މުދަލަކީ މާތްﷲ ގެ ޙައްޤެކެވެ.

މުދަލާއި މުދާވެރިކަމާ ގުޅޭ އިސްލާމީ ތަޞައްވުރު ބިނާވެފައިވަނީ، ބަދަލުވުމެއް ނެތް، ވަރުގަދަ އަސާސެއްގެ މަތީގައެވެ. ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ، މާތް ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެއްޗެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އުޑުތަކުގައިވާހައި އެއްޗަކާއި، ބިމުގައިވާހައި އެއްޗެއް މިލްކުވެގެންވަނީ ﷲއަށެވެ."

އަހަރެމެންގެ އަތްމަތީގައި މިވާ މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން، ޤިޔާމަތްދުވަހު މާތް ﷲގެ ޙަޟުރަތުގައި އެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭނެއެވެ. މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވައިފައިވާ އެއްޗެއް ނޫންކަމާއި، އެއީ އިމްތިޙާނެއްކަން މާތް اللهُ ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރީންނަކީ، އިމްތިޙާނެކެވެ." މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވައިފައިވުމަކީ އިއްތިފާގެއްނޫނެވެ. އެއީ މާތް ﷲގެ މަތިވެރި ޙިކުމަތްފުޅާއި ތަދުބީރުފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނުކުރެއްވުމުގެ ގޮތުން، އެކަލާނގެ މިންވަރުކުރައްވަވާ ކަންކަމެވެ. އެހެންކަމުން، ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ކުރާންވީ ސުވާލަކީ، ތިމާއަށް އެއްކުރެވުނީ ކިހައި މުދަލެއްތޯއެއް ނޫނެވެ. އެހެނެއްކަމަކު، ކުރާންވީ ސުވާލަކީ، މާތް ﷲ ކުރިމަތިކުރެއްވި މި އިމްތިޙާނުން ކާމިޔާބީހޯދުނުތޯއެވެ!

މިއީ ނުރައްކާތެރިކަން ބޮޑު އިމްތިޙާނެކެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا ذِئْبَانِ جَائِعَانِ أُرْسِلَا فِيْ غَنَمٍ، بِأَفْسَدَ لَهَا مِنْ حِرْصِ الْمَرْءِ عَلَى الْمَالِ وَالشَّرَفِ لِدِيْنِهِ)[1] ‏މާނައީ: "ބަކަރި އައިނެއްގެ ތެރެއަށް، ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން، އެ ތަކެއްޗަށް ދޭ ގެއްލުމަށް ވުރެ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީންވެރިކަމަށް ހުރި ގެއްލުމާއި ފަސާދަ މާ ބޮޑެވެ." މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެ ނަމަ، އެ މީހެއްގެ ދީން ހަލާކުވެ، އަޚުލާޤު ފަސާދަވެ، ﷲއާ އެ މީހަކާ ދެމެދު އޮންނަ ގުޅުން ކެނޑިދެއެވެ.

އަހަރެމެން އެއްކުރާ މުދަލާ މެދު ޤިޔާމަތް ދުވަހުގައި ސުވާލުވެވޭނޭކަން ކަށަވަރެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَزُوْلُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ، حَتَّى يُسْأَلَ عَنْ عُمُرِهِ فِيْمَ أَفْنَاهُ؟ وَعَنْ عِلْمِهِ فِيْمَ فَعَلَ فِيْهِ؟ وَعَنْ مَالِهِ مِنْ أَيْنَ اِكْتَسَبَهُ؟ وَفِيْمَ أَنْفَقَهُ؟ وَعَنْ جِسْمِهِ فِيْمَ أَبْلَاهُ؟) [2] މާނައީ: "ޤިޔާމަތް ދުވަހު އޭނާގެ ޢުމުރު ހުސްކޮށްލި ގޮތާއި، އޭނާއަށް ލިބިފައިވާ ޢިލްމުގެ ބޭނުން ހިފި ގޮތާއި، އޭނާ މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާއި، އަދި އޭނާގެ ހަށިގަނޑު ފަނާކުރީ ކޮންކަމެއްކުރުމުގައިތޯ ސުވާލުވެވުމަށް ދާންދެން، އާދަމުގެ ދަރިޔާގެ ދެފައިތިލަ އެ ހުރިތަނުން ގުޑުވައެއް ނުލެވޭނެއެވެ."

މުދާ ހޯދާންވާނީ މާތް ﷲ ކަނޑައަޅުއްވައިފައިވާ އުޞޫލުތަކާއި އިންތަކުގެ ތެރެއިންނެވެ. ﷲ ޙަރާމްކުރެއްވި މަގަކުން މުދާ ހޯދުމުގެ ޙައްޤެއް އަހަރެމެންނަކަށް ނެތެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّهُ لَا يَرْبُوْ لَحْمٌ نَبَتَ مِنْ سُحْتٍ إِلَّا كَانَتِ النَّارُ أَوْلَى بِهِ)[3] މާނައީ: "ހަމަކަށަވަރުން ޙަރާމް ތަކެތި ކައިގެން ހެދިބޮޑުވާ ކޮންމެ ހަށިގަނޑަކަށްމެ، އެންމެ އައުލާކަންބޮޑީ ނަރަކައިގެ އަލިފާނެވެ." އިސްލާމްދީން ބާރުއަޅަނީ ޙަލާލު މަގުން މުދާ ހޯދުމަށެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (نِعْمَ الْـمَالُ الصَّالـِحُ لِلْمَرْءِ الصَّالـِحِ) [4] މާނައީ: "ހެޔޮލަފާ މީހަކަށް ހެޔޮލަފާ މުދަލުގެ މޮޅުކަމާއެވެ!"

ޙަލާލު މުދަލުގެ ތެރޭގައި، ތެދުވެރިކަމާ އެކު ކުރާ މަސައްކަތުން ލިބޭ އާމްދަނީއާއި، އަދާކުރާ ވަޒީފާއިން ލިބޭ އުޖޫރައާއި، ހުއްދަ ވިޔަފާރީގެ މުޢާމަލާތުތަކުން ލިބޭ އާމްދަނީ ހިމެނެއެވެ. ހަމަ އެއާ އެކު، ހެޔޮ ހިތުން ދެވޭ ހަދިޔާއާއި، ޝަރުޢީ ހަމަތަކުގެ މަތީން ލިބޭ ތަރިކަ މުދަލަކީ ވެސް ޙަލާލު މުދަލުގެ ތެރޭގައި ހިމެނޭ ތަކެތިކަން ކަށަވަރެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވައިފައިވާ އެއް ކަމަކީ، ޙަރާމް ގޮތުގައި އާމްދަނީ ހޯދުމެވެ. ރިބާކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތުން މުދާ ހޯދުމާއި، ވައްކަންކުރުމާއި، ޖުވާކުޅުމާއި، ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމުން ފައިސާ ހޯދުމަކީ، ކަނޑައެޅިގެން މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. މިއީ ހަމައެކަނި މާލީ ގޮތުން ހެދޭ ގޯހެއް ނޫނެވެ. މިއީ، އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ވަނީ މި ކަމާ މެދު ނުހަނު ވަރުގަދަ އިންޒާރަކުން އިންޒާރުކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ رِجَالًا يَتَخَوَّضُوْنَ فِيْ مَالِ اللهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ)[5] މާނައީ: "ހަމަކަށަވަރުން، މާތް ﷲގެ މުދާ، ޙައްޤަކާ ނުލައި ނަހަމަ ގޮތުގައި ބޭނުންކުރާ ބަޔަކު މީސްތަކުންގެ ތެރޭގައި ވެއެވެ. ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ހުރީ ނަރަކައެވެ." ނަހަމަ ގޮތުގައި މުދާ ހޯދުމުގެ ތެރެއިން އަމާނާތަށް ޚިޔާނާތްތެރިވުމަކީ ފާފަތަކުގެ ތެރެއިން އެންމެ ބޮޑުވެގެންވާ އެއް ފާފަކަމުގައި ނޫނީ ނުވާނެއެވެ.

ޙަލާލު ގޮތުގައި މުދާ ހޯދައި، އިބަ ރަސްކަލާނގެ ރުހިވޮޑިގަންނަވާ މަގުން އެ މުދާ ހޭދަކުރުމުގު ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އާމީން!

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *