އަމީނީ މަގު މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ 3ވަނަ ސެގްމަންޓުގެ މަސައްކަތްތައް އެއްކޮށް ނިންމައި، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.
އަމީނީމަގު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީންއެވެ. އެމްޓީސީސީން މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
އެމްޓީސީސީން ވިދާޅުވީ، މި ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އަޅައި، ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މި ހަފުތާގެ ތެރޭގައި މި ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތު ކުރުމުގެ ގޮތުން މި ސެގްމަންޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ސަރަޙައްދުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ މަގުގެ ބައެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ، ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ، ސެގްމަންޓް 1ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަރާމާތުގެ މަސައްކަތް ނިންމާ މިހާރު ވަނީ، އާއްމުންނަށް މަގު ހުޅުވާލާފައެވެ.
3ވަނަ ސެގްމަންޓުގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލުމާއެކު، ދެން ފެށުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް 4 ގެ މަސައްކަތެވެ. 4ވަނަ ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ މަގުގެ ސަރަޙައްދެވެ. މި ސެގްމެންޓުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
