ބޭރު ފަރާތަކަށް ބިން މިލްކުވާނެ ފުރުޞަތެއް ނުދޭނަން: ރައީސް

ރަސްމާލޭގައި އީގަލް ހިލްސްއާއެކު ގެންދަން ނިންމާފައިވާ މަޝްރޫޢުގެ އެއްބަސްވުމުގައި ޤާނޫނުން ބޭރު އެއްވެސް ކަމެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ވިސްނުމުގައި ތަޞައްވަރު އޮޅޭގޮތަށް ރަސްމާލެއާ ގުޅޭގޮތުން ވާހަކަދައްކަނީ ރައްޔިތުންނަށް ފައިދާވާ މިފަދަ ބޮޑެތި މަޝްރޫޢުތައް ރާއްޖެއަށް ގެނައުމުން ހުރަސްއަޅަންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަސްމާލެ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރަށް އީގަލް ހިލްސް މަޝްރޫޢުއާއެކު އެއްވެސް ބަދަލެއް ނާންނަކަމަށާއި، މިއީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމައަށް ހާސިލުވާނެ މަޝްރޫޢެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރިއަށްގެންދާއިރު އެއަށް ފާޑުކިޔަނީ ޤައުމު އިސްކުރުމުގެ ވިސްނުން ނުހުންނާތީކަމަށެވެ. މިއީ ހިތާމަވެރިކަމެއް ނަމަވެސް ޙަޤީގަތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިމާއަކީ ފުރަތަމަ ދިވެހި ރައްޔިތެއްކަން ހަނދާންނެތޭ ހިސާބަށް، ސިޔާސީ ވިސްނުން އިސްކުރެވޭ މިންވަރަށް ބައެއް ސިޔާސީ ފަރާތްތަކުން ވިސްނުން ގެންގުޅޭކަމަށެވެ.

"ޤައުމަށް ފައިދާވާ ކަމެއް ކޮންމެ ސަރުކާރަކުން ކުރިއަސް އިސްކުރާނީ ޤައުމޭ. ރާއްޖެއަށް ފައިދާވާނަމަ، ކޮންމެ ސަރުކާރަކުން ކުރިއަސް އެއަށް ތާޢީދު ކުރާނަމޭ. ޤަބޫލުކުރާނަމޭ. އެފަދަ ވިސްނުމެއް ނެތްނަމަ ޤައުމަށް ވަނީ ގެއްލުން. ފައިދާވާން ހުރި ކަންކަމަށްވެސް އެޅެނީ ހުރަސް." ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ސިޔާސީ އޮއިވަރުގައި ފެށުނީއްސުރެއްވެސް ކަންކަން ދަނީ އެހެންކަމަށާއި، މިހާރުވެސް ފެނިގެން މިދަނީ އެފަދަ މަންޒަރެއްކަމަށެވެ. ލިޔާ އެއްޗަކުން، ދައްކާ ވާހަކައަކުން ނުވަތަ ކުރާ ކަމަކުން، ޒިންމާދާރުކަމާއެކު ޤައުމަށް ނުވިސްނާ ކަމެއްކޮށްފިނަމަ އޭގެ ނުރަނގަޅު އަސަރު ޤައުމަށް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަސްމާލެއަށް އަންނަ ބޮޑު މަޝްރޫޢުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އުމްރާނީގޮތުން އަދި އިޖުތިމާޢީގޮތުންވެސް ރާއްޖެއަށް ކުރިއެރުން އަންނާނެކަމަށެވެ. ނަމަވެސް މި މަޝްރޫޢުއާ ގުޅޭގޮތުންވެސް ދައްކަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މި މަޝްރޫޢު ކުރިއަށްގެންދިއުމުގައި ޤާނޫނު އަސާސީއާ ޚިލާފު އެއްވެސްކަމެއް ނޯންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *