އަހަރެމެން މިއަދު މި ވޭތިކުރަމުންދަނީ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކުން ފުރިފައިވާ ދުވަސްތަކެކެވެ. ދިރިއުޅުމުގެ ދަތިތަކާއި ފިކުރުތަކުގެ ޝަކުވާނުކުރާ މީހަކު މަދެވެ. ނަމަވެސް، މި ހުރިހައި ތަކުލީފުތަކަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުމެވެ. މާތް ﷲ ހަނދުމަކުރުމަކީ ހިތްތަކުގެ ދިރުމެވެ. އެއީ އެކަލާނގެ މަތިވެރި ޙަޟްރަތާ ކުއްތަންވުމަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ކުރު މަގެވެ. ޛިކުރުކުރުމުގެ ސަބަބުން އިންސާނާގެ ނަފުސަށް ހަމަޖެހުމާއި އުފާވެރިކަން ލިބެއެވެ. ދިރިއުޅުމުގެ ހާސްކަމާއި ބުރަކަން ފިލުވައިދެއެވެ. މާތް ﷲގެ މަތިވެރިކަމާއި، ހައިބަވަންތަކަމާއި، ކާއިނާތުގައިވާ އެންމެހައި ނިޢުމަތްތަކަކީ އެކަލާނގެ ދެއްވި ތަކެތިކަން ގަބޫލުކޮށް، އެކަލާނގެ މަދަދާއި ނަޞްރު އަބަދުވެސް އަހަރެމެންނާ އެކުގައި ވާކަން އިހުސާސްކޮށްދެއެވެ.
މާތް ﷲ ހަނދުމަކުރުން މައިގަނޑު ތިން ބަޔަކަށް ބެހިގެންވެއެވެ. ފުރަތަމައީ، ހިތުގެ އިޚްލާޞްތެރިކަމާއެކު ހަނދުމަކުރުމެވެ. މިއީ މާތް ﷲގެ ކުޅަދުންވަންތަކަމާއި، މި ކައުނުގައިވާ އެކަލާނގެ މަތިވެރި އުފެއްދުންތަކާ މެދު ފުންކޮށް ފިކުރުހިންގައި، ތަޞައްވުރުކުރުމެވެ. އަދި ތިމާ ކުރާ ކޮންމެ ކަމެއް މާތް ﷲ ބައްލަވައިވޮޑިގެންވާކަން ދަނެ، އެކަލާނގެއަށް ބިރުވެތިވުމާއި، ލޯބިވުމާއި، ވަކީލުކުރުމުގެ ސިފަ ހިތުގައި ވަރުގަދަކުރުމެވެ.
ދެވަނައީ، ދުލުން ޛިކުރުކުރުމެވެ. އެއީ މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، އެކަލާނގެއަށް ޙަމްދާއި ޘަނާގެ ކަލިމަތައް ދުލުން ކިޔައިއުޅުމެވެ. އޭގެ ތެރޭގައި ކީރިތި ޤުރްއާން ކިޔެވުމާއި، ތަސްބީޙަކިޔުމާއި، ފާފަފުއްސެވުމަށް އެދި ދުޢާކުރުމުގެ އިތުރަށް، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔެވުން ހިމެނެއެވެ.
ތިންވަނައީ، ޢަމަލީ ގޮތުން ނުވަތަ ގުނަވަންތަކުގެ ޒަރީޢާއިން މާތް ﷲ ހަނދުމަކުރުމެވެ. ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި، ޙައްޖާއި ޢުމްރާގެ އަޅުކަން ފުރިހަމަކުރުމަކީ މީގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ހަމަ އެއާ އެކު، މައިންބަފައިންނަށް އޯގާތެރިވުމާއި، މީސްތަކުންނަށް އެހީތެރިވެ ހެޔޮ ފޯރުވުމަކީ ވެސް ޢަމަލުން މާތް ﷲ ހަނދުމަކުރުމުގެ މަތިވެރި ނަމޫނާތަކެވެ.
މުސްލިމް އަޚުންނޭވެ! މާތް ﷲގެ މަތީން ހަނދުމަކުރުމަކީ ޝައިޠާނާގެ ވަސްވާސްތަކާ ދުރުކޮށްދީ، ރަޙުމާނުވަންތަ ރަސްކަލާނގެ ރުހިވޮޑިގަތުން ހޯދައިދޭ، މަތިވެރި އަޅުކަމެކެވެ. އެއީ ހިތްތަކުން ހާސްކަމާއި މޮޅިވެރިކަން ފިލުވައިދީ، އުފާވެރިކަމާއި ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ޛިކުރުކުރުމުގެ ސަބަބުން ހަށިގަނޑަށް ދިރުމާއި ބާރު ލިބި، މޫނުމަތީގެ އުޖާލާކަމާއި ހައިބަތު ފާޅުވެއެވެ. ހަމަ އެއާ އެކު، މާތް ﷲއަށް އޮންނަ ލޯތްބާއި، އެކަލާނގެ މަތިވެރިކަން ހިތުގައި ބިންވަޅުނެގި، އެކަލާނގެ حضرةއަށް ކުއްތަންވުމުގެ މަގުފަހިވެއެވެ. ޛިކުރުކުރުމަކީ މަރުވެފައިވާ ހިތްތަކަށް ދިރުންދީ، ޣާފިލުކަމުގެ ނިދީން އިންސާނާ ހޭލައްވައިދޭ ކަމެކެވެ. އެހެނީ ޛިކުރުކުރުމަކީ ހިތުގެ ކާނާއެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެއުރެންނީ، إيمانވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"
ޛިކުރުކުރާ މީހާއާއި ޛިކުރުނުކުރާ މީހާގެ ތަފާތު ބަޔާންކޮށްދެއްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَثَلُ الَّذِيْ يَذْكُرُ رَبَّهُ وَالَّذِيْ لَا يَذْكُرُ، مَثَلُ الْـحَيِّ وَالْمَيِّتِ)[1] މާނައީ: "އެ މީހެއްގެ ވެރިރަސްކަލާނގެ ހަނދުމަކުރާ މީހާއާއި، އެކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލަކީ، ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ." އަޅުތަކުން މާތް ﷲއާ ކުއްތަންވުމުގެ ގޮތުން ކުރާ ކޮންމެ ކަމަކަށް ސަވާބާއި ދަރުމަދެއްވުމުގައި އެކަލާނގެ ދީލަތިފުޅުކަން، މާ އިތުރުވެގެން ވެއެވެ. އެކަން ބަޔާންކުރައްވައި ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. (أَنَا عِنْدَ ظَنِّ عَبْدِيْ بِيْ، وَأَنَا مَعَهُ حَيْثُ يَذْكُرُنِيْ، وَاللهِ، لَلَّهُ أَفْرَحُ بِتَوْبَةِ عَبْدِهِ مِنْ أَحَدِكُمْ يـَجِدُ ضَالَّتَهُ بِالْفَلَاةِ، وَمَنْ تَقَرَّبَ إِلَيَّ شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا، وَمَنْ تَقَرَّبَ إِلَيَّ ذِرَاعًا تَقَـرَّبْتُ إِلَيْهِ بَاعًا، وَإِذَا أَقْبَلَ إِلَيَّ يـَمْشِـيْ أَقْبَلْتُ إلَيْهِ أُهَرْوِلُ.)[2] މާނައީ: "މާތް ﷲ ވަޙީކުރެއްވިއެވެ. "ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅާ ހީކުރާ ގޮތެއްގެ މަތީގައެވެ. އޭނާ ތިމަންރަސްކަލާނގެ ހަނދުމަކުރާ ހިނދު، އޭނާއަށް ނަޞްރާއި މަދަދުދެއްވުމުގައި ތިމަންރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވަމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "މާތް اللَّهُ ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ތިޔައިން މީހަކު ސަހަރާގެ ތެރޭގައި ދަތުރުކޮށްފައި ދަނިކޮށް، އޭނާގެ ސަވާރީ ގެއްލުމަށްފަހު، އަލުން އެ ފެނުމުން އުފާވާ ވަރަށްވުރެ، މާތް اللَّهُގެ އަޅާ ތައުބާވުމުން، އެކަލާނގެ އުފާވެވޮޑިގަތުން މާބޮޑެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިމަން ރަސްކަލާނގެއަޅާ ހެއު ޢަމަލުކޮށްގެން ކައިވަތެއްގެ މިންވަރަށް ކުއްތަންވެއްޖެނަމަ ތިމަން ރަސްކަލާނގެ އޭނާއަށް ޢަފޫކުރައްވައި ސަވާބާއި ދަރުމަ ދެއްވައި ރަޙުމަތްލެއްވުމައިގެން މުށެއްގެ މިންވަރަށް ކުށްތަންވެ ވޮޑިގެންފާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އަޅާ ހެއު ޢަމަލުކޮށްގެން މުށެއްގެ މިންވަރަށް ކުއްތަންވެއްޖެނަމަ ތިމަންރަސްކަލާނގެ އޭނާއަށް ޢަފޫކުރައްވައި ސަވާބާއި ދަރުމަ ދެއްވައި ރަޙުމަތްލެއްވުމާއިގެން ބޮމައެއްގެ މިންވަރަށް ކުއްތަންވެ ވޮޑިގެންފާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއާ ކުއްތަންވުމަށް ހިނގައިފައި އަންނަނަމަ ތިމަންރަސްކަލާނގެ އެއަށްވުރެ ހަލުއި ފިޔަވަޅުގައި އެ އަޅާއަށް ޢަފޫކުރައްވައި ރަޙްމަތް ލެއްވުމާއިގެން އަވަސްވެ ވޮޑިގެންފާހުށީމެވެ."
ޛިކުރުކުރުމަކީ ހަމައެކަނި މިސްކިތުގައި އިނދެގެން ކުރާ ކަމެއް ނޫނެވެ. ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައި ވެސް ޛިކުރު ކުރެވިދާނެއެވެ. ހިނގާފައި ދާއިރުއެވެ. ސަވާރީއެއްގައި ދަތުރުކުރާއިރުއެވެ. އޮށޯވެ އޮންނަ އިރުއެވެ. މަސައްކަތުގެ މައިދާނުގައި އުޅޭއިރުވެސް މެއެވެ. ބާއްޖަވެރިކަމަށް އެދޭ މީހާގެ ދޫ އަބަދު ވެސް އޮންނާންޖެހޭނީ ﷲއަށް ޛިކުރުކުރުން މަތީގައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللَّهِ)[3] މާނައީ: "މާތްﷲ ހަނދުމަކުރުމުން ތިބާގެ ދޫ އަބަދުވެސް ތެތްކަންމަތީ ބާއްވާށެވެ.
- މިއަދުގެ ހުކުރު ޚުޠުބާއިން
