މިއަހަރުގެ ޤައުމީ މާމަ ކާފަ ދުވަސް އޭދަފުށީގައި ފާހަގަކުރަން ނިންމައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން، މިއަހަރުގެ ޤައުމީ މާމަކާފަ ދުވަސް ބ. އޭދަފުށީގައި ކުލަގަދަގޮތަކަށް ފާހަގަކުރުމަށް ނިންމައިފިއެވެ.

​އަންނަ ސެޕްޓެންބަރު މަހުގެ 1 އިން 2 އަށް ކުރިއަށްދާ މި ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ ޕެންޝަން އޮފީހާއި، އޭދަފުށީ ކައުންސިލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަދި މިނިސްޓްރީ އޮފް ހެލްތު ފެމިލީ އެންޑް ވެލްފެއާ ގުޅިގެންނެވެ.

​ޙަރަކާތްތައް ފެށުމަށް ސެޕްޓެންބަރު 1 ވާ އަންގާރަ ދުވަހުގެ ހަވީރު މާމައިންނާއި ކާފައިންނަށް ޚާއްޞަ ސަޔެއް ބާއްވާއިރު، މި ސައިގެ ތެރެއިން އެ އެކަކު އަނެކަކާ ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ޕެންޝަން އޮފީހާއި ހެލްތު މިނިސްޓްރީ ގުޅިގެން މާމަކާފައިންނާއި ޢާއިލާތަކަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދޭ ޚާއްޞަ ސެޝަނެއްވެސް މި ހަވީރު ކުރިއަށްދާނެއެވެ.

​މީގެއިތުރުން، ސެޕްޓެންބަރު 2 ވާ ބުދަ ދުވަހު ޕެންޝަން އޮފީހާއި ރަށުގެ މުއައްސަސާތައް ގުޅިގެން ޢާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ކުޅިވަރާއި މަޖާ ހަރަކާތްތައް ހިމަނައިގެން ކުރިއަށްގެންދާ މި ހަވީރަކު، މާމަކާފައިންނާއި ކުޑަކުދިން އަދި މުޅި ޢާއިލާއަށް އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވޭނެއެވެ.

​މި ހުރިހާ ހަރަކާތްތަކެއްގެ މައިގަނޑު ބޭނުމަކީ ޤައުމާއި މުޖުތަމަޢު ބިނާކުރުމުގައި މާމައިންނާއި ކާފައިން ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރުމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *