މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު މީގެތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ އާމްދަނީކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ، %9.8 އިތުރުވެފައެވެ.
އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު ހުރީ، 33.36 ބިލިއަން ރުފިޔާގައެވެ. މިއީ، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 31.60 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.8 އިންސައްތަ އިތުރުވުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މި އަދަދު ވަނީ 25.73 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް، ޓީޖީއެސްޓީއަކީ ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ޓެކްސްއެވެ. ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 5.7 އިންސައްތަ އިތުރުވެ، 8.87 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެއިތުރުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2.6 އިންސައްތަ އިތުރުވެ، 1.78 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފައެވެ.
