އަމީނީ މަގު ސެގްމަންޓް 3 ގައި މާދަމާ ތާރުއަޅަން ފަށަނީ

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ ކެމިކަލް ފަށަލަ ކަމަށްވާ "އެމްސީ-30 ޕްރައިމް ކޯޓް" އެޅުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ ތާރު އެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

މި މަޝްރޫޢުގެ ސެގްމަންޓް 3 ހިމެނެނީ ޢިއްޒުއްދީން މަގު ގުޅޭ ހިސާބުން ފެށިގެން ކޫރުކެނދި ހިނގުމާ ހަމައަށެވެ. މި ސަރަޙައްދުގެ މަސައްކަތްތަކުގެ ތެރޭގައި ކުރިން އަޅާފައިވާ 1،924.77 އަކަމީޓަރުގެ ތާރު ނެގުމާއި، އެސްފާލްޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި، އަލުން ތާރުއަޅައި މަގުމަތީގެ ނިޝާންތައް ކުރެހުން ހިމެނެއެވެ. އެމްޓީސީސީން ބުނިގޮތުގައި ސެގްމަންޓް 3 ގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ތާރުއަޅައި ނިމުމުން، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ވަގުތުން ފެށިގެންދާނެއެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، ސުނާމީ ބިނާ ކައިރިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮތް އަމީނީ މަގުގެ ބައި، އޮކްޓޫބަރު 19 ވަނަ ދުވަހުގެ ދަންވަރު 12:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށް ފުލުހުން ވަނީ އިޢުލާންކޮށްފައެވެ. އެހެންކަމުން، މަގު ބަންދުކުރުމުގެ ކުރިން އެ ސަރަޙައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ދެ ސެގްމަންޓުގެ މަސައްކަތް މިހާރު މުޅިން ނިންމައި، އާންމުންނަށް ވަނީ ހުޅުވާލާފައެވެ. އަދި ސެގްމަންޓް 3 ގެ މަސައްކަތަށްފަހު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސެގްމަންޓް 4 ގެ މަސައްކަތެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *