"ބޮގޯޓާ ކޯލް ޓު އެކްޝަން" ޤަރާރުގައި ރާއްޖެއިން ސޮއިކޮށްފި

"ބޮގޯޓާ ކޯލް ޓު އެކްޝަން" ޤަރާރުގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ.

މިއީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކޮށް، ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކަށް އިޖާބަދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި އަދި ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި އެކުލަވާލައިފައިވާ ޤަރާރެކެވެ.

ދިވެހިރާއްޖެގެ ފަރާތުން "ބޮގޯޓާ ކޯލް ޓު އެކްޝަން" ގައި ސޮއި ކުރައްވާފައިވަނީ މިނިސްޓަރ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ އެވެ. "ބޮގޮޓާ ކޯލް ޓު އެކްޝަން" އަކީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ކޮލަމްބިއާގެ ބޮގޮޓާގައި ބޭއްވި، ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ބެހޭ ފުރަތަމަ ބައިނަލްއަޤުވާމީ މަހާސިންތާގައި ބައިވެރިވި ގައުމުތަކުން އިސްނަގައިގެން އިފުތިތާޙުކުރި މުހިއްމު ޤަރާރެކެވެ.

މި ޤަރާރުގެ މައިގަނޑު މަޤްސަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަކުރުމެވެ.

މި ޤަރާރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ޤާނޫނީ އަދި ސިޔާސަތުތަކުގެ އޮނިގަނޑުތައް ހަރުދަނާކުރުމަށާއި، ކުޑަކުދިން ހިމާޔަތްކުރުމުގެ ނިޒާމުތައް ވަރުގަދަކުރުމުގެ މައްޗަށެވެ. މީގެ އިތުރުން، ޑިޖިޓަލް މާޙައަލުތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އިދާރީ ގުޅުންތަކާއި ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ކުޑަކުދިންގެ ރައްކާތެރިކަމާއި ލާބައާ ގުޅުންހުރި ނިންމުންތަކުގައި އެކުދިންގެ ބައިވެރިވުން މާނަހުރި ގޮތެއްގައި ހިމެނުމަށްވެސް މި ޤަރާރުގައި ބާރުއަޅާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *