ކަންބޮޑުވުމުން ﷲ އާއި ހިއްސާކުރާށެވެ.

ތިބާ ހަމައެކަނި އެއްކައުވަންތަ ﷲ އާއި މުޢާމަލާތު ކުރާށެވެ. ތިބާއަށް އެކަލާނގެ ފުދޭނެއެވެ. އެކަލާނގެއަށް ކުރިމަތި ލާށެވެ. ތިބާއަށް ރިޒުގު ދެއްވާނެ ފަރާތެއް އެކަލާނގެ ފިޔަވައި ނުވެއެވެ. ތިބާގެ ސިއްރުތައް ދެނެވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއެވެ. ތިބާއަށް މުޞީބާތް ކުރިމަތި ކުރައްވަނީ ހަމައެކަނި އެކަލާނގެއެވެ. ބަލާތަކާއި މުޞީބާތްތަކުން ތިބާ ދުރުކޮށް ދެއްވަނީ ހަމައެކަނި އެކަލާނގެއެވެ. ތިބާ ނަރަކައިގެ އަލިފާނުން ސަލާމަތްކޮށް ދެއްވަނީ ހަމައެކަނި އެކަލާނގެއެވެ. ތިބާއަށް ސުވަރުގޭގެ ގެރެންޓީ ދެއްވަނީ ހަމައެކަނި އެކަލާނގެއެވެ. ވީ ކޮންމެ ތަނެއްގައި، ވީ ކޮންމެ ޙާލެއްގައި އެކަލާނގެ އާއިއެކުވާށެވެ.

ޤުރްއާނަކީ ﷲ ތަޢާލާ އާއި މުޢާމަލާތުކުރަން މުސްލިމުންނަށް އޮތް އެންމެ ހެޔޮ މަގެވެ. އިންސާނުންނަށް ދިމާވާ ބަލިމަޑުކަމާއި، ހިތާމައާއި އެންމެހާ ކަންކަން ޤުރުއާނުގައި ބަޔާން ކުރައްވާފައިވެއެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކުން ސަލާމަތް ވާނެކަން ކީރިތި ޤުރުއާނުގެ ޠަލާޤް ސޫރަތުގެ 2 ވަނަ އާޔަތުގައި ވެއެވެ.

"—އަދި ﷲ އަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ."

އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަކީ ނެތުމުގެ ތެރޭން އިންސާނާ އުފައްދަވާ އޭނާގެ ފުރާނަ އަޅުއްވާ އޭނާގެ ރިޒްޤު ދެއްވާ ފަރާތަކީ ﷲ ސުބުހާނަހޫ ވަތަޢާލާކަމެވެ. ވީއިރު ތިމާއަށް ކުރިމަތިވެފައިވާ މުސީބާތްތަކާއި، ބަލިމަޑުކަމާއި ހިތާމައަކީ މީހެއްގާތުގައި ނުކިޔަކަސް ޚާލިގްވަންތަ ރަސްކަލާންގެ އެންމެ މޮޅަށް ދެނެވޮޑިގަންނަވާނެ ކަންކަމެވެ. އެހެންކަމުން ތިމާއަށް ކުރިމަތިވެފައިވާ އެކަނިވެރިކަމާއި ހިތްދަތިކަން ފިއްލަވާދެއްވާނީވެސް އެކަލާނގެކަން ގަބޫލު ކުރާށެވެ. މާތް ﷲ ކީރިތި ގުރުއާނުގެ ޤާފް ސޫރަތުގެ 16 ވަނަ އާޔަތް ވަޙީ ކުރައްވާފައިވެއެވެ. "އަދި ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސަށް ވަސްވާސްދޭ ކަންތައް ތިމަން ﷲ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަން ރަސްކަލާނގެ އޭނާ އާ ކުއްތަންވެ ވޮޑިގަތުން ބޮޑެވެ."

ވީމާ ކޮންމެ ކަންބޮޑުވުމަކާއި ކޮންމެ ހިތާމައެއް ކުރިމަތިވުމުންވެސް އެކަލާނގެ ހަޞްރަތަށް ރުޖޫޢަ ވާށެވެ. ތައުބާވެ ފާފަފުއްސެވުން އެދި ދުޢާ ކުރާށެވެ. ތިމާއަށް ޖެހިފައިވާ މުސީބާތްތަކުން މިންޖުކުރައްވާނެ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ކީރިތި ގުރުއާނުގެ ޣާފިރް ސޫރަތުގެ 60 ވަނަ ޢާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. "އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަން ރަސްކަލާނގެ ތިޔަބައި މީހުންގެ ދުޢާ އިޖާބަކުރައްވަވާ ހުށީމެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަން ހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ."

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *