40 އިންސައްތަ މާރުކުރުމަކީ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން – ރައީސް

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް މަހަކު ލިބޭ ޖުމުލަ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް ރުފިޔާ އަށް މާރުކުރަން ލާޒިމްކުރާ ގޮތަށް، ގާނޫނަށް ގެނައި ބަދަލުން އެއްވެސް ރިސޯޓަކަށް ދަތިނުވާނެ ކަމުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އެ އާމްދަނީގެ 40 ޕަސެންޓު ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާޙުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ތަސްދީގުކުރައްވާފައި އެވެ.

މި ބިލު ތަސްދީޤު ކުރެއްވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ، އެ ބިލުގައިވާ ގޮތަށް 40 ޕަސެންޓް ބޭރު ފައިސާ މާރުކުރުމަކީ އެއްވެސް ރިސޯޓަކަށް ދަތިވާނެ ކަމެއް ނޫން ކަމަށެވެ.

އަދި ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށާއި، މުވައްޒަފުންނަށް މުސާރަ ދިނުމަށް ނުވަތަ އެހެން ޚަރަދުތައް ހަމަޖެއްސުމަށްވެސް މިކަމުގެ ސަބަބުން އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަން ޔަޤީންވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަންޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލުގައިވާ ގޮތުން، 'އޭ ކެޓަގަރީ' ގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *