މޯލްޑިވިއަންގެ ލަގްޒަރީ ދަތުރުތަކަށް 'ކިންގް އެއާ 360′ މަރުކާގެ ބޯޓެއް

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް "ކިންގް އެއާ 360″ މަރުކާގެ ބޯޓެއް ގެނެސް، މިއަދު ޚިދުމަތަށް ނެރެން ތައްޔާރުވެއްޖެއެވެ. މިއީ، ޤައުމީ އެއާލައިނުން މިމަރުކާގެ ބޯޓެއް މެދުވެރިކޮށް ލަގްޒަރީ އުދުހުންތައް ފަށާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަނުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ނިލާ ކޮރެލްސްއާ ގުޅިގެންނެވެ.

މޯލްޑިވިއަންގެ ފްލީޓަށް މި ބޯޓު ގެނައުން ފާހަގަކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދުގެ މައިބަދައަކީ ފަތުރުވެރިކަން ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވަމުން އަންނައިރު، ރާއްޖެއަށް އަންނަ ފަތުރުވެރިން އެއްތަނުން އަނެެއް ތަނަަށް ގެންދިއުމަށް އެންމެ ގިނަ މަސައްކަތެއް ކުރާ އެއް ކުންފުންޏަށް މޯލްޑިވިއަންވާނެ ކަމަށެވެ.

މޯލްޑިވިއަނުން އަބަދުވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، މިއަދު މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރެވޭ މި ބޯޓާއެކު ފަތުރުވެރިންގެ އަދި ދާއިރާގެ ހިއްސާދާރުންގެ ބޭނުންވާ ވަރަށް ޚިދުމަތް ދެވޭނެ ކަމަށެވެ. އަދި މިއާއެކު، ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށް ކުރާ ދަތުރުތަކުގައި މި ބޯޓު ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި އައު ބޯޓު ފަރުމާކޮށްފައިވަނީ 8 ފަސިންޖަރުންގެ ޖާގައާއެކު، ފަތުރުވެރިކަމުގެ ލަގްޒަރީ އަދި ވިޔަފާރީގެ ދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ "ނިލާ ކޮރަލް އައިލެންޑް"އަށް ޚާއްޞަ އެއާ ޓްރާންސްފާ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށްވެސް މި ބޯޓު ލިބެން ހުންނާނެ ކަމަށް އެ އެއާލައިނުން ވިދާޅުވިއެވެ.

ދެ އިންޖީނު އަޅާފައިވާ ޓާބޯޕްރޮޕްގެ މި މަތިންދާބޯޓަކީ އޭގެ ހަލުވި ދުވެއްޔާއި، އިތުބާރާއި، އަދި ހިތްފަސޭހަ ކެބިންގެ ސަބަބުން މަޤުބޫލުކަން ހޯދާފައިވާ ބޯޓެކެވެ. މޯލްޑިވިއަނުން ފާހަގަކުރި ގޮތުގައި، ދަތުރުވެރިން ބޭނުންވާ ވަގުތެއްގައި ސީދާ މަންޒިލަށް ފުރޭ ގޮތަށް ދޭ މި ޚިދުމަތުގެ ސަބަބުން ޓްރާންސިޓުގައި އިންތިޒާރު ކުރަންޖެހޭ ވަގުތު ކުޑަވެ، ފަސޭހަކަމާއެކު ދަތުރު ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

މޯލްޑިވިއަނުން މިހާރު އަންނަނީ، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކަށް ބައިނަލްއަޤުވާމީ ދަތުރުތައްވެސް ބާއްވަމުންނެވެ. އެ އެއާލައިންގެ ފްލީޓުގައި މިހާރު 25 ބޯޓު އޮޕަރޭޓް ކުރެއެވެ. އޭގެ ތެރޭގައި އެއާބަސް އޭ330-200ގެ ބޯޓަކާއި، އެއާބަސް އޭ320 މަރުކާގެ ބޯޓެއްގެ އިތުރުން އޭޓީއާރުގެ 5 ބޯޓާއި، ޑޭޝް 8ގެ 7 ބޯޓު އަދި ސީޕްލޭންގެ ގޮތުގައި ބޭނުން ކުރާ ޑީއެޗްސީ-6 ޓްވިން އޮޓާގެ 11 ބޯޓު ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *