(13 އެޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަޒީނަށް މިމަންޒަރު ފެނިލައްވާނެކަން ޒީލަންއަށް ޔަގީންވިއެވެ. އެހެންކަމުން އެކަންތައްވީގޮތް ކިޔައިދޭން ބޭނުންވިއެވެ. ފަޒީން ހަވީރުގަޑީގައި ޓެރަސްގައި އިންނަވާނެއެވެ. އެގަޑީގައި ފަޒީނާއި ބައްދަލުކޮށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމިއެވެ. އެއީ ޒީލަން އެންމެ އެހީއަށް ބޭނުންވިދުވަހު އެހީވެދިން ފަރާތެވެ. އޭނާ އަބަދުވެސް އެކަން ދަންނާނެއެވެ.
ހަވީރުވީއިރު ޒީލަން ޓެރަސްއަށްދިޔައެވެ. އޭރު ފަޒީން ލެޕްޓޮޕުުން ކޮންމެވެސް އެއްޗެއް ހައްދަވަނީއެވެ. މި ހިތްގައިމު ވަގުތު ފަޒީންގެ ރީތިކަން ޒީލަންއަށް އިހުސާސް ވިއެވެ.
”އައްސަލާމް ޢަލައިކުމް.” ޒީލަންވަރަށް މަޑުމަޑުން ބުންޏެވެ.
”ވަޢަލައިކުމްސަލާމް ޒީލަންތަ؟ ކަމަކުތަ؟” ފަޒީން ޒީލަންއަށް ބައްލަވާވެސް ނުލައްވައެވެ. ޒީލަންއަށް ފަޒީންހުންނެވީ ހިތްހަމަނުޖެހިފައިކަން ގަބޫލުކުރެވުނެވެ.
”އަޅުގަނޑު ވާހަކައެއް ނަންގަނެލަންވެގެން.”
”ކޮންވާހަކައެއް.” މާބޮޑުބަދަލެއް ފަޒީންއެއް ނުގެންނަވައެވެ.
ޝައީމު އެފަދަހުތުރު އަމަލެއްކުރީ ކީއްވެގެންކަން މިހާރު އެނގިއްޖެ.” އޭނާ އައިޝާދެއްކި ހުރިހާ ވާހަކައަކާއި ކަންތައްގޮއްސާއޮތް ހިސާބު ކިޔައިދިނެވެ. އޭނާ ލޯބިވާކަމާއި އެއަމަލު ކުރެވުނީ ޝައީމުއަށް އައިޝާ ދިންއެއްޗެއްގެ ސަބަބުން ކަމެވެ.
”ޒީލަން އެވާހަކަ ގަބޫލު ކުރީތަ؟”
”ލައްބަ. އެދެމީހުންނަށްވެސް މިހާރު އެތިބީ އެއްބަސްވެވިފައެއް ނޫންތޯ! ކަންތައްވީގޮތް.”
”ކިހާވަރެއްގެ ޔަގީންކަމެއް އެބައޮތް.”
”ނޭނގެ. ކޮންމެވެސްވަރަކަށް އިތުބާރު ކުރެވޭ.”
”ތީގައި އޮންނާނީ ޒީލަންއަށް ފެންނަގޮތެއް.” އޭނާ އިތުރުއެއްޗެއް ނުބުނުއްވައެވެ. އެހެންކަމުން ޒީލަންވެސް ދިޔައީއެވެ.
ހަގީގަތުގައި ފަޒީންވަނީ ވަރަށް ހިތްހަމަ ޖެހިނުލައްވާފައެވެ. ޝައީމުގެ މަކަރުވެރިކަން އޭނާ އަށްމިހާރު އެގިލައްވައެވެ. ޒީލަންއަށް ވީޑިއޯދައްކަން އޭނާ ބޭނުންވެލައްވައެވެ. ނަމަވެސް އޭނާ އަތުން އޭތިދެއްވުމުން ޒީލަން ހީކުރާނެ ގޮތެއް އެނގިނުލައްވާތީ މަޑުކޮށްލައްވައިގެން ހުންނެވީއެވެ. ޝައީމު ފަޒީން އެންމެ ލޯބިވާ ކުއްޖާގެ ދިރިއުޅުން ބަރުބާދު ކުރާތަން އޭނާ ދެކެލައްވާނީ ކޮންފަދައަކުން ހެއްޔެވެ؟
ޖެހިގެން އައިދުވަހު އޮފީހަށް ވެންނެވުމާއެކު އޭނާގެ ކޮޓަރިއަށްޝައީމު ގެންނެވިއެވެ.
”ޝައީމުގެފަރާތުން ވަރަށްބޭއަދަބީ އަމަލެއް އެނގިފައިވާތީ އެވާހަކަދައްކާލަން މިގެނައީ.”
”އަޅުގަނޑުގެ ކޮންކުށެއްތޯ.” އޭނާހީކުރީ ޒީލަން ހުރިހާވާހަކައެއް ކިޔައިދިނީ ކަމަށެވެ.
”އެއީކުރީރެއަކު ހިނގިކަމެއް.”
”އަޅުގަނޑުގެކުށެއް އޭގައި ނެތްކަން އެންމެންނަށްވެސް އެނގޭނެ.” ޝައީމު ހީކުރީ ފަޒީންއެދައްކަވަނީ އެވާހަކަ ކަމަށެވެ.
” ނޫން އަހަރެންމިދައްކަނީ އެހެން ވާހަކައެއް. ޝައީމު ޝަހުމާއާއެކު މިދިޔަހަފްތާ ގުދަނުގައި އުޅުނު ހުރިހާގޮތެއް ރެކޯޑުވެފައި ފެންނަން އެބައޮތޭ. މިފަދަކަމެއް ސާބިތުވެއްޖެނަމަ އޮންނަނީ ވަގުތުން ކަޑާލުން ނަމަވެސް މިއީ ފުރަތަމަ އެކަހަލަކަމެއް ކޮށްފައިވާތީ އިންޒާރުކުރަން ދިން ފުރުސަތެއް. ދެވަނަފަހަރު އެއްވެސް ކުށެއް ތަކުރާރު ނުކުރަން އެދެން ދެންއެފަދަ ކަމެއް ފެނިއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެ.”
ޝައީމުއަށް ލަދުން އެއްޗެއް ބުނަންވެސް ނުކެރުނެވެ. އޭނާއަށް އެތާ ސީސީ ޓީވީއެއް ބަހައްޓާފައި ހުރިކަމެއް ނޭނގެއެވެ. އެމީހުން ވަރަށް ގިނައިން ގުދަނަށްދެއެވެ. ނަމަވެސް މިފަހަރު ކެމެރާއާއި ދިމާގައި ތިބުމުން ފަޅާއެރީއެވެ. މިވާހަކަ ޒީލަން ގާތު އޭނާބުނެފިނަމަ އަނެއްކާ ޒީލަން ގެއްލޭނެއެވެ. މިއީ އޭނާ އަށް ކެތްކުރެވޭނެ ކަމެއްނޫނެވެ. އޭނާ އިސްޖަހާލައިގެން ބޭރަށްނިކުތެވެ.
” ކޮބާ ޕްރޮމޯޝަނެއް ލިބުނީތަ؟” ހާޝިމް މަލާމާތްކޮށްލިއެވެ.
”އަދިވެސް އެހެންމީހުންނާ ދިމާކުރޭ. ޝަހުމާ މިއަދު އޮފީހުން ކަނޑާލައިފި.” މުނާ ދިމާކޮށްލީ ހާޝިމާއެވެ.
”އާން މީނައަށް މާމޮޅުވެއްޖެއެއްނު.” ޝައީމު ހުރީ ރުޅިއައިސްފައެވެ.
”ހުރިހާދެރައެއް ކަލެއަކަށްނު. ކުރީރެއަކު ޝަހުމާއާއެކު ކުރިހުރިހާކަމެއް އަހަރެން ލޮލުން ދުށިން. ބޭޒާރު ވާންބޭނުން ނޫންނަމަ އަނގަމަޑުންލައިގެންހުރޭ.” ޝައީމުގެ ކަންފަތްދޮށުގައި އޭނާ ސިއްރުން ބުންޏެވެ.
”ކަލެއަށް އެލިބުނީކިހިނެއް. ފަޒީނު ބުނުއްވައިގެން މަށާއި ނައީމުއާއި ތިންމީހުން އެކަމާ އުޅުނީ. އަހަރެން ބޭނުންނަމަ މުޅިއޮފީހަށް ކޮޕީތައް ބަހާލެވިދާނެ.”
”ނުކުރަން މިހުންނަނީ ޝަހުމާއަށް ބަލާލާފައި. ކޮންމެގޮތެއްވިޔަސް އެއީ އަހަރެންގެވެސް ކަމެއްވިއްޔަ.” އޭނާ މަލާމާތްކުރިއެވެ.
ޝައީމުވަރަށް ހާސްވެއްޖެއެވެ. ޒީލަންއަށްމިކަން އެނގިއްޖެނަމަ އޭނާ ރުޅިވެދާނެއެވެ. މިކަންތައް ކޮންމެވެސް ގޮތަކުން ހައްލުކުރަން ޖެހޭނެއެވެ.
ޒީލަން ކޮލެޖުން ގްރެޖުއޭޓް ވެއްޖެއެވެ. ކޯހުން އެންމެ ރަނގަޅު ނަތީޖާއާއެކު ފާސްވެއްޖެއެވެ. މިހާރު ސަރުކާރުން ރަނގަޅުވަޒީފާތައް ލިބެން އެބައޮތެވެ. ދިރިއުޅުމުގައި ކާމިޔާބާއި ކުރިއަށް ދިއުމަށް އުންމީދުކުރާ ޒީލަންއަށް މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ސަރުކާރުގައި އުޅުމުން އިތުރަށް ކިޔެވުމަށް ފުރުސަތު ލިބިގެން ދާނެއެވެ. އޭނާގެ ދާއިރާއިން އަންހެނުންނަށް ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ގޯނާތަކާއި އެކިއެކި އަނިޔާތައް އިތުރަށް ދިރާސާކޮށް ގެއްލުން ލިބެމުންދާ އަންހެނުން ހިމާޔަތް ކުރެވިދާނެއެވެ. އެމީހުންނާ އަޅާލެވޭނެއެވެ. އޭނާގެ މިއުފާވެރި ކާމިޔާބީ ލިބުމުން އެންމެ ފުރަތަމަވެސް ބޭނުންވީ ފަޒީނަށް ޝުކުރު އަދާކުރުމަށެވެ. އަދި ވީއެންމެއަވަހަކަށް އޭނާއާއި ބައްދަލުކޮށް އެޚަބަރު ދިނުމަށެވެ. ޒީލަންއަށް މިއަދު ފަޒީނަކާ ދިމައެއްނުވެއެވެ. އެހެންކަމުން އޭނާހުރީ ވަރަށްބޮޑަށް އެވާހަކަ ނަންގަންނަން ބޭނުންވެފައެވެ. އެންމެފަހުން އެގާރަ ޖެހުމުން އޭނާ ލައިބްރަރީއަށް ދިޔައެވެ. ހޮޅިބުރި ދިއްލާފައިހުރުމުން ފަޒީން އުޅުއްވާކަން ޔަގީންވެގެންނެވެ.
”އަޅުގަނޑުގެ ކޯސްނިމިއްޖެ. އެއްވަނަލިބުނީ. އޭނާގެ އުޖާލާމޫނު ފަޒީނަށް ނުފެންނަތާ ކިތަންމެ ދުވަހެކެވެ. ޒީލަންގެ ހިނިތުންވެފައިވާމޫނު ފެނުމުން ބަޔާން ނުކުރެވޭފަދަ އުފަލެއް އިހުސާސް ކުރެވުނެވެ. އެރީތިކުއްޖާ ހިނިތުންވެފައި ހުންނައިރު ކޮންމެމީހަކަށްވެސް އުފާވެރިކަން ލިބޭނެއެވެ.
”ތީހާދަ އުފާވެރި ޚަބަރެއް. އެހެންވީއިރު ކޮންމެވެސްހަދިޔާއެއް ދޭންވާނެއްނު.” އޭނާ އިންނެވި މޭޒުގެ ތިރީވަތްގަނޑު ހުޅުވާލައްވާފައި ރީތި ތަނޑިގަޑެއް ދިއްކޮށްލެއްވިއެވެ.
”ތީހާދަ އަގުބޮޑުއެއްޗެއް. އަޅުގަނޑަކަށް ތިއެއް އެކަށީގެނެއްނުވޭ.” ޒީލަން އިންކާރުކުރިއެވެ.
”ނޫނޭޒީލަން މީއަހަރެންދޭ ހަދިޔާއެއް. މިގަބޫލުކުރޭ.” އެއީ އޭނާގެ އުފަންދުވަހުދޭން ގަނެފައިވާ ޖަވާހިރުގެ ތަނޑިއެކެވެ. ނަމަވެސް އެރޭ ޒީލަން އަށް ކަންދިމާވިގޮތުން ނުދެވި މިފަދަދުވަހެއްގެ އިންތިޒާރުގައި ބާއްވާފައި އޮތް އެއްޗެއްވެސްމެއެވެ.
”އަޅުގަނޑު އަތުގައި ތިއޮތްތަންފެނުމުން އެންމެންސުވާލުކުރާނެ. ފަޒީނުދެއްވި އެއްޗެކޭ ބުނެފިނަމަ އެމީހުން ޒާތްޒާތުގެ ވާހަކަ ދައްކާނެ. މިހާރުވެސް ކޮންމެވެސް ވަރަކަށްދައްކާ. އަޅުގަނޑާ ފަޒީނޭކިޔައިގެން ބަޔަކު އެފަދަ ވާހަކައެއް ދައްކާކަށް ބޭނުމެއްނޫން.”
”އެންމެރަނގަޅު. އަހަރެން ދިން ހަދިޔާއެއް ޒީލަން ގަބޫލެއް ނުކުރީމު. އަހަރެން މިފޮރުވާފައި ބާއްވާނަން. ޒީލަން ބޭނުންވެއްޖެނަމަ ދޭގޮތަށްއިނގޭ.” އޭނާ ވަރަށް ގާތްގޮތެއްގައި ބުނުއްވިއެވެ
”ދެންޒީލަން ގަސްތު ކުރަނީ ކޮންކަމެއް. އަނެއްކާ އަހަރެމެން ދޫކޮށްލާފައިދަނީދޯ.” ފަޒީން ސަމާސާ ކޮށްލެއްވިއެވެ
”އަޅުގަނޑު ސަރުކާރުގެ ވަޒީފާއެއް އަދާކުރަން ބޭނުން. އެއީ މިރޮނގުން އިތުރަށް ކިޔަވަން ބޭނުންވާތީ. ރާއްޖޭންބޭރު ގެ ރަނގަޅު ޔުނިވަސިޓީއަކުން ކިޔެވުމުގެ ފުރުސަތު އޭރުން ލިބިދާނެ. އެކަމަކު މިގޭގެ ވަޒީފާއެއް ދުލެއްނުކުރާނަން. ފަޒީނަކީ އަޅުގަނޑު މިހިސާބަށް އާދެވުމަށްޓަކައި ހުރިހާ އެހީއެއް ވެދެއްވި ފަރާތް. އަޅުގަނޑު ފަޒީނަށް ޝުކުރު ވެރިވާނީ މުޅިޢުމުރުގާ.”
”ޒީލަން ތިކަހަލަ ވާހަކަ ނުދައްކާ. އަހަރެން ޒީލަންއަށް އިހުސާންތެރިވެދިނީ. އެއީ އޭގެ ބަދަލަކަށް ްބޭނުންނުވާ ހެޔޮހިތުން ކުރި ހެޔޮއަމަލެއްކަމުގައިބަލާ. ޒީލަން ބޭނުންވާ ވަޒީފާއަކަށް ދިއުމުގެ ފުރުސަތު އެބައޮތް.” ފަޒީން މިހެން ބުނުއްވި ނަމަވެސް ޒީލަން އެގެއިން ދިއުމަކަށް އޭނާ އެއްނޭދެއެވެ. އޭނާ ޒީލަންދެކެ އިންތިހާއަށް ލޯބިވެއެވެ.
”އަޅުގަނޑު މަސައްކަތް ކުރާނީ އަމިއްލަތާކު. އޭރުން މިގޭގައި އުޅެވޭނެނު. ފައިސާއެއްކުރުމަށްފަހު ކިޔަވަންދާނީ. އޭރުންމިގޭގައި އުޅެވޭނެނު.” ޒީލަންގެ ޅަސިކުޑި ވިސްނައިދެނީ އެކިފަހަރު އެކިގޮތަށެވެ. ޒީލަން މިހެންބުނިއިރު ފަޒީނަށް ސިފަކުރެވުނީ ޅައަންހެންކުއްޖަކު ގޮތެއްނިންމަން ނޭނގިގެން އުޅޭކަހަލަގޮތެކެވެ.
”އަހަރެން ވަރަށް ރަނގަޅު ޚިޔާލެއްދެންތަ؟ ޒީލަން އަމިއްލަ ޖަމުއިއްޔާއެއް އުފައްދަންވީނު.”
”އަތުގައި އެއްވެސް ފައިސާއެއް ނެތް ނިކަމެތި އަންހެނަކު އަމިއްލަ ޖަމްއިއްޔާއެއް އުފައްދާނީ ކިހިނެއް؟”
”އެއީވަރަށް ފަސޭހަކަމެއް. ފައިސާގެ ކަންތައް އަހަރެން ހަމަޖައްސާނަން. އަހަރެން މިހާރުވެސް ނުކުޅެދޭ ކުދިންގެ ފަންޑަށް ފައިސާ ފޮނުވަން. އެހެންނޫނަސް މަސައްކަތް ފަށައިގަތުމުން ބޮޑެތި ކުންފުނިތަކުން ތިޔަކަހަލަ ޖަމްޢިއްޔާތަކަށް ލާރި ހަދިޔާކުރާނެ. މިދުވަސްކޮޅަކީ ސިޔާސީޕާޓީތައްވެސް އުފެދި އެފަދަ ކަންކަމަށް އެހީތެރިވާ ފަރާތްތައް އިތުރުވެފައިވާ ދުވަސްކޮޅެއް.”
”އެކަމަކު ފަޒީންމިހާރުވެސް އަޅުގަނޑަށް ވަރަށް އެހީތެރި ވެދެއްވައިފީމު.”
”ޒީލަން އަހަރެންގެ ފައިސާ ބޭނުންނޫންނަމަ ލޯނެއްގެ ގޮތުގައިވެސް ދެވިދާނެ. ޒީލަންއަށް ލިބުނީމާ ފަހުން ދެއްކިދާނެއްނު.” ފަޒީން ބޭނުންވަނީ ކޮންމެގޮތަކުންވެސް ޒީލަން މިގޭގައި ހުންނާނެ ގޮތެކެވެ. ނަމަވެސް އޭނާގެ ވާހަކައިގާ ޒީލަންއާއި ދޭތެރޭގައި އެފަދަ ވިސްނުމެއް ގެންގުޅުއްވާކަން ޒީލަންއަށް ނޭންގުމަށްޓަކައިވަރަށް މަސައްކަތް ކުރައްވައެވެ. ޒީލަންގެ އުންމީދު ފުރިހަމަވުމަކީ އޭނާ ވަރަށް އެދިލައްވާ ކަމެކެވެ. ޒީލަން އެކަމާ އެއްބަސްވިއެވެ.
އަލްހެނާ ގޭގައި އެއްޗިހިދޮންނަން އުޅުނެވެ. އެވަގުތު ގޭތެރެއަށް ދުވެފައި އައި ހާޝިމް އޭނާގައިގާ ޖެހުނެވެ.
”އޫނ ޝަހުމާ އެއްނޫނޭމީ.” އޭނާ ދިމާކޮށްލިއެވެ.
” ޝަހުމާގެ ކަންތައް ނިންމާލައިފިން. މިހާރުދެން އެޝައީމު އާއެކު އުޅޭނެއްނު.”
”އެ ކިހިނެއްވީ.” ޝައީމޭ ބުނުމުން އޭނާ ބަލަން ބޭނުންވިއެވެ.
”އެއީދެން އަލްއަށް އެހާ މުހިންމު ކަމެއް ނޫނެއްނު.”
” ނޫން އެއީ އެއްކަލަ ޒީލަންގެ ލޯބިވެރިޔާއޭ.”
”އެހެންތަ ތިހެންވީރު މިވީ މާރަގަޅަކަށްނު. އަހަރެން އޭނާ ޒީލަންއާއި ރައްޓެހިވެގެން އުޅޭކަށް ނޭދެން. އެއީ އަންހެނުންނަށް މޮޔަވެފައިވާ މީހެއް.” އޭނާ ބަދަލު ހިފުމުގެ އަލިފާންގަނޑު އިތުރަށް އަނދައިގަތެވެ.
”ތިވާހަކަ ރަނގަޅަށް ކިޔައިދީބަލަ.” އޭނާ ޝައުގުވެރި ވެއްޖެއެވެ.
”ޝަހު މަށާ ރަށްޓެހިވެގެން އުޅެމުން ޝައީމުއާއި ހިތާވީ. އެމީހުންވަރަށް ގިނައިން ބޭރަށްދާވާހަކަވެސް މަބުނީމެއްނު. އެދެމީހުން ގުދަނުގައި ކުރީރެއަކު ކުރިކަންތައް ހުރީ ކެމެރާއަށް ރެކޯޑު ކުރެވިފައި. ފަޒީނު، ވަގަކު ވަދެގެން މަށާއި ނައީމުލައްވާ އޭނާވެސް ހުންނަވައިގެން އެޗެކުކުރިއިރު ފެނުނީ. ޝައީމުއަށްވަނީ އިންޒާރުދީފައި އެކަހަލަ ކަމެއް ނުކުރަން. އެކަމަކު ޝަހުމާ އޮފީހުން ކަނޑާލީ. ޝައީމު ކަނޑާނުލީ ކީއްވެގެން ކަމެއް ނޭނގެ.”
“އަހަރެންނަށް ތިޓޭޕް ލިބޭގޮތް ހެދިދާނެތަ؟” އަލްހެނާއަށް ކުރިންވެސް ޝައީމުއާއިމެދު ޝައްކުވާތީ އެކަމުގެ ހެކި ބޭނުމެވެ. އެހެންނޫނީ ޒީލަންގެ ގާތުގައި އަނެއްވާހަކަ ހަދާލަފާނެއެވެ. އެދުވަހު އައިޝާ ދެއްކި ވާހަކަ އާއި މެދު އޭނާ ކޮންމެވެސް ކަހަލަ ޝައްކުތަކެއްވެއެވެ.
”އެއީ ކީއްކުރަން”
”ޒީލަންއަށް ދައްކަން”
”އާން ތީ މާރަގަޅު ގޮތެއް. އޭރުން އެފުއްޕާ ޝައީމުއަށް ހުންނާނީ ރީއްޗަށް ބޮނޑި ބޮވިފައި.” އެހެން ބުނުމަށްފަހު އެތެރެއަށްވަދެ އެޓޭޕުދިނެވެ.
އޭނާ އަވަސް އަވަސް ކޮށްލައިގެން އައިޝާ މެންގެއަށް ދިޔައެވެ. އައިޝާ ކޮންމެވެސް ގޮތަކުން ހައްދާލައިގެން ޝައީމުގެ ހަގީގަތެއް ލިބޭތޯއެވެ. ގެއަށްވަދެގެން ދިޔައިރު ހަދަންފަށާފައިވާ ކޮޓަރިއަކުން ބަޔަކު ވާހަކަ ދައްކާ އަޑު އިވޭތީ ބަލާލިއެވެ.
” އަހަރެންބުނީމެންނު ދެހާސް ރުފިޔާ ދޭށޭ.” އައިޝާވާހަކަ ދެއްކީ ޝައީމުއާއެވެ.
” އަހަރެން މިއައީ ހަތަރުހާސް ދޭންވެގެން އެކަމަކު ވަރަށް ސަކަރާތްވެއްޖެ.”
”ކިހިނެއްވީ.”
