ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދުކުޑަ ނިޒާމެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލައްވައި، ކުންފުނިތަކުގައި އޮތް ސަރުކާރުގެ ހިއްސާ އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިފަދައިން ނިންމެވިކަން އެމަނިކުފާނު އިޢުލާންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިގޮތުން، ސަރުކާރުގެ ދެކުންފުންޏެއް އުވާލައްވަން ނިންމަވާފައިވާކަން އެމަނިކުފާނު މިއަދު ވަނީ ހާމަކުރައްވާފައެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އުވާލެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، އެކަމުގެ ބައެއް ތަފްސީލުތައް ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފެނަކަ އުވާލައްވައި، ފެނަކައިގެ ދަށުން ދެމުންދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމައެއާއެކު އާރު.ޑީ.ސީ އުވާލައްވައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީގެ ދަށަށް އެކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް ބަދަލުކުރުމަށް ނިންމަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިބަދަލާއެކު، ކުންފުނިތަކުން މުވައްޒަފުން މަދުކުރައްވައި، ކުންފުނިތައް ރަނގަޅު ސައިޒަށް ކުޑަކުރެވި، އިސްރާފުވެގެންދާ ޚަރަދު ކުޑަކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
