ތުއްތު މޫނާދެލޯ ދެންކުރާ ހައިރާނެކޭމީ، ސާހިލް އޭނާގެ ތުއްތު ދަރިފުޅު ނިދާލާފައި އޮތް މަންޒަރު ބަލަން ކައިރީގައި އެތައް އިރަކު އޮވެވުނެވެ. ފަތިސް ގަޑީގެ ހަމަހިމޭން ކަމާއި އަރާމުކަން އިޙްސާސް ވަމުން ދިޔައިރު ސާހިލް ހިތަށް އެރިއެވެ. އަހަންނަކީ ހާދަ ނަސީބު ރަނގަޅު މީހެކެވެ. ލޯބިވާ އަނތްބަކާއި އެހާމެ ތުއްތު ތުއްތު ލޯބި ދަރިފުޅެކެވެ. އާއިލާއެއްގެ ފަރާތުން ލިބެން ޖެހޭ އަދި ލިބެން އެދެވޭ ހުރިހާ އުފަލެއް މިއަދު ސާހިލަށް އެބަލިބެއެވެ. އާއިލީ ލޯތްބަކީ އަދު ކޮބައިކަން އަދި އާއިލާއަކީ ކޮބައިކަންވެސް ސާހިލަށް އަދު ދަސްވެގެން މިދަނީއެވެ.
ސާހިލްގެ ވާހަކަ އަކީ އަޑުއަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އަދި ހިތަށް ފަސޭހަ ވާހަކަތަކެއްވެސް ނުމެނޫންމެއެވެ. ސާހިލަށް ބަނޑު ބޮޑު އިރުވަނީ ސާހިލްގެ މަންމަ ސަކީނާ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކޮށްފައެވެ. ޖަލުގައި އެތައް މަސްތަކެއް ވަންދަން ސަކީނާ ހޭދަކުރިއެވެ. އަދި ވިހެއުމަށް ގޭ ބަންދަށް ބަދަލު ކުރެވުނެވެ. ނަމަވެސް ސާހިލްގެ ބައްޕަ އަކީ ކާކު ކަމާއި ސާހިލްގެ ކަންކަމުގައި ޚަރަދު ކުރާނޭ މީހެއް ނެތުމުން ސަކީނާގެ އާއިލާއަކުން ސާހިލަކާއި ހަވާލެއް ނުވިއެވެ. ސަކީނާއަށް އެގެއިން ލިބިފައިވާ ކޮޓަރީގެ ތެރޭގައި އެދެމައިން އުޅެމުން ދިޔައެވެ. އެއްއިރު ކައިފިޔާ އަނެއްއިރު ނުކައެވެ. ސަކީނާ ލާރި ހޯދުމަށް މަގުމައްޗަށް ނުކުންނަނީ ސާހިލް ކޮޑު މައްޗަށް ލައިގެންނެވެ. ލިބޭ މަދު ރުފިޔާ ކޮޅުން ސާހިލަށް ކިރު ދަޅާއި ނެޕީ ގަނެއެވެ.
