މަންމައާއި އަންހެން ދަރިފުޅާއި ދެމެދުގައި އޮންނަނީ ވަރަށް ޚާއްސަ ގުޅުމެކެވެ. އަދި އަންހެން ދަރިންގެ ހަޔާތުގައި މަންމަ ކުޅެނީ ވަރަށް މުހިއްމު ރޯލެކެވެ. ކަންކަމާއިމެދު ކުދިން ވިސްނާގޮތަށާއި އަދި ނަފްސާނީގޮތުންވެސް މުހިއްމު ދައުރެއް އަދާކުރުމަށްޓަކައި އަންހެން ކުދިން ނަމޫނާއަކަށް ބަލަނީ އެކުދިންގެ މަންމައެވެ. މަންމައަކީ ކުއްޖާއަށް އުފާވެރި ހަޔާތެއްގެ ބިންގާ އަޅައިދޭ މޭސްތިރިއެވެ. ކުއްޖާ ހުވަފެންތައް ހަގީގަތަކަށް ހަދާ ދިނުމަށް ފުރަތަމަ ފިޔަވަޅު އަޅައިދޭ އާރުކާޓީއެވެ. މަންމައަކީ ކުއްޖާގެ ރޯލް މޮޑެލްއެވެ. ކުއްޖާއަށް އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށާއި، ކުއްޖާއަކީ ހަރުދަނާމީހަކަށް ހެދުމަށްޓަކައި މަންމައަކީ އެދުރެކެވެ. އެހެންކަމުން ތިރީގައި މިވާ ކަންކަމަށް ސަމާލުކަން ދީ އަންހެން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކުރެވޭތޯ ހިތްވަރު ކުރާށެވެ.
ކޮންމެ ކަމެއްގައިވެސް ދަރިފުޅު އިސްކުރުން
ރަނގަޅު މަންމައެއްނަމަ އަބަދުވެސް ދަރިން އިސްކުރާނެއެވެ. ކޮންމެ މީހަކުވެސް ކޮންމެ ދުވަހަކު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. ދުވަހަކުވެސް މަންމައެއްގެ މަސައްކަތްތަކެއް ނިމޭ ދުވަހެއް ނާދެއެވެ. ރަނގަޅު މަންމައިން އެންމެ އިސްކަމެއް ދޭނީ ކުދިންނަށެވެ. އެކުދިން އުސްމިންތަކަށް ގެންދިއުމަށްޓަކައި އަތް ދިއްކޮށްލާ މީހަކަށް ވާންޖެހޭނީވެސް މަންމައެވެ. މާމަމެން ބަދިގޭގައި ކައްކާއިރު ނުވަތަ އެއްޗިހި ދޮންނައިރު އެ ދަސްކޮށްދެވެނީ ތިމާގެ އަމިއްލަ ދަރިންނަށް ކަންކަން ދަސްކޮށްދޭންވީ ގޮތްކަމުގައި ވިސްނަމެއް ނޫންހެއްޔެވެ؟ ވީމާ ކުދިންވެސް ބަލާނީ އެކުދިންގެ މަންމަ މަސައްކަތްކުރާ ގޮތެވެ.
ބައިވެރިޔާއަށް ހެޔޮކޮށް ހިތުން
މަންގެ ބައިވެރިޔާއަށް ކަންކަން ކުރާގޮތް ބަލާނެއެވެ. ކުދިންވެސް އޭނާގެ ބައިވެރިޔާއަށް ކަންކަން ކުރަންވީ ގޮތް ދަސްކުރަނީ މަންމަގެ ޢަމަލުތަކުންނެވެ. ކުދިން އަބަދުވެސް ދަސްކުރާނީ މައިންބަފައިން އުޅޭ ގޮތެވެ. އެމީހުންނަކީ ޒުވާބު ކުރާ ބައެއްނަމަ އެކުދިން ދަސްކުރާނީ ޒުވާބުކުރުމާއި އަރާރުން ވުމަށެވެ. އަދި އެކުދިންގެ ޒަވާޖީ ހަޔާތުގައި އަމަލުކުރާނީވެސް ހަމަ އެއާއި ގާތްކުރާ ގޮތަށެވެ. އެހެންކަމުން މަންމައިންނަކީ އެހެން މީހުންނަށް އޯގާތެރިވެ ރަހުމު ކުރާ ބަޔަކަށް ވާންޖެހެއެވެ. އޭރުން ކުއްޖާއަށް ދަސްވާނީ އެހެންމީހުންނަށް ރަހުމު ކުރާށެވެ. އެހެންމީހުންނަށް ހެޔޮކޮށް ހިތާށެވެ.
ނާސްތާތަކުގައި ރަނގަޅު ކާނާ ހިމެނުން
އަބަދުވެސް ކުދިންނަށް ރަނގަޅު ކާނާ ކާންދެވޭތޯ ބަލާށެވެ. ކުދިން ބައެއްފަހު ރަނގަޅު ކާނާ ކާހިތް ނުވެދާނެއެވެ. ނަމަވެސް އެކުދިންނަށް ރަނގަޅު ކާނާ ދޭންޖެހޭނެއެވެ. ކުއްޖާގެ ކެއުމުގެ ވަގުތު ތަކުގައި އޭނާގެ ގާތުގައި އިނދެވޭތޯ ބަލާށެވެ. ކުއްޖާގެ ހަށިގަނޑުގެ ދުޅަހެޔޮކަމަށްޓަކައި ފައިދާހުރި ކާނާ ދެވޭތޯ އަބަދުވެސް މަސައްކަތް ކުރަންވާނެއެވެެ.
ލަނޑުދަނޑިތައް ކަނޑައަޅަން އުގަންނައިދިނުން
ކުދިންނަށް ލަނޑުދަނޑިތައް ކަނޑައަޅަން ދަސްކޮށް ދިނުމަކީ މުހިއްމު ކަމެކެވެ. ކާމިޔާބު ކުއްޖަކަށް ދަރިފުޅު ހެދުމަށްޓަކައި ކުއްޖާއަށް އޭނާ އަމިއްލައަށް ލަނޑުދަނޑިތައް ކަނޑައަޅަން ދަސްކޮށްދެން ވާނެއެވެ. ކުއްޖާގެ ހުފެންތަކާއި އުންމީދުތައް ހާސިލް ކުރެވޭނެ މަގުތައް ކޮށައިދޭން އެހީތެރިވާން ޖެހޭނެއެވެ. އަދި އެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރަން އެދެވިގެންވާ ގޮތްވެސް ކިޔައިދޭން ވާނެއެވެ. އެކުއްޖާއަށް އެއީ ރަނގަޅުގޮތެއް ކަމަށް މަންމައަށް ގަބޫލުކުރެވޭނަމަ އެކަމެއް ކާމިޔާބުކުރުމަށް މަސައްކަތް ކޮށްދެން ވާނެއެވެ.

ކިޔުންތެރިންގެ ޚިޔާލުތައް
ޙެޔޮލަފާ ބައްޕަ އަކީ އަންހެން ދަރިންންގެ ރައްކާތެރިކަމުގެ އަށްޑަނަކަމުގައި މެނުވީ ނުވެއެވެ.