށް އަންނަ އޮޑިފަހަރާއި، ކާބޯތަކެއްޗާއި މަސް ވިއްކާ އެންމެ ބޮޑު މަރުކަޒެވެ. ނަމަވެސް، މިހާރު ހުރި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓު އިމާރާތްތަކަކީ ގިނަ ދުވަސްވެ، ޖާގައިގެ ގޮތުން ދަތިވެ، ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ތަންތަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެކި ސަރުކާރުތަކުންނާއި މާލޭ ސިޓީ ކައުންސިލުން އެކި ދުވަސްވަރު މަޝްރޫއުތައް ރޭވި ނަމަވެސް، އެކި ކުންފުނިތަކާއެކު ވެވޭ އެއްބަސްވުންތަކުގެ މައްސަލަތަކާއި އިދާރީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން މި މަސައްކަތްތައް ވަނީ އެކަށީގެންވާ ގޮތެއްގައި ނުފެށި ދިގުލައިގެން ގޮސްފަ އެވެ. ސަރުކާރުން މިހާރު އަމާޒުހިފާފައިވަނީ އެއް އިމާރާތެއްގެ ތެރެއިން މަހާއި، ތަރުކާރީގެ އިތުރުން ކާބޯތަކެތީގެ ހިދުމަތް ލިބޭނެ "ވެޓް މާކެޓް" މޮޑެލްއަކަށް މުޅި ސަރަހައްދު ބަދަލުކުރުމަށެވެ.
