އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވައިފައިވާ ދީނަކީ އިސްލާމްދީނެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ." އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތެވެ. މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގައި އަހަރެމެންނަށް ކާމިޔާބުލިބުމެއް ނުވެއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (تَرَكْتُ فِيْكُمْ أَمْرَيْنِ لَنْ تَضِلُّوْا مَا تَـمَسَّكْتُمْ بـِهِمَا كِتَابَ اللهِ وَسُنَّةَ نَبِيِّهِ)
މާނައީ: "ތިމަންކަލޭގެފާނު މި ވަޑައިގަންނަވަނީ ތިޔަބައިމީހުންގެތެރެއަށް ދެ އެއްޗެއް ދޫކުރައްވައިފައެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހައި ހިނދަކު، ތިޔަބައިމީހުން މަގު ފުރެދިގެންނެއް ނުދާނެއެވެ. އެއީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުއްނަތެވެ."
އިސްލާމްދީނުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާންވީ ފަދައިން އެ ދީނުގެ ދެވަނަ މަޞްދަރަކީ ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތެވެ. މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ކިޔަމަންވުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އެކަލާނގެ ވަނީ އަމުރު ކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިޔަބައިމީހުން اللهއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ރައްކާތެރިވާށެވެ!" ކީރިތި ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ އަހަރެމެންނަށް ސީދާމަގަށް މަގުދެއްކެވުމަށެވެ. އެހެންކަމުން ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މީގެ އިތުރަށް އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ވަޙީގެ ތެރެއިން ބައެއްކަން ވެސް ކީރިތި ﷲ ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެތެވެ."
ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮވެއެވެ. ޝަރުޢީ ކަމެއް ސުންނަތުން ސާބިތު ވިއަސް ޤުރްއާނުގައި އޭގެ ޙުކުމް އައިސްފައިނުވާ ނަމަ، އެއީ ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށްލިއަސް ޢަޛާބު ނުލިބޭ ކަމެއްކަމުގައި މި ފަދަ މީހުން ދެކެއެވެ. އަނެއްބަޔަކު ދެކޭ ގޮތުގައި މުސްލިމުން ޢަމަލުކުރާން ޖެހޭ ހުރިހައި ކަމެއް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އެހެންކަމުން އޭގެ ބޭރުން އެހެން އެއްޗަކަށް ބަލާކަށް ނުޖެހޭނެއެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލުކަމެކެވެ. މިސާލަކަށް، ނަމާދަކީ ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެކަލިމައަށް ފަހު ދީނުގެ އެންމެ މުހިންމު ރުކުނަކީ ނަމާދެވެ. މި ރުކުން މުއުމިނުންގެ މައްޗަށް ފަރުޟުވެއްޖެކަން ޤުރްއާނުން އެނގޭން އެބައޮތެވެ. ނަމަވެސް ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. މިކަންކަން އެނގެނީ ރަސޫލާ ﷺ ގެ ސުންނަތުންނެވެ. ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާންވީގޮތް އެކަލޭގެފާނު ވަނީ ދަސްކޮށްދެއްވައިފައެވެ. އެހެންކަމުން ސުންނަތާނުލައި، ދީނުގެ ޙުކުމްތަކެއް ނޭނގޭނެއެވެ. ކީރިތި ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "(އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށް ޓަކައެވެ."
އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރުއާންވީ ފަދައިން، ރަސޫލު ﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަކީ އެ ޝަރީޢަތުގެ ދެވަނަ މަޞްދަރުކަން ކަށަވަރެވެ. ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުމެވެ. އެ ދެކަލިމަ ވަކިނުކުރެވޭނޭ ފަދައިން ޤުރްއާނާއި ސުންނަތް ވެސް ވަތްކެއްނުކުރެވޭނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެކެވެ. އެ ދީން ކީރިތި ﷲ ވަނީ ޤިޔާމަތަށްދާންދެން ރައްކާތެރިކުރައްވާނޭ ކަމަށް ވަޢުދުވެވޮޑިގެންފައެވެ. ކީރިތި ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރިކުރައްވާހުށީމެވެ." ކީރިތި ރަސޫލާގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވި އަޞްޙާބުބޭކަލުންގެ އަރިހުންނެވެ. މި އާޔަތުގައި އެވާ ޛިކުރަކީ ޤުރްއާނާއި ސުންނަތުގެ މައްޗަށް އެކުލެވިގެންވާ އިސްލާމީ ޝަރީޢަތެވެ. އެހެންކަމުން ޤުރްއާނާއި ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެއެވެ.
- މިއަދުގެ ހުކުރު ޚުޠުބާއިން