”އަހަރެންގެ އެއްކަލަ ކަންތައް ބަސްޓުވީ.” އޭނާލާރި ނަގާދިއްކޮށްލިއެވެ
” ތިގޮތަށް ލާރިދެންޏާ ކޮންމެ ކަމެއްވެސް ކުރެވިދާނެ. ކޮންކަމެއްތަ؟”
”ޝަހުމާގެ ކަންތައް”
”ވީގޮތްކިޔާދީބަލަ”
”އަލްމެންގޭގައި އުޅެއެއްނު ހާޝިމް. އޭނަ އަތުގައި ވެއްޖެ މަށާއި ޝަހުގެ ވަރަށް އެހެންކަހަލަ ވީޑިއޯކޮޅެއް. އަލްއާއިއެކުގޮސް ވަގަށް ހޯދާލައިގެން ގެނެސް ދީބަލަ. އޭނާ މީހަކަށް ދައްކައިގެންވިއަސް އެހެންގޮތުންވިއަސް ޒީލަންއާއި ހަމައަށް ހިނގައްޖެނަމަ ވަރަށް ގޯސްވާނެ.” ޝައީމު އައިޝާގެ އަތުގައި ހިފާލިއެވެ
”ޒީލަންއާއި މާވަރުން ތިއުޅެނީ ކީއްވެތަ؟ އަހަރެން ވަކި ހުތުރީތަ؟”
”ނޫނޭ އައިޝާރީތި. އެކަމަކުވެސް ޒީލަންދެކެ އަހަރެން ވަރަށް ލޯބިވޭ.”
”ކުރީފަހަރު ޒީލަން ރުޅިވުމުން އަހަރެން އެތައް ދޮގުތަކެއްހަދާ ސަލާމަތްކޮށްދިނީ . އެކަމަކު ރިސޯޓަށް ދިޔަރޭވެސް އަހަރެން ނިންދަވާފައި ކޮންމެވެސް ޔޫރަޕު ކުއްޖެއްގާތަށް ދިޔައީ.”
”އެއީ އައިޝާ ނިދީމައެއްނު.”
”ދެންއެންމެ ރަނގަޅޭ. އަހަރެން އަލްމެންގެއަށްގޮސް އެލިބޭތޯ ބަލާނަން.” ދެމީހުން އިރުކޮޅަކު ގައިގޯޅިވުމަށްފަހު ދުރުވެލިއެވެ.
”އަހަންނަށްހީވަނީ ޒީލަންދެކެ ލޯބިވަނީ މިކަހަލަ އެއްވެސް ފުރުސަތެއް ނުދޭތީހެން. ނުލިބޭއެއްޗެއްގެ ރަހަ މާފޮނިވާނެއޭ ބުނެއެއްނުދޯ.” ޝައީމު ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.
އަލް އަވަހަށް ބޭރަށް ނިކުތެވެ. އަވަހަށް ޓެކްސީއެއް ހުއްޓުވުމަށްފަހު ”ޒެނިތު” އަށް ދިޔައެވެ. އޭނާ ވަނީ އިންތިހާއަށް ރުޅިއައިސްފައެވެ. އައިޝާގެ މަކަރުވެރިކަން އެނގުމުން އޭނާ ދެކެ ނުހަނު ފޫހިވެފައެވެ. އަދި އޭނާވަނީ ވަރަށް ކަންބޮޑުވެފައެވެ. ޒީލަންއަށް މިކަންތައް އަންގަން ބޭނުންވެފައެވެ. އެހެންނޫންނަމަ އޭނާގެ ދިރިއުޅުން ގެއްލިދާނެއެވެ. ގެއާއި ހަމައަށް ދެވުމުން އަވަސް އަވަހަށް ޒީލަން އާއި ގުޅާލިއެވެ.
”ހަލޯ އަހަރެން މިހުރީ ތިގޭދޮރުމަތީ.”
”އެހެންތަ ޓެރަސްއަށްއާދޭ.”
”އަހަރެން ވަންނާނީކިހިނެއް.” އަލްއަދި މިގެއަށް މިއައީ އަލަށެވެ.
”ތިތާހުރި ގާޑުއަތަށް ފޯނުދީ.” އޭނާ ފޯނުދިނުމުން އަލް ޓެރަސްއަށް ގެނެސްދިނުމަށް އެދުނެވެ. ޒީލަން އަލް އައުމުން ފަޒީނަށް ތައާރަފުކޮށްދިނެވެ.
”މިއީ އަލްހެނާ އަޅުގަނޑުގެ ބެސްޓް ފްރެންޑް.” ފަޒީން އަލްހެނާއާއި ސަލާންކޮށްލެއްވިއެވެ.
“އަހަރެން މިއައީ ވަރަށް ބޮޑުވާހަކައެއް ދައްކަން ” އަލް، ޒީލަންގާތު ސިއްރުސިއްރުން ބުންޏެވެ.
”ކޮންވާހަކައެއް.”
”ޝައީމްގެ.”
”އެހެންވީއިރު މިތާބުނޭ. ފަޒީނަށް ހުރިހާކަމެއް އެނގިލައްވާ”
”ނޫން ޒީލަން ކަމަކުނުދާނެ.”
”އަހަރެން މިބުނީނު އޭނާ އަކީ އަހަރެން މިހާރު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ގޮތެއްނިންމާއިރު ލަފާއަހާ ހަމަ އެކަނި ފަރާތް. އެހެންވީއިރު ޝައީމުގެ ވާހަކައެއްވެސް ދެއްކިދާނެއްނު.” އަލް ވީޑިއޯ ޓޭޕެއް ނަގާ ޒީލަންއަތަށް ދިއްކޮށްލިއެވެ.
”މީކޮންއެއްޗެއް.”
”ތިރަނގަޅަށް ބަލާ. ޝައީމުގެ އުޅުންވަރަށް ރަނގަޅަށް ފެންނާނެ.”
”އަލް ތިދައްކަނީ ކޮންކަހަލަ ވާހަކައެއް. ތިދައްކަންއުޅޭ ވާހަކައެއް ސާފުކޮށް ބުނެބަލަ.
”އަހަރެން އެތައްފަހަރަކު ބުނިން ޝަހުމާއާއިއެކު އޭނާ ސައިކަލުން ފެންނަވާހަކަ. އެމީހުންގެ ގުޅުން ރަހުމަތްތެރި ކަމަށްވުރެ މާގާތް ކަންފާހަގަ ކުރެވޭވާހަކަ. އެކަމަކު ޒީލަން ފުރަތަމަ ކޮޅު ތިމަންނަ އެއްވެސް ފިރިހެނަކަށް އިތުބާރެއް ނުކުރާނަމޭ ބުނެފައި މިހާރު އަހަރެން އޭނާއާއި ބެހޭގޮތުން ދައްކާވާހަކައެއް ގަބޫލެއްނުކުރޭ.”
”އަލް ކިހިނެއްތަވީ؟”
”ތީގައިވަނީ އޮފީހުގައި ޝަހުމާއާއެކު އޭނާ އުޅެފައިވާގޮތް. އަހަރެންނަށް ތިދިނީ ހާޝިމް. އޭނާބުނީ ތީ އެއޮފީހުގެ އެއްޗިހި ރައްކާކުރާ ގުދަނުގައި ދަންވަރު ކޮށްފައިވާކަމެއް ކަމަށް”
އެހުރިހާ ވާހަކައެއް ފަޒީން ކުރިމަތީގައި ދައްކަމުން ދިޔައިރު އެއްވެސް އެއްޗެކޭ ނުބުނުއްވައެވެ. ހަގީގަތުގައި ވަރަށް ކުރިއްސުރެ ފެށިގެންވެސް ޝައީމުއާއި އަންހެންކުދިންނާ ދެމެދު ގާތް ގުޅުމެއް އޮންނަކަން އެނގިލައްވައެވެ. ޒީލަންއަށް ވީޑިއޯ ދައްކަން ކުރިމަސައްކަތް ބޭކާރުވީ ދެވަނަފަހަރަށް ޒީލަން ޝައީމުއާއި ރައްޓެހިވުމުންނެވެ. ފަޒީނު އެފަދަ ވީޑިއޯއެއް ދައްކައިފިނަމަ ޒީލަން އޭނާއާއިމެދު ދެކޭނެގޮތާމެދު ވިސްނިއެވެ. ދެވަނަ ފަހަރު ޒީލަންގާތު ޝައީމު ވާހަކައެއް ހަދާލާނެއެވެ. އޭރުން ޒީލަން އަށް އޭނާ އާއިމެދު ދެކޭނީ ޝައީމުގެ މެދަށް ވަންނަ ދުޝްމަނެއްގެ ގޮތުގައެވެ. ނަމަވެސް އަލްގެ ފަރާތުން ޒީލަންއާއި ހަމައަށް އެ ވީޑިއޯ ފޯރުމުން އޭނާ އުފާކުރިއެވެ. ”
”އެދުވަހު އައިޝާ ދެއްކީ ދޮގުވާހަކަތަކެއް. އަހަރެން އޭނާއާއި ޝައީމު ދެއްކިވާހަކަތައް ރަނގަޅަށް އަޑުއެހިން. އައިޝާއަށް މިހާރު މާގިނަ ލާރިތަކެއްވެސް ލިބިގެން އެ އުޅެނީ އޭނާގެ ފަރާތުން. އައިޝާ އޭނާ އާއެކު ރިސޯޓަށްވެސްދޭ. އެއީ އޭނާ ހިތާވެގެން އުޅޭ މީހެއް.” އަލް އަށް އަޑު އިވުނު ހުރިހާ ވާހަކައެއް ދެއްކިއެވެ.
ޒީލަން ވަނީ އިންތިހާއަށް ރުޅިއައިސްފައެވެ. ދެވަނަ ފަހަރަށް އޭނާ އަށް އިތުބާރު ކުރެވުނީތީ ފޫހިވެފައެވެ. އޭނާ ލޯބިވި ހަމައެކަނި މީހާއަކީ އެތައް އަންހެން ކުދިންނަކަށް ލަނޑުދެމުންދުވާ ކެހިވެރިއެކެވެ. ދިރިއުޅުމުގައި އެފަދަ މީހުންނަށް އޮންނަނީ ހަމައެކަނި އަންހެނުންނާއި ފާހިޝް ޢަމަލުތަކެވެ.
ޒީލަން ވީޑިއޯ ބެލުމަށްޓަކައި ދިޔައެވެ. އަލްހެނާއަށް ބެލުމެއްވެސްނެތި ތިރިއަށް ދުއްވައިގަތެވެ.
” އަޅުގަނޑު ހިއެއް ނުކުރަން ފަޒީނަކީ ޒީލަންއަށް އޮޅުވާލައްވާނެ ބޭކަލެއް ކަމަކަށް. އޭނާ ފަޒީނަށް ތައުރީފުކުރޭ. އިޙުތިރާމުކުރޭ. ޒީލަންއަށް ހެޔޮއެދޭމީހެއް ކަމަށް ގަބޫލުކުރޭ. އެކަމަކު އެވީޑިއޯ ފަޒީނުގެ އަތުގައި އޮތް އިރު އޭނާއަށް ނުދެއްވީ ތީ ޒީލަން އާއި މެދު އޯގާތެރިވެލައްވާ މިންވަރު އޮޅިއްޖެ.” އަލް ރުޅިއައިސްފައި ހުރުމުން ފަޒީނާއި މުޚާޠަބްކޮށް ވާހަކަދެއްކީ މަލާމާތުގެ ރާގެއްގައެވެ.
ފަޒީނަށް އަލްހެނާގެ މިވާހަކަ އަށް ވަރަށް ޝައުގުވެރިވެވުނެވެ. އަލްހެނާ އޭނާއާއި ބައްދަލުވީ އަލަށް ކަމަށްވިޔަސް ޒީލަން ގެ އެހާލަށްޓަކައި ކޮށްފައިވާއަސަރުން އޭނާއާއި މެދު އަޅާލާމިންވަރު އިހުސާސް ކުރެއްވުނެވެ. ހަގީގަތުގައިވެސް ޒީލަންގެ އެންމެ ގާތް ރަހުމަތްތެރިޔާއަކީ ރަނގަޅު ކުއްޖެކެވެ.
ވީޑިއޯގެ ކޮންމެ މަންޒަރެއް ވީ ޒީލަންގެ ހިތުގެ އެންމެ ފުނަށް އަސަރު ކުރުވި އެއްޗަކަށެވެ. ޝައީމުގެ މޫނު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް ތޫނު އެއްޗިހިތަކެއް ހަރާލާ ކަހަލަ އެވެ. އެންމެ ފަހުން ބަލަންނުކެރިގެން ޓީވީ ނިވާލިއެވެ. އޭނާ ވީދެރައަށްވުރެ އައީރުޅިއެވެ. އެކެހިވެރި މޫނު ދެވަނަފަހަރަށް ދެކޭކަށް ބޭނުމެއް ނޫނެވެ. އެމަކަރުވެރިޔާ ދެން އޭނާގެ ހަޔާތަކަށް ނުގެންނާނެއެވެ. އޭނާ އާއި ދެން އެއްވެސް ގުޅުމެއް ނުބާއްވަން ޒީލަން ނިންމިއެވެ. އެއީ އޭނާގެ ހަޔާތަށް އައި ކަޅު ހިޔަންޏެއް ކަމަށް ނިންމާ އެސޫރަވެސް ހިތުން ފޮހެލުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ގިނަދުވަސްތަކެއް ވަންދެން އެކީގައި އުޅެވުމުން އޭނާގެ ހިތުގައި ޝައީމުވަނީ ބިންވަޅުނެގިފައެވެ. ހަނދާން ނުކުރަން ކުރި ކޮންމެ މަސައްކަތެއްވަނީ ބޭކާރެވެ. ހަށިގަނޑަށް ހަމަޖެހުން ގެނައުމަށްޓަކައި އޭނާ ވަނީ އިންތިހާއަށް ބޭނުންވެފައެވެ. އެންމެފަހުން އޭނާ ބާރަށް ރޮއިގަތެވެ. މޫނުމަތީ ބާލީސްއަޅާ ގައިގައިހުރިހައި ހަކަތަ ހުސްވަންދެން ރުޔެވެ. އެންމެފަހުން އޭނާ އަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.
ފަތިހު ހޭލެވުމާއިއެކު ޒީލަން ފެންވަރާލާ ތާޒާވެލިއެވެ. ފަތިސްނަމާދު ކުރުމަށްފަހު އެކެހިވެރި ޝައީމުގެ ފަތިފުށް އެނގުމުން ޝުކުރުވެރިވިއެވެ. އަދި އެފަދަ ނުބައި އަނިޔާވެރި މީހުންގެ ކިބައިން ރައްކާތެރި ކުރެއްވުމަށް ދުއާކުރިއެވެ. އޭނާ ތިރިއަށް ދިޔައިރު ފަހީމާ އަވަދިނެތި ބަދިގޭގައި އުޅެއެވެ.
”މިއަދު މިއުޅެނީ ޒީލަންއަށް އެންމެމީރު ކެއުން ތައްޔާރުކުރަން. މިހާރު ފަޒީނަށްވެސް ކަނޑުކުކުޅާއި ފިހުނުމަސް ވަރަށް ކަމުދޭ. ނަސީރުގާތު މިއަދު ފަރުމަސް ގެންނައްޗޭ މިހާރު ބުނެގެން މިއުޅެނީ. ޒީލަން މިހާރު ކޮލެޖު ނިމުނުފަހުން ގިނަވަގުތު ގޭގައި އުޅޭތީ ވަރަށް ހިތްހަމަޖެހޭ. ޒީލަންކަހަލަ ކިޔަވައިގެންހުރި އަޚުލާގު ރަނގަޅު ކުއްޖެއް މިގެއަށް ލިބުނުކަންއެއީ މިގޭ ނަސީބު. މަގޭ ނައީމާގާތު ކިޔަވާށޭ ބުންޏަސް އަބަދު އުޅޭނީ ގޭގައިއުޅޭ ވައިކަރަދޫ މީހުންގާތު ކޮންމެވެސް ޑްރާމާއެއްބެލޭތޯ. ޒީލަން ކަހަލަ ރަނގަޅު ކުއްޖެއް އަހަންނަށް ލިބުނުނަމަ.” އޭނާ ހުއްޓުމެއްނެތި ވާހަކަދައްކަމުންދެއެވެ. ނަމަވެސް ޒީލަން އިނީ ފުން ހިތާމައެއްގައެވެ. ފަހީމާ ދައްކާ އެއްވެސް ވާހަކައެއް އޭނާ އަކަށް ނޭނގެއެވެ.
”ޒީލަން ބުނީމެއްނު ކިޔަވާނިމުމުން ރަނގަޅުވަޒީފާއެއް ލިބިއްޖެއްޔާ ދާނީއޭ. މިހާރު ވަޒީފާއެއް ލިބޭތޯބެލިންތަ؟ ފަހީމާގެ ވާހަކައަށް އެއްވެސް ޖަވާބެއް ޒީލަންގެ ފަރާތުން ނުލިބުމުން ޒީލަންއަށް ބަލާލިއެވެ. އޭނާ ވަނީ ހިތާމައިން މޮޅިވެފައެވެ. ލޮލުގައި ހުރި ކަރުނަތައް ފައިބަންވެސް ނޭނގިފައި ކަހަލައެވެ. ފަހީމާއަށް ބަލާލެވުމާ އެކުހެން އޭނާ އަށް ރޯންފެށުނެވެ.
”ޒީލަން ކިހިނެއްވީ. ދައްތަގާތު ވީގޮތެއްބުނެބަލަ. ފަޒީނު އެއްޗެއްބުނުއްވީތަ؟”
”ނޫން އެކަހަލައެއްވެސް ކަމެއްނުވޭ.”
ޒީލަންހުރިހާވާހަކައެއް ފަހީމާއަށް ކިޔައިދިނެވެ. ފަހީމާ ނުހަނު އޯގާވެރިކަމާއިއެކު އޭނާ އަށް ނަސޭހަތްދީ ހަމައަކަށް އެޅުވިއެވެ.
މެންދުރު ފަޒީނު ގެއަށް ދުރުވިއިރު ޒީލަންއަށް ހަފްތާ މަޖައްލާތަކެއް ގެންނެވިއެވެ. އެންމެފުރަތަމަވެސް ޒީލަންއާއި ބައްދަލުކުރެއްވިއެވެ. ޒީލަންގެ މޮޅިވެރިކަންވީ ފަޒީނަށް ލިބިލެއްވި ނުތަނަވަސް ކަމަކަށެވެ. އެރީތި އަންހެންކުއްޖާ އެފަދަ ނިކަމެތި ގޮތަކަށް އިނުމަކީ އޭނާ ދެކެން ބޭނުންވެލައްވާނޭ ކަންތައްތަކެއް ނޫނެވެ.
”ޒީލަން މިހުރީ ޒީލަން އަށްވީ މަޖައްލާ ކޮޅެއް. މިއެއްޗެހިތައް ކިޔާލާ ހެދުމުން ތިޚިޔާލުތަކާއި ދުރުވަން ފަސޭހަވާނެ.”
”އަޅުގަނޑު މިހާރު އެއްވެސް ކަމަކާ ނުވިސްނަން. އެއީ އަޅުގަނޑު ދެން ދުވަހަކުވެސް ވާހަކަދައްކާނެ މީހެއްނޫން.”
”ޒީލަންގެ ޖަމްޢިއްޔާ ރަޖިސްޓްރީ ކުރެވިއްޖެ. ދެންހުންނާނީ ޒީލަން ފުރިހަމަ ކުރަންޖެހޭ ރަސްމީ ލިއުންތައް. މިހާރުން ފެށިގެން ވަޒީފާތަކަށް މީހުންހަމަޖެއްސުމާއި އެކަމުގެ މަސައްކަތްތައް ފުރިހަމަކުރަންވީ. މިކަމުގައި ވަގުތުތައް ހޭދަކުރަން ފެށީމާ ތި ހިތާމަތަކާއި ދުރަށް ދާން ފަސޭހަވާނެ.”
”އަޅުގަނޑު ހިތާމައެއްނުކުރަން. މިހާރު ހުރިހާ ކަމެއް ހަނދާން ނައްތާލައިފިން.”
ޒީލަން އެހެންބުނިނަމަވެސް އޭނާގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވިފައިވާ ހިތާމަތައް އޭނާ ދެނެލެއްވިއެވެ. ހަގީގަތުގައި އޭނާ ފާޅުކުރަން ބޭނުންނުވި ނަމަވެސް އެހިތަށްވަނީ ވަރަށް ފުން އަސަރު ތަކެއް ކޮށްފައެވެ.ފަޒީނު ދުރުވުމުން ޒީލަން ފޮތްތައް ކިޔޭތޯ އުޅުނެވެ. ނަމަވެސް އަލްހެނާ އައީ އެވަގުތުއެވެ. އަލްހެނާ ފެނުމުން އޭނާ ނުހަނު އުފާވިއެވެ.
”އަލް އަހަރެން މިހުންނަނީ އަލްއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގިފައި.”
”ކޮންކަމަކާ.”
”މިއޮއްހުރިހާދުވަހު އޮޅުވާލައިގެން އުޅުނު ޝައީމުގެ ހަގީގަތް ހާމަކޮށްދިނީތީ.”
”ޒީލަން އަހަރެން އެއީ އެއްޗެއް ބޭނުންވެގެން ކުރިކަމެއްނޫން. ކުރިންވެސް އަހަރެންނަށް ޝައްކެއްވާތީ އޭނާއަށް ފާރަލާތާ އެތައް ދުވަހެއްވެއްޖެ. އަހަރެން ގާތަށް ރޭގައި އޭނާ އައި.”
”ކީއްކުރަން”
”ބުނީ ޒީލަން ފޯނެއް ނުނަގައޭ. ވީގޮތެއް ބަލާދޭށޭ. އަހަރެން ބުނިން ދެންދުވަހަކުވެސް ކަލެއަކާއި އޭނާއެއް ވާހަކައެއް ނުދައްކާނޭ. އަހަރެން ވީޑިއޯ ދެއްކިވާހަކަ ބުނުމުން ވަރަށް ރުޅިއައިސްފައިހުރީ. ފުރަތަމަވެސް އުޅުނީ ވާހަކައެއްހަދާލާ އެއީ އޭނާއަށް ޝަހުމާ ލަޑެއްދޭންވެގެން ކުރިކަމެކޭ ބުނަން. ނަމަވެސް އަހަރެން އައިޝާއާއި އޭނާ ދެއްކިވާހަކަތައް އަޑުއެހީމޭ ބުނީމާ ބުނާނެ އެއްވެސް އެއްޗެއް ނޭނގުނު.”
”ފިރިހެނުންނަކީ މަކަރުވެރި ބައެކޭ މީހުން ބުނާތީ އިވޭ. އެކަމަކު މިވަރު ކަމެއް އަހަރެން ނުދެކެން.
”ދެންތިވާހަކަ ނުދައްކަމާ. އަހަރެން މިއުޅެނީ ރަނގަޅު ވަޒީފާއެއް ލިބޭތޯ.”
”އަލް. ފަޒީނު އަހަރެންނަށް ޖަމްޢިއްޔާއެއް ހުޅުވައިދެއްވައިފި. އަހަރެމެން ކިޔެވި އެއްޗެއްގެ ބޭނުންވެސް ހިފޭނީ މިކަހަލަ މަސައްކަތް ކުރުންކަމަށްވާތީ އެކަމަށް ދެކޮޅު ނުހެދީ.”
”ޒީލަން ފައިސާ ކަންތައް ކިހިނެއް ހަމަޖެއްސީ.”
”ލޯނެއްގޮތަށް ފަޒީން ފައިސާދެއްވީ. އަހަރެން ދައްކަން ބޭނުން ދުވަހަކުން ދައްކާ ގޮތަށް އަދި ބޮޑެތި ކުންފުނިތަކުން އެހީގެ ގޮތުގައި މިކަހަލަ ތަންތަނަށް ފައިސާގެ ހަދިޔާ ވެސް ކުރާނެނުދޯ. އަލް އަހަރެންނާއެކު މިކަމުގައި ބައިވެރި ވާންވީނު. ފަޒީނުގެ މަޝްވަރާ އަބަދުވެސް އަހަރެމެންނަށް ލިބޭނެ.”
”ފަޒީނު ހާދަރަނގަޅޭދޯ. އަނެއްކާ ޒީލަންއަށް އޭނާ އެހާރަނގަޅުވެގެން އެއުޅެނީ ކީއްވެ؟ ފަހަރެއްގައި އޭނާ ޒީލަންދެކެ ލޯބިވަނީ ކަންނޭގެ.”
”އަލް ތިހެންބުނެފާނެ ކަމަކަށް އަހަރެން ހިއެއްނުކުރަން. ފެށުނީއްސުރެން މިއަދާ ޖެހެންދެންވެސް އޭނާ އަހަރެންނަށް ނުހަނު ރަނގަޅު. އޭނާގެ ވަޒީފާގައި އުޅޭ އެންމެންނަށްވެސް ވަރަށް ރަނގަޅު. މިގޭގައި އުޅޭފަހީމައްތަގެ މުސާރައިގެ އިތުރުން އޭނާގެ ގޭގެ ބިލްތައް ދައްކައިދެނީވެސް ފަޒީން. ދެންބުނަންވީ ފަހީމައްތަ ދެކެފަޒީނު ލޯބިވަނީއޭތަ؟”
”ހޫން ދެންއަޅާނުލާ. އެއީ އެހެން ބުނި އެއްޗެއްނޫން. މިހާރު ފަށަންމިއުޅޭ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަންވީވަގުތުމީ.”
ދެމީހުން ވާހަކައިގައި ވަރަށް ގިނަވަގުތު ހޭދަ ކުރިއެވެ. އަދި އޮފީހުގައި ކުރަންޖެހޭނެ މަސައްކަތާއި ކުރެވިދާނޭ ބައެއްކަންތަކާއި ބެހޭގޮތުން ވާހަކަ ދެކެވުނެވެ.
ޒީލަންގެ އޮފީހުގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ފެށިއްޖެއެވެ. އަންހެނުންނަށް ބޭނުންވާ ތަފާތު ޚިދުމަތް ތައް ފޯރުކޮށްދިނުމުގައި މާލޭގައި ފުދޭވަރެއްގެ މަޝްހޫރު ކަމެއް ލިބުނެވެ. ނަފްސާނީގޮތުން އެހީއަށް ބޭނުންވެފައިވާ މީހުންނަށް ކައުންސެލިން ދީގެން ފަރުވާ ކުރުމުގައެވެ. ތަފާތު މައްސަލަ ތަކުގައި އިންސާފު ހޯދައި ދިނުމުގައި ކޯޓުގައި ކުރަންޖެހޭ މަސައްކަތަށް ވަކީލުން ހަމަޖައްސައި ދިނުމުގައެވެ. އަންހެނުންނަށް އާމްދަނީ އިތުރުކުރެވިދާނެ ގޮތްތަކާއި ރަނގަޅު ދިރިއުޅުމެއް ޚިޔާރު ކުރާނޭ ލަފައާއި މަޝްވަރާ ދިނުމުގައެވެ. ޖިންސީ ގޯނާ ތަކުގައި އަނިޔާ ލިބޭމީހުންނަށް ހިމާޔަތްތެރިކަން ދިނުމަށްޓަކައި ފުލުހުންނަށާއި ސަރުކާރުގެ ގުޅޭދާއިރާގެ އެކިއެކި ފަރާތްތަކަށް އެކަންތައްތައް އެންގުމުގައެވެ. ގިނަވަގުތު މަސައްކަތުގައި އުޅެންޖެހުމުގެ ސަބަބުން ޝައީމުގެ އުނދަގުލުންނާއި އެހަނދާންތަކުން ދުރުވުމަށް އޭނާ އަށް ފަސޭހަވެގެން ދިޔައެވެ. މިއަވަދިނެތި ކަމުގައި ދުވަސްތައް ވޭތިވަމުންދިޔައިރު ފަޒީނުއާއި މެދުއޮތް ގާތް ރަހްމަތްތެރިކަން އިތުރަށް ބަދަހިވަމުން ދިޔައެވެ. ބައެއްފަހަރު އޭނާ ފަޒީން އާއި ސަމާސާ ކޮށްލާހިތްވެއެވެ. އޭނާއާއެކު ހޭދަކުރެވޭ ވަގުތަކީ ހިތްހަމަޖެހޭ ވަގުތުތަކަކަށް ވާންފަށައިފިއެވެ. ނަމަވެސް އޭނާގެ ތަޖުރިބާއިން ފިރިހެނުންނާ މާގިނައިން ވާހަކަދެއްކުމާއި އެމީހުންނާދޭތެރޭ ވިސްނުމަކީ ދަތިކަމެކެވެ. އެއީ ކެހިވެރި ބައެކެވެ. އެމީހުންގެ އެދުމަކަށްވާނީ އަންހެނުންގެ ހަށިގަނޑުން ލިބޭ ފޮނިކަމާއި ލައްޒަތެވެ. އެއީ އަންހެނުންގެ ބަލިކަށިކަމުން ފައިދާ ނަގާބައެކެވެ. ނަމަވެސް ފަޒީންއަކީ ރަނގަޅު ބޭކަލެއްކަން އޭނާ އަށް ހިތުގެ އަޑިން ގަބޫލުކުރެވެއެވެ. އެއީ މާތް އިންސާނެއްކަން އިހުސާސް ކުރެވެއެވެ. ނަމަވެސް ބައެއް ފިރިހެނުންނަކީ ހާދަ ނުބައިބައެކެވެ. އޭގެތެރެއިންވެސް ޝައީމަކީ އެންމެ ނުބައިމީހާއެވެ. ޒީލަންގެ ހިތްވަނީ އޭނައާއިމެދު ނަފުރަތުން ފުރިފައެވެ. އޭނާ ދުވަހަކުވެސް ޝައީމަކަށް މާފެއް ނުކުރާނެއެވެ.
ދުވަހަކީ ވަރަށް މޫސުން ރަނގަޅު ދުވަހެކެވެ. ހަވީރުގެ ފިނިކަމުން ލިބިފައިވަނީ އާދަޔާ ޚިލާފު ހިތްހަމަ ޖެހުމެކެވެ. ޒީލަން ބަގީޗާގެ ގަސްތައް ބަލަން ހުރީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. މަޑުހިމޭންކަމެއްގައި ހުރި ޒީލަން ސިއްސައިގެން ދިޔައީ އޭނާގެ އަތުގައި ޝައީމު ހިފުމުންނެވެ. އޭނާ ބާރަށް ހަޅޭއްލަވައިގަތެވެ. ނަމަވެސް ހުޝިޔާރުވެހުރި ޝައީމު އޭނާގެ އަނގަމަތީ އަތް އެޅިއެވެ. އަދި އެއް އަތުން އޭނާގެ އުނަގަނޑުގައި ހިފައި ފާރާއި ތަތްކޮށްލިއެވެ. އޭނާގެ ނޭވާ ފޯރާހިސާބަށް ގާތްވެލިއެވެ.
”ޝް.. ޝް.. ހަޅޭއް ނުލަވާ. ކަލޭ މާފުރިހަމަވީމާދޯ އަހަރެންނާ އަޅާނުލާ ތިޔަ އުޅެނީ. އެންމެ ކުޑަވެގެން ފޯނު ނެގިއްޔާ ވާނީކީއް؟ މިވީ މަސްދުވަހުގެތެރޭ އަހަރެން އުޅުނުގޮތް ކަލެއަށް އެނގުނުނުމަ.”
އޭނާ ހީވަނީ މޮޔައެއް ހެންނެވެ. އޭނާގެ މޫނު ޒީލަންގެ ކަނދުރާއާއި ގާތްކޮށްލިއެވެ. ޒީލަން ގަދަހަދަމުން ދެއެވެ. އޭނާ ވަނީ އިންތިހާއަށް ބިރުގެންފައެވެ. އޭނާއަށް ފޮޅުވާލެވޭކަށް ނެތެވެ. ޝައީމުވަނީ އިންތިހާއަށް އޭނާއަށް ބާރުފޯރުވާފައެވެ. އަތެއް ގުޑުވައެއް ނުލެވުނެވެ. ބޭރަށް ނިކުންނެވި ފަޒީނަށް ބަގީޗާއާއި ދިމާއިން މީހަކު ހަޅޭއްލަވާ ކަހަލަ އަޑެއް އިވި ލައްވައިގެން އެދިމާއަށް ދުރުވިއެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި ދޮރުބަލަހައްޓާ މީހާއަށް ގޮވާލެއްވިއެވެ. އަވަސް އަވަހަށް ހޯއްދަވާލެއްވިއިރު ޝައީމު ޒީލަން ގައިގާ ހިފަހައްޓައިގެން ހުއްޓާ ފެނިލެއްވިއެވެ. ފަޒީނަށް ކުޑަހިނދުކޮޅަކަށްވެސް މިމަންޒަރު ދެކެލެއްވުމަކަށް ނުހުންނެވުނެވެ. އަވަހަށް ޝައީމުގެ ބުރަކަށީގައި ހިފާ ކޮށްޕާލެއްވިއެވެ. އޭނާވަނީ އިންތިހާއަށް ރުޅިދުރުވެފައެވެ. ޝައީމު އެފަދަކަމަކަށް ނުވިސްނާ ހުރުމުގެ ސަބަބުން ތިރިއަށް ވެއްޓުނެވެ. އަދި ފަޒީނު ފެނުމުން ލަދުންނާއި ބިރުން ހާސްވާގޮތް ވެއްޖެއެވެ. އަދި ވަރަށް ބާރަށް ދުއްވައިގަތެވެ. ދޮރުގާޑަކަށް ހުރި މީހާވެސް އޭނާގެ ފަހަތުން ދުއްވައިގަތެވެ.
