އިސްލާމްދީނުގައި ސާބިތުވުން

އިސްލާމްދީނުގެ ހިދާޔަތުގެ ނިޢުމަތަކީ އިންސާނުންނަށް މާތް ﷲ ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތެވެ. އަހަރެމެންގެ ރާއްޖޭގެ ރައްޔިތުން ޤަރުނަކަށް ފަހު ޤަރުނެއް އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭތާ ނުވަސަތޭކަ އަހަރުވީއެވެ. މި ނުވަ ޤަރުނުގެ ތެރޭގައި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމާއި މިނިވަންކަމާ އެކު ރާއްޖެ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުންނެވެ. ކުރިއަށް އޮތްތަނުގައި ވެސް ދިވެހީންނަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެވޭނީ އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައިގެންކަމާ މެދު  ޝައްކެއްނެތެވެ.

އިސްލާމްދީނަކީ އިންސާނިއްޔަތަށް މާތް ﷲ ދަރުމަކުރެއްވި ރަޙުމަތުގެ ދީނެވެ. ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބީގެ ދީނެވެ. الله سُبْحَانَهُ وَتَعَالَىއަށް، އެކަލާނގެ އަޅުތަކުން ބޯލަނބައި ކިޔަމަންގަތުމަށް އެކަލާނގެ ރުހިވޮޑިގަންނަވާ ދީނެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دينއެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ."

އިސްލާމްދީނަކީ ޙައްޤުދީން ކަމުން، އެންމެހައި މީސްތަކުން އެ ދީނަށް ވަނުމަށް އިސްލާމްދީން ވަނީ ގޮވައިލައިފައެވެ. އަދި އިސްލާމްދީން ނޫން އެހެން ދީނެއް ޤަބޫލުކޮށްފި މީހާގެ ކިބައިން ﷲ އެ ކަމެއް ޤަބޫލު ނުކުރައްވާނޭކަން ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "دينއެއްގެ ގޮތުގައި إسلام دينނޫން دينއެއް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާގެ ކިބައިން (އެ ކަން) قبولއެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرةގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

މުޖުތަމަޢެއްގައި، އިސްލާމްދީން ދެމިއޮންނާނީ ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް ތަރުބިޔަތުދީގެންނާއި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެންނެވެ. މި ދީނަކީ އެކަކު އަނެކަކަށް އިޙުތިރާމުކޮށް، މީސްތަކުންގެ އަބުރާއި ކަރާމަތާއި ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ގޮވައިލާ ދީނެވެ. އިސްލާމީ މުޖުތަމަޢުން ރަމްޒުކޮށްދެނީ މުސްލިމުންގެ އުޅުމާއި އަޚުލާޤެވެ. މި ޙަޤީޤަތް ކަށަވަރުކޮށްދެއްވައި ލޮބުވެތި ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّـماَ بُعِثْتُ لِأُتَـمِّمَ مَكَارِمَ الْأَخْلاَقِ)[4] މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ  ރިވެތިއަޚުލާޤު ފުރިހަމަކުރެއްވުމަށް ޓަކައެވެ."

ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން އަހަރެމެންގެ ތެރޭގައި ދެމިއޮންނާން ޖެހެއެވެ.  މާވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "ހެޔޮ ކަމުގެ މަގަށް ގޮވާ، އަދި ހެޔޮ ކަންތަކަށް أمرކުރާ، އަދި ނުބައި ކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ."

އިސްލާމްދީނުގެ މަތިވެރި އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް ޓަކައި މި ޒަމާނުގައި ކުރެވިދާނެ ކަންކަމަށް ބަލައިލުމަކީ މުހިންމު ކަމެކެވެ. މި ގޮތުން ޤައުމުގައި އިސްލާމްދީން ދެމެހެއްޓުމުގެ މަޤުޞަދު ޙާޞިލުވާނޭ ގޮތަށް ޤާނޫނީގޮތުންނާއި ސިޔާސީ ފެންވަރުގައްޔާއި ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި ޢުމްރާނީ ތަރައްޤީއާއި ޙަޟާރަތުގެ ތެރެއިން ކުރެވިދާނެ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. އަދި އިސްލާމީ ޝަރީޢަތުގެ ޖިނާއީ، މަދަނީ، ޢާއިލީ، އަދި މާލީ ޙުކުމްތަކާ އެއްގޮތަށް ޤާނޫނުތައް ހަދައި އޭގެ މައްޗަށް ޤަޟާއީ ނިޒާމު ބައްޓަންކުރާން ޖެހެއެވެ. ދިވެހިރާއްޖޭގައި އިސްލާމްދީން މިހައިތަނަށް ވެސް ދެމިއޮތީ މާތް ﷲ ގެ ފަޟުލުވަންތަކަމަށް ފަހު ދިވެހި ދައުލަތުން އެކަމަށް ދިން މުހިންމުކަމުގެ ސަބަބުންނާއި ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ދީން ޙިމާޔަތްކުރެވިފައި އޮތުމުގެ ސަބަބުންނާއި، ދިވެހީންގެ މެދުގައި އިސްލާމް ދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. މިހެންކަމުން މިކަންކަން އިތުރަށް ހަރުދަނާކުރާންޖެހެއެވެ. މީގެއިތުރަށް އިސްލާމީ އުޞޫލުތައް ނެގެހެއްޓުމާއި އިންތިޚާބީ މެނިފެސްޓޯތަކުގައި އިސްލާމީ ޝަރީޢަތުގެ މަޤުޞަދު ޙިމާޔަތްކުރެވޭނޭ ފަދަ ކަންކަން ހިމަނާންޖެހެއެވެ. ހަމައެހެންމެ އިސްލާމީ ޢަޤީދާ ޙިމާޔަތްކުރެވޭނޭ ގޮތަށް ތަޢުލީމީ މަންހަޖު ފަރުމާކުރުމާއި މުޤައްރަރުތައް ހަދައި އޭގެ މައްޗަށް ދަރީން ތަރުބިޔަތުކުރާންޖެހެއެވެ. މީގެއިތުރަށް ޤުރްއާނާ ބެހޭ މަރުކަޒުތަކާއި އިސްލާމީ ތަޢުލީމުދޭ މުއައްސަސާތަކާއި އިސްލާމީ ޔުނިވާސިޓީތަކާއި ކޮލެޖުތައް ޤާއިމުކުރުމާއި އިސްލާމީ ޢިލްމީ ޕުރޮގްރާމުތަކާއި ޙާފިޒުން ބިނާކުރުމާއި އިމާމުންނާއި އިސްލާމީ މުޖުތަމަޢަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަޝްރޫޢުތައް އިތުރުކުރާންޖެހެއެވެ.

 

  • މިއަދުގެ ހުކުރު ޚުޠުބާއިން ނަގާފައި
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *