އަތްތިލައަކީވެސް މޫނުފަދައިން ނުހަނު އަޅާލުން ބޭނުންވާ ގުނަވަނެކެވެ. ރާއްޖެއަކީ ހޫނުގަދަ ގައުމަކަށް ވުމުގެ ސަބަބުން އަތުގެ ހަންގަނޑަށް ވަރަށް ފަރުވާތެރިވާން ޖެހެއެވެ. އަތުގެ ހަންގަޑަކީ އުމުރުން ދުވަސްވާ ވަރަކަށް ވަރަށް އަވަހަށް އޭގެ އަސަރުތައް ފެންނަން ހުންނަ ގުނަވަނެއްވެސް މެއެވެ. އުމުރުން ދުވަސްވާކަން އެންމެ ފުރަތަމަ ފާހަގަ ކުރެވޭ ގުނަވަނެއްގެ ގޮތުގައި އަތުގެ ހަންގަނޑު ފާހަގަ ވެއެވެ. އެގޮތުން އަތްތިލަ ހަރުވުމާއި، ކުރަކިވުމާއި އަދި އާދަޔާ ޚިލާފަށް އަތްތިލަ އެނދުންވެސް ފާހަގަ ކުރެވެއެވެ. ތިރީގައި މިވަނީ އަތްތިލަ ރީތިކޮށް ބެހެއްޓުމަށް ފަސޭހައިން ކުރެވިދާނެ ކަންކަމެވެ.
އަތްތިލަ ސާފުކޮށް ދޮވުން
އަބަދުވެސް އަތްތިލަ ސާފުކޮށް ދޮންނާށެވެ. އަތްދޮންނައިރު ބާރުދެރަ ސައިބޯނި ބޭނުން ކުރެވިދާނެއެވެ. އަތަކީ ޖަރާސީމު ހަރުލާ އަދި ޖަރާސީމު އުފުލުމަށް މުހިންމު ދައުރެއް އަދާ ކުރާ ގުނަވަނެކެވެ. ދޭތެރެ ދޭތެރެއިން އަތް ދޮވުން މުހިއްމު ވަނީ އެހެންވެއެވެ. އެހެންނަމަވެސް މާގިނައިން ސައިބޯނިލައިގެން އަތް ދޮންނަނަމަ އަތުގެ ހަންގަނޑު ހަލާކުވުން އަވަސް ވާނެއެވެ.
އަތްތިލައަށް ކަމުދާ ކުރީމެއް ލުން
އަބަދުވެސް ހަންގަނޑު މަޑުވާނެ ފަދަ ކުރީމެއް ބޭނުން ކުރާށެވެ. ދިވެހި އަންހެނުން ބަދިގޭގައި ގިނަވަގުތު ހޭދަކުރާއިރު ތެލި ތަށި ދޮވުމުގައި ވަރަށް ގިނައިން އަތްތިލައިގާ ބާރުގަދަ ކެމިކަލްތައް ހޭކެއެވެ. އެހެންކަމުން އަބަދުވެސް އަތްތިލައިގެން ހަންގަޑު މަޑުކޮށް ރީތިކޮށް ބެހެއްޓުމަށްޓަކައި ރަނގަޅު މޮއިސްޗަރައިޒިން ކުރީމެއް ބޭނުން ކުރާށެވެ.
އިރުގެ އަވިން އަތްތިލަ ސަލާމަތް ކުރުން
އަބަދުވެސް އިރުގެ ގަދަ ހޫނުން އަތްތިލަ ސަލާމަތް ކުރެވޭތޯ ބަލާށެވެ. ރާއްޖޭގެ ހޫނުގަދަ ގަޑިތަކުގައި ދޭ އަތްވަކީ އަތްތިލަ ވަރަށް އަވަހަށް ހަލާކުވާން މެދުވެރިވާ ސަބަބެކެވެ. މާ އަވިގަދަ ނަމަ އަންގިއެއް ބޭނުންކުރުމަކީ އަތްތިލަ ރީތިކޮށް ބެހެއްޓުމަށް ކުރެވިދާނެކަމެކެވެ.
