ކުރުވާހަކަ: އުފާ

އަހަންނަކީ އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ އަންހެން ކުއްޖަކީމެވެ. މާރީތި ނޫނަކަސް ހަށިގަނޑުގެ ބައްޓަމާއި ރީތި އަޚުލާގަކީ އަހަރެންދެކެ މީހުން ވަރަށް އަޅައިގަންނަ ކަންތައްތަކެވެ. އެއުމުރުގެ އެހެންކުދިންނެކޭ އެއްފަދައިން އަހަރެންވެސް އުމުރުން ބާރަ އަހަރުގައި ކިޔެވުމަށްޓަކައި މާލެ ދާންޖެހުނެވެ. މައިންބަފައިންނާއި ވަކިވިޔަސް އަހަރެންގެ އެއްވެސް ކަންބޮޑުވުމެއް ނެތެވެ. ސަބަބަކީ މައިންބަފައިންގެ ކުދިން ގިނަކަމާއި ފަޤީރުކަމަކީ މައިންބަފައިންގެ ރުޅި ގަދަވާ ސަބަބެއްކަމުން އަހަރެން ގިނަވަގުތު ގެއިން ބޭރުގައި އުޅެން ޖެހުމެވެ. އިރުއަރާނީ އަހަރެން އަތިރިމަތީގައި ހުއްޓައެވެ. މެންދުރުވާނީ އަހަރެން ވަލުތެރޭގައި މަދުހޮވުމާއި ކެޔޮ ހޮވުމުގައި އުޅެނިކޮށްނެވެ. އަސުރުވާނީ ރައްޓެހިކުދިންނާއެކު މޫދުގައި އޮއްވައެވެ. އިރުއޮއްސޭނީ އަހަރެން ކުޅޭދަނޑުގައި އުޅެނިކޮންނެވެ. ޚިޔާލެއް ފިކުރެއްނެތެވެ. އަހަރެން ކުދިންނާއިއެކު ކުޅެފައި ގެއަށްއައިސް ކާން އިންނައިރު މަންމަ އެއްޗިހި ގޮވައެވެ. އެއްވެސް ހަރުދަނާކަމެއް އަހަރެންގެ ނެތީމައެވެ. ކާ ކޮންމެ ވަގުތަކު ކާލެއް ގިނަކަމުންނެވެ. ނަމަވެސް އަހަރެން ފަރުވާ ބައްޓައިގެން ކުރި އެއްކަމެއް ހަނދާންވެއެވެ. ދެނަމާދު ދޭތެރޭގައި ޤުރުއާން ކިޔެވުމެވެ. އަހަރެން އުމުރުން ދިހަ އަހަރުވީއިރު ޚަތިމުކޮށް ޔާސީން ސޫރަތާއި ތަބާރަ ސޫރަތާއި ރަހުމާން ސޫރަތް ހިތުދަސްކުރީމެވެ.

މާލޭގައި އަހަރެން އުޅުނީ މުއްސަންޖެއްގެ ގޭގައެވެ. ބަލިމީހަކު ބެލުން ފިޔަވާ އިތުރުކަމެއް ކުރާކަށް ނުޖެހެއެވެ. އެހެންކަމުން ބޭރަށް ނިކުންނަން ފުރުސަތު ލިބުނެވެ. އަބަދުވެސް ބޭރުގައި އުޅެން އާދަވެފައިވާ އަހަރެން މާލޭގައިވެސް ބޭރަށް ނިކުންނަން ފެށީމެވެ. އަހަރެންގެ ބެލެނިވެރިޔާއަށް އެއީ މައްސަލައެއް ނޫނެވެ. ހެޔޮގޮތާއި ރަނގަޅު ނަސޭހަތްދޭނެ މީހަކާއި އަހަރެންނާއި އެއްވެސް އިރަކު ދިމާވެފައެއް ނުވެއެވެ. އަހަރެންގެ އަމަލުތަކާއި މެދު ކަންބޮޑުވާމީހެއް ނުހުރެއެވެ. އަހަރެންނަށް އަޅާލާނެ މީހެއް ނުހުރެއެވެ. ގޭގައި އޮންނަ ބަލިމީހާ ފެންވަރާ ކާންދީ ބޭސްދިނުމުން ނިދައެވެ. ދެންއޮންނަ ހުސްވަގުތުގައި އަހަރެން ކޮންމެކަމެއް ކުރިއަސް އެއްޗެކޭ ބުނާމީހަކު ނުހުރެއެވެ. މާލޭގައި ހަފްތާ ނިންމާ ޝޯއެއް ނުބަލައެއް ނޯންނާނެއެވެ. ރާޅުގަނޑު ސަރަހައްދުގައި އަހަރެން ހާޒިރުނުވާ ހަރަކާތެއް ނުބާއްވައެވެ. އަހަރެންނަށް މުޅި މާލެ އެނގެއެވެ.

