މީހުން އެއްވާ ކޮންމެ ތަނެއްގައި ބުއްދީގެ ކަމަނާ ހަޅޭއްލަވަމުން ހިނގާނެއެވެ. އެކަމަނާގެ އަޑު ބާޒާރު މަތީގައާއި ރަށްރަށުގެ ބޮޑުދޮރާށި ދޮށުންނާއި މައިދާންތަކުން އިވޭނެއެވެ. ”އޭ މޮޔައިންނޭވެ! ކަލޭމެން ތިޔަ މޮޔަކަންމަތީ ތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ޢިލްމަށް ކަލޭމެން ފުރަގަސްދީ މަލާމާތްކުރުން ހުއްޓާލާނީ ކޮން އިރަކުން ހެއްޔެވެ؟ ކަލޭމެން އިސްލާހު ކުރުމަށް އަހަރެން މިދޭ ހެޔޮ ނަސޭހަތުގެ އަޑު އަހާށެވެ. އޭރުން އަހަރެންގެ ވިސްނުންތައް ކަލޭމެންގެ މައްޗަށް އޮއްސާލާނަމެވެ. އަހަރެންގެ ބަސްތައް ކަލޭމެންނަށް އޮޅުންފިލުވައި ދޭނަމެވެ.
އެހެނަސް ކަލޭމެން ތިޔަވަނީ އަހަރެންގެ ނަސޭހަތްތަކަށް ފުރަގަސްދީ އެ އަޑަށް ސަމާލުކަމެއް ނުދީއެވެ. އަހަރެން މިދޭ އިންޒާރުތަކަށް ކަލޭމެން އަޅައެއް ނުލައެވެ. އަހަރެން ދޭ ނަސޭހަތުގެ އަޑެއް ނޭހިއެވެ. ކަލޭމެންނަށް ބޮޑު މުސީބާތެއް ކުރިމަތިވާ ދުވަހަކުން، ނުވަތަ ތޫފާނެއް ކަހަލަ ކާރިސާއެއް ދިމާވާ ދުވަހަކުން އަހަރެން ހޭނަމެވެ.
ކަލޭމެން އައިސް އަހަރެންގެ އެހީއަށް އެދޭނެއެވެ. އެދުވަހަކުން އަހަރެން ކަލޭމެންގެ އަޑެއް ނާހާނަމެވެ. ކަލޭމެން އަހަރެން ފެނޭތޯ ހޯދާނެއެވެ. އެކަމަކު ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެއެވެ. ކަލޭމެންނަކަށް އެކައްޗެއް ވެސް ނުވިސްނެއެވެ. އެހެނީ ކަލޭމެން ތިޔަ ތިބެނީ މާތްރަސްކަލާނގެ ކިބަފުޅަށް ކުޑަވެސް ބިރެއް ނެތިއެވެ. ކަލޭމެންގެ އުފަލަށްޓަކައި މި އަގެއްނެތް ދުނިޔޭގައި ވަގުތީ އުފާތައް ހޯދުމުގައި ޣާފިލް ވެއްޖައީމެެވެ.
އަހަރެން ދޭ އިންޒާރުތަކުގެ އަޑު ނާހައި ކަލޭމެން ދިނީ ބީރު ކަންފަތެކެވެ. އެދުވަހަކުން ކަލޭމެން ރޭވި ރޭވުމާއި ކުރިކަންތަކުގެ ހިތި ކަލޭމެން ލިބިގަންނާނެއެވެ. ޙިކުމަތަށް ފުރަގަސްދީ ގަމާރުވުމުން ގެނެސްދެނީ މަރެވެ. ފަރުވާލެއް ނެތި ހިތުހުރިގޮތަކަށް ކުރާ މޮޔަކަންތަކުން އެމީހުންނަށް ގެނެސް ދެނީ ގެއްލުމާއި ހަލާކެވެ. އެއާ ޚިލާފަށް ކަލޭމެން އަހަރެންގެ ބަސް އަހާނަމަ ކަލޭމެންނަށް ރައްކާތެރިކަން ލިބިގަނެވޭނެއެވެ. ކަލޭމެންނަކަށް ކުއްލި މުސީބާތަކަށް ބިރެއް ގަންނާކަށެއް ނުޖެހޭނެއެވެ.“

ކިޔުންތެރިންގެ ޚިޔާލުތައް
ވަރަށް ފުރިހަމަ.