ސަކީނާގެ ހަޔާތަށް ޖެހިލާނަމެވެ. އުމުރުން ދިހަ އަހަރުގައި މަންމައާއި ބައްޕަ ކަނޑުމަތީ ދިމާވި އެކްސިޑެންޓެއްގައި ވަނީ ނިޔާވެފައެވެ. އެއަށްފަހުގައި ސަކީނާގެ ދިރިއުޅުން އެހާމެ ޅަ އުމުރެއްގައި އެއްކޮށް ބަދަލުވީއެވެ. ކިޔެވުން ހުއްޓި ގޭގައި ދިރިއުޅެމުން ދިޔަ ދައްތައިންނާއި ބޭބެމެންގެ ޝިކާރައަކަށް ވެގެންދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ދައްތަމެންގެ ކުދިން ބެލުމާއި އަދި ބަދިގޭގެ ހުރިހާ މަސައްކަތް ތަކާއި ހަވާލު ވާން ޖެހުނީ ސަކީނާއަށެވެ. އެންމެ ދިހަ އަހަރުގައި ސަކީނާ އަށް ލިބެމުންދިޔައީ ޖިންސީ ފުރައްސާރައެވެ. ރޭގަނޑު ވެއްޖެ ނަމަ ސަކީނާގެ ކޮޓަރިއަށް ވަދެ އެ ކުޑަ ކުއްޖާ އަށް އެތައް ހާނިއްކައެއް ކުރެއެވެ. ދައްތަ އިނދެގެން އުޅޭ ޅިޔަނެވެ. ނުވަތަ ބޭބެ އެވެ. އަދި ބޭބެގެ ރައްޓެހި ރަޙްމަތްތެރިންނެވެ. ބައެއް ފަހަރު އެކަކެވެ. އަނެއް ބައިފަހަރު ދެތިން މީހުންނެވެ. ސިންގާއެއް ފަދަ ވަކި ތަކުން އެ މަޢުސޫމް ކުއްޖާގެ ދިރިއުޅުމާއި ދިރިހުރުން ދިޔައީ މަޙްރޫމް ކުރަމުންނެވެ. އުމުރުން ސާދަ އަހަރުގައި ސަކީނާ ވަނީ މަސްތުވާ ތަކެތީގެ ދުނިޔެއަށް މަރްހަބާ ކިޔާފައެވެ. ދުނިޔެ މަތިން ފޫހިވެ، ގޮތް ހުސްވެ ސަކީނާ އެދުނީ ދިރިހުރުމަށްޓަކާ އެ ޚިޔާލުތަކާއި އިޙްސާސްތައް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހަނދާން ނައްތާލުމެވެ.
ސާހިލަށް އެހީވާން އަވައްޓެރިންނާއި ތިމާގެ މީހުން ފަސްޖެހެއެވެ. ޝަރުޢީ ބައްޕައެއް ނެތް ކުއްޖެއް ކަމުންނެވެ. ސާހިލަކީ ނަޖިސް ކުއްޖެއް ކަމަށް ގޮވައެވެ. ސަކީނާއަށް މަލާމާތް ކުރުމަކީ ހިސާބުގަނޑުގެ އާދައަކަށް ވެއްޖެއެވެ. މަސްތުގެ ދުނިޔޭގައި އުޅުމުން ލިބުނު ލަނޑެއް ކަމުގައި ބުނެ އުޅެން ފެށިއެވެ. ދުވާލު ގަޑީގައި އަވައްޓެރިންނާއި އާއިލާ މީހުންގެ މަލާމަތާއި ފުރައްސާރައެވެ. ރޭގަނޑު ވެއްޖެ ނަމަ އަވައްޓެރިންނާއި އާއިލާގެ ފިރިހެނުންގެ ޖިންސީ ފުރައްސާރައެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމާއި، އެކި ނަންނަމުން މުޚާތަބު ކޮށް ގޮވުމެވެ. ހަޑި ހުތުރު ކަންކަމަށް ގޮވާލުމެވެ. ލާރިދޭނެކަމަށް ބުނެ ޖިންސީ އެދުން ފުއްދައިދިނުމަށެވެ. ގޭގެ ދޮރާއްޓެއް ނުހުރެއެވެ. އަދި ގޭތެރެއަށް ގޯޅިގަނޑަކުން ވަދެ ފުރަތަމައަށް ޖެހެނީ ސަކީނާގެ ދެމައިން ނިދާ ކޮޓަރިއެވެ. އެތައް ބައެއްގެ އުނދަގުލާއި ނަފްރަތުގެ ޝިކާރައަކަށްވެ ބިރުވެރި ހާއްޔެއްގައި ދެމައިން އުޅެމުންދާތާ ހަތް އަހަރުވީއެވެ.
އިއްޔެވީ ކަމެއް ހެން ސާހިލަށް އެދުވަސް ހަނދާން އެބަހުއްޓެވެ. މަންމަ ސަކީނާއާއި ސާހިލްގެ ކޮޓަރީގައި އޭރު ހުންނާނީ ތުނި ތުނި ގޮދަޑިއަކާއި ކުޑަ ރަބަރު އަލަމާރިއެކެވެ. ސާހިލް ގޮދަޑީގައި ނިދާފާ އޮށްވާ ކުއްލިއަކަށް ހޭލެވުނީ އަޑުގަދަވެގެންނެވެ. ލޯހުޅުވާލި އިރު ފެންނަނީ ނޫ ކުލައިގެ ޔުނީފޯމެއްގައި ހުރި ސިފައިންގެ މީހެކެވެ. ސާހިލް ގޮދަޑިން ތެދު ވެލާށޭ ބުނުމަށްފަހު އެ މީހާ ސާހިލް ނިދަން އޮތް ބާލީސް ދަށް ބެލުމަށް ފަހު ހުދު ކުލައިގެ ޕެކެޓުތަކެއް ނެގިއެވެ. އޭރު މަންމަ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. މަންމަގެ މޫނު މަތުން މާޔޫސްކަން ފެންނަމުން ދިޔަ ކަމުގައި ވީނަމަވެސް މަންމަ އެއް ނުރޮއެވެ. އެންމެ ކަރުނައެއްވެސް ނާދެއެވެ. މަންމަ ހުރީ އެއްކޮށްހެން ގަބުކައިފައެވެ. ސާހިލަށް ހަމަ ރޮވެނީއެވެ. ގިސްލެވެނީ އެވެ. ބިރުގަންނަނީ އެވެ. ކިހިނެއްކަމެއް މިވަނީ ވެސް ނޭގޭ ހާލު އެ ތުއްތު ކުއްޖާ އެދެމުން ދިޔައީ ސަލާމާތް ތެރި ކަމާއި ރައްކާތެރިކަމެވެ. އަންހެން ފުލުހަކު އައިސް ސާހިލްގެ މަންމަ ބިޑި އެޅުމަށް ފަހު ޕޮލިސް ބަހަށް އެރުވި މަންޒަރު ސާހިލަށް މިއަދުވެސް ލޮލު ކުރިމަތިން ސިފަވެގެން ދެއެވެ. އެ ވަގުތު ގޭދޮށު މީހުން ނުކުމެ މަންމައަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސްތައް ކިޔަމުން ދިޔައެވެ. ސާހިލްގެ އުމުރަށް ފަރުވާލެއް ނުބަހައްޓައެވެ. ސާހިލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނައަށް ފަރުވާލެއް ނެތެވެ.
އެ ތުއްތު މޫނުގައި ވަނީ މަޢްސޫމްކަމެވެ. އެއީވެސް މާތް الله ދެއްވި އަމާނާތެއް ނޫންބާވައެވެ؟ އެއީވެސް އިންސާނެއް އަދި ކުޑަ ކުއްޖެއް ނޫންބާވައެވެ؟ މަންމައަށް ކުރިމަތި ކުރުވި ޖިންސީ ހާނިއްކައިގެ ސަބަބުން މަންމަގެ އުމުރުން ސޯޅަ އަހަރުގައި ބަލިވެ އިނދެ ސާހިލް ދުނިޔެއަށް އުފަންވުމުން އޭގެ ޖަޒާ ވެސް ދޭންވީ މަންމަ ހެއްޔެވެ؟ ނޫނީ އެ ޔަތީމު ސާހިލް ހެއްޔެވެ؟ މުޖުތަމަޢަކީ މީހުންގެ ފަސާދަ ބާވައެވެ؟ ނުވަތަ އެހީތެރިކަމާއި އޯގާތެރިކަމުގެ ލާމަސީލު މިސާލެއްބާވައެވެ؟ ދީލަތި ކަމާއި ހިތް ތިރިކަމާއި އެކަކު އަނެކަކަށް އަޅާލުމުކީ ހަމަ އެކަނި މީސްމީޑިޔާގައި ޖަހާލާ ބަސްކޮޅެއް ބާވައެވެ؟ ނުވަތަ އެހީއެއް ވެދީފައި ނަގާލާ ފޮޓޯގަނޑެއް ބާވައެވެ؟ މުޖުތަމަޢުގައި އެހީއަށް ބޭނުންވާ ޔަތީމުންނާއި މިސްކީނުންނާއި މުޖްތަމައުގައި ބާކީކުރެވި ލޭބަލް ކުރެވިފައިވާ މީހުން އަދި ކުދިންނާއި މެދު އަހަރުމެންގެ ޒިންމާއެއް ނެތީބާވައެވެ؟ އެ ކުދިން ނުވަތަ އެމީހުން އެހާލުގައި ޖެހުނީ އަހަރުމެންގެ ވެސް ކުށަކުން ނޫންތޯއެވެ؟
ސާހިލް ހަތް އަހަރުން ފެށިގެން އުޅެމުން ދިޔައީ ސަރުކާރުގެ ހިޔާވެހި ދަށުގައެވެ. މަންމަ ޖަލަށް ގެންދިޔަ އިރު އެންމެ ބާވީސް އަހަރެވެ. ނަމަވެސް ޖަލުގައި ހުރި ދުވަސް ވަރުގައި މަންމަ ނަފްސާނީ ގޮތުން ބަލިކަށިވީއެވެ. ކުއްލި ކުއްލިއަށް ރޯންފަށައެވެ. ނުވަތަ ހޭން ފަށައެވެ. އެހެން މީހުނަށް ނުފެންނަ އެއްޗެހި ފެންނަކަމަށާއި ނީވޭ އަޑުތައް އިވެނީއެވެ. ކުއްލި ކުއްލިއަށް ބިރުގަނެ ސިއްސަ ސިއްސައިގެން ދަނީއެވެ. އަމިއްލަ ނަފްސަށް އަނިޔާ ކުރަނީއެވެ. ޑަކްޓަރުން ލަފާދިން ގޮތުގައި މަންމަ ވަނީ ވަރަށް ބޮޑު ޓްރޯމާއެއްގައެވެ. ކުޑައިރު ދިމާވި ކަންކަމުންނެވެ. ޖަލުގައި އެތައް އަހަރެއް ވޭތު ކުރުމަށްފަހު މަންމަ ބަދަލުކުރެވުނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ. އެ މަރުކަޒުގައި ތިން އަހަރު ނުވެ މަންމަ މިދުނިޔެއާއި އަލްވަދާޢުކީއެވެ. ސާހިލް އަށާރަ އަހަރު ވުމުން ދަޢުލަތުގެ ބެލުމުގެ ދަށުން ނިކުމެ ރިސޯޓެއްގައި މަސައްކަތް ކުރަން ފެށިއެވެ. އޭގެ ދިހަ އަހަރު ފަހެވެ. މިހާރު ސާހިލަކީ ރިސޯޓުގެ މަތީ މަގާމެއް ފުރަމުންދާ އުންމީދީ މުވައްޒިފެކެވެ. އަދި މަތީ ތަޢުލީމަށް ކިޔަވަމުން ދާ ޒުވާނެކެވެ. ހިތް ހެޔޮ ފިރިއެކެވެ. އަދި އެހާމެ ރަނގަޅު ބައްޕައެކެވެ.
ސާހިލްގެ ދަރިފުޅު ލޯހުޅުވާލުމަށްފަހު ސާހިލްގެ ގާތަށް ޖެހިލާ އޮޅުލައިގަތެވެ. ސާހިލް ގާތުގައި އެތައް އިރަކު އޮވެލަފާނެއެވެ. ތުއްތު ކުދިން އެދެނީ ލޯތްބާއި އަޅާލުމެވެ. ރައްކާތެރި މާޙައުލެކެވެ. ދުނިޔޭގެ މަކަރާއި ހީލަތުން އަދި އަނިޔާވެރިކަމުން ސަލާމަތުގެ އައްސޭރިއެކެވެ.
ތުއްތު މޫނާ ދެލޯ ދެންކުރާ ހައިރާނެކޭމީ، ތިޔަ މަޢްސޫމް ގޮވާލުމެ، ކުރީ ޝޯޚު ނޫންހޭ.
(ނިމުނީ)