އަހަރެން ފުރާވަރަށް އެރީ މިސަކަރާތުގައި އުޅެނިކޮންނެވެ. މާލޭގެ ވަރަށްގިނަ ފިރިހެންކުދިންނާއި އަހަރެންނާއި ދިމާވިއެވެ. އެމީހުންނާއެކު އަހަރެންގެ ހުސްވަގުތުތައް ފުރީމެވެ. ނަމަވެސް މާތްﷲގެ ރަޙްމަތްފުޅުން އަހަރެން ފާފައެއް ނުކުރަމެވެ. އަހަރެން އޭރުވެސް އެކަހަލަ ކަންކަމަށް ބިރުގަނެއެވެ. ލިބުނު ރައްޓެހިންގެ ސަބަބުން އެއްރޭ އަހަރެން ރިސޯޓަކަށް ދިޔައީމެވެ. އެއީ އަހަރެން އަލަށް ރިސޯޓަކަށް ދިޔަފަހަރެވެ. ކުރިންވެސް އަހަރެން ދަންނަ ފިރިހެން ކުއްޖަކު އަހަރެންގެ ފަހަތުން ފާރަލާކަން އަހަރެންނަށް އެނގުނެވެ. އެއީ މާލޭގެ މަޝްހޫރު ގެއެއްގެ ހާތިމެވެ. އެރޭ އަހަރެން ވަރަށް ނެށީމެވެ. ވަރުބަލިވެގެން އަހަރެންނަށް ކޮޓަރިއަށްގޮސް ފެންވަރައިގެން ނިދިއިރުވެސް އެހެންކުދިން ނަށަންތިއްބެވެ.

އޭގެ ދެދުވަސްފަހުން އަހަރެންގެ ގެއަށް ދެފިރިހެނަކު އައެވެ. އައީ ފޯމެއް ހިފައިގެންނެވެ. ހާތިމް ފޮނުވައިގެން ކައިވެނީގެ ފޯމު ފުރުމަށެވެ. އަހަރެން އޭރު އެމް.އީ.އެސް ނުވައެއްގައި ތައުލީމް ހާސިލް ކުރަމުން ދިޔައީއެވެ. ކިޔަވަންވެސް ދަނީ ހަފްތާއެއްގެ ދެދުވަސްކަމުން ކިޔެވުން މަތިން ވަނީ ފޫހިވެފައެވެ. އެހެންކަމުން ހާތިމާއި އިނުމަކީ އަހަންނަށް މައްސަލައެއް ނޫނެވެ. އޭނާގައިގައި އަޅައިގަންނަ ގޮތެއް ހުރުމުން، ކުރިންވެސް ފާހަގަ ކުރެވިފައި އޮތީމާ އެއްވެސް ވިސްނުމެއްނެތި އާނބަސް ދީފީމެވެ. ކުލަގަދަކޮށް ކައިވެނި ކުރެވިއްޖެއެވެ. ހާތިމަކީ އަހަރެން ދުވަހަކުވެސް ނުދެކޭހާ އޯގާތެރިއެކެވެ. މާލޭމީހަކަށް ވިޔަސް އަމިއްލަ މަސައްކަތުން ލާރި ހޯދާ ހަރުދަނާ މީހެކެވެ.

ގޭގައި އަހަރެންގެ ހުރިހާވަގުތެއް ހާތިމާއެކު ހޭދަކުރީމެވެ. ފަސްމަސްވީއިރު އަހަރެންގެ ބަނޑަށް ދެމަސް ވެއްޖެއެވެ. މާބަނޑުވުމުން ލިބެމުންދާ އުނދަގޫތަކުން އިންތިހާއަށް ބަލިވެއްޖެއެވެ. ހާތިމްގެ ދިރިއުޅުން އިތުރަށް ބުރަ ވެއްޖެއެވެ. ގޭގައި ހޭދަކުރެވޭ ވަގުތު މަދުވެއްޖެއެވެ. ފުރަތަމަ ދަރިފުޅު އުފަންނުވަނީސް އެކަނިވެރިކަން އަހަރެންނަށް އުނދަގޫ ކުރަމުން ދިޔައެވެ. ފުރަތަމަ ދަރިފުޅަށް އަހަރުނުވަނީސް ދެވަނަ ދަރިފުޅަށް ބަލިވެ އިދެފިއެވެ. ދިރިއުޅުން އެކަނިވެރިކަމާއި ފޫހިކަމުން ފުރިއްޖެއެވެ. ޝަކުވާ ކުރަން ނުކެރެނީ ހާތިމްގެ ރުޅިގަނޑުގެ ވަރު ފެނިފައި ވާތީއެވެ. ދުވަހަކުވެސް މީހަކު އެއްޗިހިނުކިޔާހާ ބާރަށް އެއްޗިހި ގޮވައެވެ. ހުތުރު އެއްޗިހި ގޮވައެވެ. ބައެއްފަހަރު އަތް އިސްކުރެއެވެ. ދިރިއުޅުން އަހަންނަށް ދަތި ކަމަކަށް ވެއްޖެއެވެ. ފޫހިކަމާއި ކަންބޮޑުވުމާއި ގޮތް ހުސްވުން ހަފަރާތުން ވަށާލައިފިއެވެ. ކުދިންކޮޅު ދޫކޮށްލާފައި ގެއިން ނިކުމެވޭކަށް ނެތެވެ. ކުދިންދެކެ އަހަރެން ވަރަށް ލޯބިވެއެވެ.

އެއްފަހަރެއްގެ ރޯދަމަހު އަހަރެންގެ ކުލާސް ކުއްޖަކާއި ދިމާވިއެވެ. އަހަރެން  ގާތުގައި ފަހުން ސްކޫލަށް ނުދިޔައީ ކީއްވެތޯ އެހިއެވެ. އަހަރެން އޭނާއަށް ހުރިހާ ވާހަކަތަކެއް ހިއްސާ ކުރީމެވެ. އެކިދުވަސް މަތީންނެވެ. އޭނާ އަހަރެންގެ ގެއަށް އަންނާތީއެވެ. އޭނާ އަހަރެންނަށް ދިނީ ޤުރުއާން ތަރުޖަމާއެކެވެ. އަހަރެން އެކަނިވަމުންދާ ވަގުތު ކިޔަވަމުން ދިޔައީމެވެ. ކޮންމެ އާޔަތެއްގެ މާނައިން އަހަރެންނަށް ރޮވެއެވެ. އެ ކިޔަވަމުން ދިޔައިރު ކޮންމެ އާޔަތެއްގެ މާނަ ހީވަނީ އަހަރެންގެ ހިތުތެރެއަށް ވަދެގެން ދާހެންނެވެ.

އަހަރެންނަށް މިއުޅެވުނު ގޮތާއިމެދު ދެރަވާން ފެށިއެވެ. ޒުވާންކަމުގެ ބޮޑުބައި ހޭދަވެގެން މިދިޔައީ އިސްރާފު ވެގެންނެވެ. އެކަލާންގެއަށް އަޅުކަން ނުކޮށް އުރެދެމުންނެވެ. އަހަރެން އިސްލާމްދީނާބެހޭ ފޮތްތައް ކިޔަން ފެށީމެވެ. ދިރިއުޅުމަކީ ކޮބައިކަމާއި އުފަލަކީ ކޮބައިކަން އަހަރެންނަށް އެނގުނީ އަދިކިރިޔާއެވެ. އަހަރެންނަށް ހެޔޮނަސޭހަތެއް ދިންއެއްވެސް މީހެއް ނެތުމުގެ ސަބަބުން ހަޔާތުގެ ބޮޑުބަޔެއް ވީރާނާވީތީ އަހަރެން ހިތާމަ ކުރަމެވެ.

މިއަދު އަހަރެންނަކީ ޤުރުއާން ހިތުދަސްކުރަމުންދާ ނަމޫނާ މަންމައެކެވެ. ވަގުތުތައް ބަހާލައިގެން ފައިދާހުރި މަސައްކަތްތަކެއް ކުރަމުންދާ އެދުރެކެވެ. އަވައްޓެރިންގެ ދަރިންނަށް ހިލޭސާބަހަށް ޤުރުއާން ކިޔަވައިދެމެވެ. އަހަރެންގެ ފިރިމީހާވެސް ނުހަނު ހެޔޮވެފައި އޯގާތެރިއެވެ. އުފަލަކީ ތިމާ ހޯދަން ޖެހޭ އެއްޗެކެވެ. ހިތްހަމަޖެހުމަކީ ހަރުދަނާ ކަމުން ލިބޭއެއްޗެއްކަން އަހަރެންނަށް މިއަދު އެގިއްޖެއެވެ. ބޭކާރު ވަގުތު ހޭދަކުރުމަކީ އަންހެނުން ނިކަމެތި ކޮށްލާ ކަމެކެވެ. މިއަދު އަހަރެންގެ ގޭގެ މަސައްކަތްތައް ވަގުތުން ވަގުތަށް ނިންމާފައި މުޖުތަމަޢުގައި ހަރުދަނާ ކަންކަމުގައި ހަރަކާތްތެރިވާ ޖަމާއަތް ތަކާއެކު ހިލޭސާބަހަށް މަސައްކަތް ކުރަމެވެ. މިވާހަކަ އަހަރެން މި ކިޔައިދިނީ މިއަދުގޮތް ހުސްވެފައިވާ އެތައް ކުދިންނެއް އަހަރެންނާއި ދިމާވާތީއެވެ. އެމީހުންނަށް ވިސްނިފައިވާގޮތުގައި އުފަލަކީ އެހެންމީހުންގެ ފަރާތުން ލިބޭ އިނާޔަތެކެވެ. ކޮފީތަކުންނާއި ތަފާތު ކުޅިވަރުތަކުން ލިބޭ އެއްޗެކެވެ. އެމީހުންގެހަޔާތް ބަރުބާދު ކުރަމުންދާއިރު އެމީހުންނަށް އެކަން ނޭނގޭތީއެވެ.

(ނިމުނީ)

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވާހަކަ ވަރަށް ހިތްގައިމު. އަދުގެ މާހައުލާގުޅޭ ރީތި އެތުރުންތަކެއް. ވަރަށް ރީތި. ވަރަށް ހިތްގައިމު.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *