ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ އަހަރުގެ ޖަނަވަރީ މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން، އެމްއެމްބީސީއިން ވިދާޅުވެއްޖެއެވެ.
ކުރިން އެކޮމިޝަނުން ފުރުސަތު ހުޅުވާލާފައިވަނީ، މިއަދުގެ ނިޔަލަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުމަށެވެ. އެހެންނަމަވެސް މިހާރުވަނީ، އެ މުއްދަތު އިތުރު 3 މަސް ދުވަހަށް އިތުރުކޮށްދީފައެވެ. އެހެންކަމުން މިހާރު ރީ-ރަޖިސްޓްރީ ކުރުމުގެ ސުންގަޑި 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 އަށް އިތުރުކޮށްފައިވާ ކަމަށް އެމްއެމްބީސީއިން ވިދާޅުވެއެވެ.
އެތާރީޚުގެ ފަހުން ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ، އައު ޤަވާއިދުގެ ދަށުން ބާތިލުވާނެއެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެކުރިން ރަޖިސްޓްރީވާން ޖެހެނީ، އެއިރަކު އެމަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ކަމަކާއި ގުޅޭ ވުޒާރާއެއްގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނާއެކު އެ ކޮމިޝަން އުފެދި، ނޫސްމަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ އެކޮމިޝަނާ ވަނީ ހަވާލުކޮށްފައެވެ.
މިމަސައްކަތް ކުރުމަށް ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ ޤަވާއިދެއް މީޑިއާ ކޮމިޝަނުން ވަނީ ޝާއިޢުކޮށްފައެވެ. މި ޤަވާއިދަކީ، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާއި، ހިންގުމާއި، ނޫސް މަޖައްލާގެ ޚިދުމަތް ދިނުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.
މި ޤަވާއިދުގައި ނޫސް މަޖައްލާ ވަނީ، 4 ގިންތިއަކަށް ބަހާލާފައެވެ. އެއީ ނޫސްތައް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލްއެވެ. މި 4 ބާވަތް ހިންގޭނެ އެކި ވަސީލަތްތަކުގެ ތެރޭގައި ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ ކަނޑައަޅާފައިވެއެވެ.
މި ޤަވާއިދުގެ ދަށުން މިހާރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ވާންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޤަވާއިދަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި އެތަނެއް އަލުން ރަޖިސްޓްރީކޮށް، ރެކޯޑުތައް އަދާހަމަ ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އެކި ބާވަތްތަކުގެ ވިޔަފާރިތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި ޤަވާއިދު ދަށުން ލިބެއެވެ. މީގެ ތެރެއިން އިސްތިސްނާވަނީ، ވަކި ތަނެއްގެ މައުލޫމާތު ގެނެސްދިނުމަށް ނުވަތަ އެތަނެއްގެ މުވައްޒަފުންނަށް ޚާއްސަކޮށް ހަދާ ކުދި މަޖައްލާތަކާއި، އެނޫންވެސް ލިޔުންތައް ކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މިޤަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތަކީ، 5 އަހަރު ދުވަހެވެ. ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އެ ރަޖިސްޓްރީ އައުކުރަން ހުށަހަޅަންވާނެ ކަމަށްވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން ނޫސް މަޖައްލާއެއް ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލުވާނެ ކަމަށްވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
