ދިވެހިންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މަތިވެރި ސިފަ އަށަގެންނެވުމަށް ސަރުކާރުން ކުރިއަށްގެންދަވާ "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު"ގެ ރަސްމީ ލޯގޯ ހޮވުމަށް އާންމުންގެ ވޯޓަށް ހުޅުވާލައިފިއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު 22 ހުށަހެޅުމުގެ ތެރެއިން، ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ލޯގޯ މިހާރު ޝޯޓްލިސްޓް ކުރެވިފައިވާ ކަމަށެވެ.
ޝޯޓްލިސްޓް ކުރެވުނު ލޯގޯތަކުގެ ތެރެއިން އެންމެ ކަމުދާ ލޯގޯއަކަށް ވޯޓު ދިނުމުގެ ފުރުސަތު 'ޕީއެސްއެމް އެއަރ' މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ވޯޓުލުން ކުރިއަށްދާނީ މި ހިނގާ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 12:00 އާ ހަމައަށެވެ. މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
"އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އަކީ ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ރީތި އާދަ އަށަގަންނުވައި، އަހުލާގީ މިންގަނޑުތައް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ ސަރުކާރުގެ ބިޔަ މަޝްރޫއެކެވެ.
