ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އަންނަ ބުދަ ދުވެހުގެ ކުރިން އެ ފައިސާ މާރުކުރަމުން ގެންދިއުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހާ ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން މާރުކުރަން ޖެހޭ ކަމަށެވެ. އަދި އެ ގާނޫނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރަން ހަނދާންކޮށްދޭކަމަށެވެ.
އެމްއެމްއޭ އިން ބުނީ ސުންގަޑި ހަމަވާއިރު ވެސް ގާނޫނާ އެއްގޮތަށް މާރުކުރުމުގެ އިލްތިޒާމް ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ހާމަކުރާނެ ކަމަށެވެ.
ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައީ 2024 ވަނަ އަހަރުއެވެ.
ބޭރު ފައިސާއާ ބެހޭ ބިލުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެ ގޮތުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15,000,000.00 (ފަނަރަ މިލިއަން) އިން 25,000,000.00 (ފަންސަވީސް މިލިއަން) އެމެރިކާ ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.
ގާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައެވެ. އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. ޓޫރިޒަމް ދާއިރާ ފިޔަވައި، ބޭރުފައިސާ އިން އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަކަށް މާރުކުރަންޖެހޭއިރު، އޭގެ ތެރެއިން 100 އިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭނީ 7 އިންސައްތައެވެ. މިގޮތަށް މާރުކުރަންޖެހޭ ފައިސާ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން، އެމް.އެމް.އޭއިން ލައިސަންސް ދީފައިވާ ބޭންކެއްގައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކޮށް މާރުކޮށް ނިންމަންވާނެކަމުގައި ވަނީ ކަނޑައަޅާފައެވެ.
މި އިސްލާހުގެ ދަށުން ބޭރު ފައިސާ ގަނެވިއްކޭނީ މަރުކަޒީ ބޭންކުން ކަނޑައަޅާ ރޭޓުތަކަށް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތަށް ކަމަށް ކަނޑައަޅައި، ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް ހޯދައިގެން ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އަދި މި ބިލުން، އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ރަސްމީކޮށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ވަނީ ކަނޑައަޅައިފައެވެ. މި ކުށްތަކަށް ދެވޭ އަދަބެއްގެ ގޮތުން އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު، ގާނޫނީ ޝަޚްޞުތައް 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
