ބޮލީވުޑްގެ މަޝްހޫރު ފިލްމުސްޓާރުން ކަމަށްވާ އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެނި އެޕްރީލް 14 ވަނަދުވަހު ކުރެވިއްޖެއެވެ. އެންމެންވެސް ބަލަންބޭނުންވީ އެމީހުން ލާ ހެދުމަކީ ކޮބައިތޯއެވެ. އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ އާލިޔާބަޓްގެ ކައިވެނީގެ ހެދުމުގެ ގޮތުގައި ބޭނުންކުރަނީ އޭނާގެ މައިދައިތަ ނީޓޫ ކަޕޫރުގެ ކައިވެނީގައި ބޭނުންކުރި ހެދުމުގެ ކޮޕީއެއް ކަމަށެވެ.
ނަމަވެސް ސޯޝަލް މީޑިޔާގައި އެމީހުންގެ ފޮޓޯތައް ދައުރުވާން ފެށި ހިސާބުން ދައްކަމުން ދިޔަ ވާހަކައަކީ މަޝްހޫރު ފިލްމުސްޓާރ ކަންގްނާ ރޯނަޓްގެ ހެދުމެއްގެ ކޮޕީއެއް އާލިއާ ބަޓްގެ ކައިވެނީގައި ބޭނުން ކޮށްފައިވާ ކަމަށެވެ.
ދެމީހުންގެ ސާޅީގެ ކުލައާއި ސާޅީގެ ޑިޒައިންވެސް ވަރަށް އެއްގޮތެވެ. އާއްމުކޮށް އިންޑިޔާގެ ކައިވެނި ތަކުގައި ބޭނުންކުރާ ރަތްކުލައިގެ ސާޅީގެ ބަދަލުގައި އާލިޔާ ލާފައިވަނީ އައިވަރީކުލައިގެ ހެދުމެކެވެ. މި ހެދުން ވަރަށް ރީތިވެފައި ޝާހީކަމަށް ދައްކައެވެ. ނަމަވެސް ސޯޝަލް މީޑިޔާގައި ވައިރަލްވަމުންދާ މި ދެ ފޮޓޯއަށްވެސް މީހުން އަންނަނީ ތަފާތު ކޮމެންޓްތައް ކުރަމުންނެވެ.
ކަންގްނާ ރޯނަޓްގެ ވަނީ އޭނާގެ ބޭބެ، އަކްޝީ ރޯނަޓްގެ ހަފްލާއަކަށް ދިއުމަށް މިހެދުން ލާފައެވެ. ކަންގްނާއާއި އާލިޔާ ހެދުންވެސް ޑިޒައިން ކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރެއް ކަމުގައިވާ ސަބާޔާސާޗީއެވެ. ބެލެވޭގޮތުގައި އޭނާއަށް ވަނީ މި ދެ ހެދުން ޑިޒައިން ކުރުމުގައި ވަރަށް ބޮޑު މިސްޓޭކެއް ހެދިފައިކަމަށް އެ ދެތަރިންނަށް ތާއީދުކުރަމުންދާ މީހުން ބުނަމުން ދެއެވެ.
