މާތް ﷲ އަޅަކަށް ދެއްވާނޭ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. ފަހެ ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގަލެވެ. އެންމެންވެސް، ހަމަޖެހުމާއި އުފާވެރިކަމަށް އެދެއެވެ. ނަމަވެސް، ޒަމާން ތަރައްޤީވެ، މާއްދީ ފަސޭހަތައް މިއަދު އިތުރުވެފައިވިޔަސް، ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެންނެވެ. އެ ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެއުރެންނަކީ، އީމާންވެތިބެ، އެއުރެންގެ އީމާންކަމުގެ ތެރެއަށް (ޝިރުކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ."
އިންސާނާއަށް ތެދުމަގު ބޭނުންވި ކޮންމެ ހިނދަކު މާތް ﷲ ރަސޫލުންނާ ނަބިއްޔުން ފޮނުއްވިއެވެ. އެ ބޭކަލުންގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ މާތް ﷲގެ އެއްކައުވަންތަކަމަށް ގޮވައިލެއްވުމެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވާކަމަށް އެ ބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރީން ވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!" އެ ބޭކަލުން ދުނިޔެވީ ތަނަވަސްކަމާއި ފާގަތިކަމަށް އިހުމާލުވެވަޑައެއްނުގަންނަވައެވެ. އެހެނެއްކަމަކު ޞައްޙަ ޢަޤީދާގެ ބިންގާ ވަރުގަދަކުރެއްވުމަށް މަސައްކަތްކުރެއްވެވީ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ އަސާސަކީ، ޞައްޙަ ޢަޤީދާކަމުގައި ވާތީއެވެ.
ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިޙާނުތަކާއި މުޞީބާތްތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތީ މާތް ﷲގެ ރަސޫލުންނާއި ނަބިއްޔުންނަށެވެ. ޚާއްޞަކޮށް، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدٌ ސއވ އަށް އެތައް ދަތިތަކަކާއި ތަކުލީފުތަކަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އެކަލޭގެފާނަށް އަނިޔާވެރިކަމާއި ފުރައްސާރައާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ބޭފުޅުން ވަކިވެދިޔުމުގެ ހިތާމަ ތަޙައްމަލުކުރެއްވިއެވެ. އަދި ބަނޑުހައިހޫނުކަމާއި ފަޤީރުކަމުގެ ދަތިކަންވެސް ތަޖުރިބާކުރެއްވިއެވެ. އެހެންނަމަވެސް، އެކަލޭގެފާނު ދެމިހުންނެވީ ކެތްތެރިކަމާއެކު މާތް ﷲގެ މިންވަރުފުޅަށް ރުހިވަޑައިގެންވާ ޙާލުގައެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅު ކަނުލައި އަޑުއަހާށެވެ! (ذَاقَ طَعْمَ الْإِيـْمَانِ مَنْ رَضِيَ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِيْنًا، وَبـِمُحَمَّدٍ رَسُوْلًا)[2] މާނައީ: "ﷲއީ ރައްބުކަމުގައްޔާއި، އިސްލާމްދީނަކީ ދީންކަމުގައްޔާއި، އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ ރަސޫލާކަމުގައި ރުހި ޤަބޫލުވެއްޖެ މީހާ، އީމާންކަމުގެ ފޮނިމީރުކަން ލިބިގެންފިއެވެ."
ބާއްޖަވެރިކަމާ ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ، އުޚުރަވީ ޙަޔާތް ވިއްކައިލަނީ ކިތައްމީހުންހެއްޔެވެ؟ ބޭރުފުށް ރީތިކޮށް ދެއްކުމަށް އަހަރެމެން މަސައްކަތްކުރަމުއެވެ. ނަމަވެސް އެތެރެފުށުގެ ޙާލާމެދު ފިކުރެއްނުކުރަމުއެވެ. ސަލަފުއްޞާލިހުން، އެއް ބޭކަލަކު އަނެއް ބޭކަލަކަށް ނަސޭހަތްތެރިވެ ވިދާޅުވާ ކަމަށް، مَعْقِلُ بْنُ عُبَيْدُ اللهِ الْجَزَرِيّ ނަޤުލުކުރައްވައިފައިވެއެވެ.
"އެ މީހެއްގެ އެތެރެފުށް އިޞްލާޙުކޮށްފި މީހާގެ ބޭރުފުށް މާތް ﷲ އިޞްލާޙުކޮށްދެއްވާނެތެވެ. އަދި އެ މީހަކާއި މާތް ﷲއާ ދެމެދުގައިވާ ގުޅުން އިޞްލާޙުކޮށްފި މީހާއަށް، އެ މީހަކާއި މީސްތަކުންނާ ދެމެދުގައިވާ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ. އަދި އާޚިރަތުގެ ކަންތައްތަކަށް އިސްކަންދީފި މީހާގެ ދުނިޔޭގެ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެތެވެ."[1] ފަހެ، ކާމިޔާބީގެ ދަތުރު ފެށޭނީ އެތެރެފުށް އިޞްލާޙުވުމުންނެވެ.
ފޯނުގެ ބެޓެރި ހުސްވާން ކައިރިވުމުން، ފޯނު ނިވިދާނެކަމުގެ ބިރަށް ޓަކައި، ޗާޖުކުރުމަށް އަވަސްވެގަންނަމުއެވެ. ނަމަވެސް، މާތް ﷲ ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތް ބީވެގެން ހިނގައިދާނެކަމާ މެދު ވިސްނައިލީ ފަހެ ކާކުހެއްޔެވެ؟ އެ ނިޢުމަތަކީ ޞައްޙަ ޢަޤީދާއެވެ. މި ނިޢުމަތް ބީވެގެން ހިނގައިދާނެކަމުގެ ބިރު އޮތް މިންވަރު ބަޔާންކުރައްވައި، ދެވަނަ ޚަލީފާ عُمَرُ الْفَارُوْقُ رَضِيَ الله عَنْهُ ވިދާޅުވެފައިވާކަމަށް ރިވާވެގެންވެއެވެ. (إِنَّـمَا تُنْقَضُ عُرَى الْإِسْلَامِ عُرْوَةً عُرْوَةً، إِذَا نَشَأَ فِي الْإِسْلَامِ مَنْ لَا يَعْرِفُ الْـجَاهِلِيَّةَ)[2] މާނައީ: "އިސްލާމްދީނުގެ އުޞޫލުތައް، ބޮޅަކަށްފަހު ބޮޅެއް ނެއްޓި ދެމިގަނެގެންދާހުށީ، ޖާހިލިއްޔަތުގެ ޙަޤީޤަތް ނޭނގޭ ޖީލެއް އިސްލާމީ އުންމަތުގައި އުފެދުމުންނެވެ." ފަހެ، ޞައްޙަ ޢަޤީދާގެ ނިޢުމަތަކީ އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ މަތިވެރި އަމާނާތެކެވެ.
ދުންޔަވީ ޙަޔާތް ފާގަތިކުރުމަށާއި، މުދަލާއި ދަރީންގެ މުސްތަޤުބަލަށް ޓަކައި މަސައްކަތްކުރާ ފަދައިން، އާޚިރަތުގެ ބާއްޖަވެރިކަމަށް ޓަކައި އަހަރެމެންގެ ހިތުގެ ޙާލަތު ރަނގަޅުކޮށް ހަރުދަނާ ޢަޤީދާއެއްގެ ވެރިޔަކަށްވުމަށް މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެ ދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲގެ ޙަޟުރަތަށް އައިމީހަކަށް މެނުވީއެވެ." ދުނިޔޭގެ އުފަލާއި ޒީނަތްތެރިކަން ހޯދުމުގައި މަޝްޣޫލުވެއުޅޭ މި ޙަޔާތުގައި، އާޚިރަތުގެ ކާމިޔާބީއަށް ޓަކައި ސާފުސީދާ ހިތެއްގެ ވެރިއަކަށް ވުމަށް މަސައްކަތްކުރާށެވެ!
- މިއަދުގެ ހުކުރު ޚުޠުބާއިން