ޒީލަންއަށް ލިބިފައިވާ ބިރުވެރިކަމާއި ހާސްކަމުން އޭނާއަށްވަނީ ހަދާނެގޮތެއްވެސް ނޭނގިފައެވެ. ނިހާޔަތަށް ކަންބޮޑުވެފައިވާ ޒީލަންއަށް ފަޒީނުގައިގައި އޮޅުލައިގަނެވުނެވެ. އޭނާއަށް އެއްވެސް އެއްޗެއް ނުވިސްނޭކަހަލައެވެ. ތުއްތު ކުއްޖަކު އޭނާގެ މަންމަގާތު ޝަކުވާ ކުރާހެން ޒީލަން ފަޒީނުގެ ގާތުގައި ރޮނީއެވެ. އެހަށިގަނޑުގެ ހޫނު އިހުސާސް ކުރެވުނެވެ. ފަޒީނަށް ޒީލަންއާއި ކިތަންމެ ދުރުގައި ހުންނަން ބޭނުންވެލެއްވި ނަމަވެސް އެހިތަށް އެއީ ކެތްކުރެވޭވަރު ކަމަކަށް ނުވިއެވެ. އެހެންނަމަވެސް ފުރިހަމަ ވިސްނެވުމަކުން ހުރިހާ ޚިޔާލެއް ދޫކޮށްލެއްވިއެވެ. ފަޒީން ޒީލަންގެ ބޮލުގައި ފިރުމާލެއްވިއެވެ. އަދި ގަޔާ ދުރުކޮށްލެއްވިއެވެ.
”ޒީލަން އެތެރެއަށް ހިނގާ. އޭނާ ދެންއަންނާނެހެނެއް ހިއެއްނުވޭ.” އޭނާ ޒީލަންއާއިއެކު ޓެރަސްއަށް ދުރުވިއެވެ. ކިޔަމަންތެރިކަމާއެކު ޒީލަން އޭނާގެ ފަހަތުން ދިޔައީ ބަސްއަހާ ދަރިވަރެއް އޭނާގެ މުދަރިސަށް އިހުތިރާމާއިއެކު ކިޔަމަންތެރިވާފަދަ ގޮތެއްގައެވެ.
ޒީލަން ޓެރަސްގެ ގޮނޑިއެއްގައި އިސްޖަހާލައިގެން އިނެވެ. އޭރުވެސް އެރީތިލޮލުން ކަރުނަ ނުހިކެއެވެ. އޭނާވަނީ ލަދުން ރަތްވެފައެވެ. ފަޒީނުގެ ގައިގައި އޮޅުލައި ގަނެވުނީތީއެވެ. އޭނާ ހީކުރައްވާނީ ކީކޭބާއެވެ. އަހަރެންނަކީ ހާދަ ގޮތެއްނެތް އަންހެނެކެވެ. ތިމާގެ ވެރިމީހާއަށް އިހުތިރާމުވެސް ކުރަން ނުދަންނަ މީހެކެވެ.
”ޒީލަން ދެންނުރޮއި. އޭނާއަކަށް ދެން މިގެއެކަށް ނުވަދެވޭނެ.” އޭނާ ހިތްވަރު ދެއްވިއެވެ.
”އަޅުގަނޑާހެދި ފަޒީނަށް ވަރަށް އުނދަގޫ ވެލައްވައިފި.” އޭނާ އޮޅުލައިގެނެވުނީތީ އަދިވެސް ކަންބޮޑުވަނީއެވެ.
”ނޫން ޒީލަން. އެއީ އުނދަގުލެއްނޫން. ޒީލަންއަށް އެފަދަ ގެއްލުމެއް އެއްވެސް ފަރާތަކުން ލިބުމަކަށް އަހަރެންނެއް ނޭދެން.” އެއަޑުގައި މޮޅިވެރި ކަމެއްވެއެވެ.
ހަގީގަތުގައި ޒީލަންގެ ލޮލުން އެންމެ ކަރުނަތިކެއްވެސް ވެއްޓޭތަން ފެނިލެއްވުމަކީ އޭނާއަށް ލިބިލައްވާ ވަރަށް ބޮޑު ހިތާމަކެވެ. އޭނާ ދެލޯނޭދި އެދޭ އެރީތި އަންހެންކުއްޖާއަށް އޭނާގެ ކުރިމަތީގައި އެފަދަކަމެއް ފެނިލެއްވުމަކީ އޭނާއަށް އިންތިހާއަށް ނަފުރަތާއި އަސަރުތަކެއް ކުރުވި ކަމެކެވެ. އެފަދަ ކަމަކުން އެއަންހެންކުއްޖާ ސަލާމަތް ކުރުންވާނީ އޭނާގެ އުފަލަކަށެވެ. އޭނާ އިންތިހާއަށް ޒީލަންދެކެ ލޯބިވެއެވެ.
ފަހީމާ ހަވީރުގެ ސައި ޓެރަސްއަށް ގެނައެވެ. ޒީލަންގެ ޚަބަރު ދޮރުގާޑުގެ ފަރާތުން ކޮންމެވެސް ވަރަކަށް އެނގުމުން އޭނާވަނީ ވަރަށް ދެރަވެފައެވެ. އަދި އޮޅުންފިލުވަން ބޭނުންވެފައެވެ. ނަމަވެސް ފަޒީނު އިންނެވުމުން އޭނާ އަކަށް އެއްޗެއް އަހާލާކަށްވެސް ނުކެރުނެވެ. ސައިތައްޔާރުކުރުމުގައި ހަރަކާތްތެރިވިއެވެ.
”ފަހީމާ. މީގެ ކުޑައިރުކޮޅެއް ކުރިން ޒީލަންއަށް ވަރަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވި.”
“އަނެއްކާވެސް ޒީލަންއަށްތޯ؟” ފަހީމާއަކީ ހަރުދަނާ މީހެއްކަމުން ފަޒީނު ބުުނުއްވި އެއްޗެއް އެނގިއްޖެއެވެ.
“އާން. ގޭގައި އުޅޭވަގުތުތަކުގައި ޒީލަން ރަނގަޅަށްބަލާތި. ވީހާވެސް ގިނަވަގުތު ފަހީމާ ގާތުގައި ގެންގުޅެވޭތޯބަލާ. ޝައީމަކީ ވަރަށް ނުރައްކާތެރި މީހެއް. ކިތަންމެ ވަރަކަށް ދޮރުގާޑުން ބެލެހެއްޓި ނަމަވެސް ވަގުތެއްހޯދައިގެން އެތެރެއަށް ވަދެވޭތޯ އޭނާ ބަލާނެ.” ފަޒީނުވެސް ވަނީ ކަންބޮޑުވެފައެވެ.
”ޒީލަންވެސް އެކަނި ބޭރަށް ނުނިކުންނާތި. އޮފީހަށް ދާންވުމުން ޓެކްސީއެއްގައިދޭ.” އޭނާ ވާހަކަދެއްކެވުމުގައި ހުރީ ކަރުކަށި ގޮތެކެވެ. ސައިހަދާ ނިމުމުން ފަހީމާ ތިރިއަށް ދިޔައެވެ. އަނެއްކާވެސް ދެމީހުން އެކަނި ވިއެވެ.
ފަޒީނުގެ ވާހަކައަށް ޒީލަން އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. މިއީ ކޮންފަދަ އިހުސާންތެރިއެއް ހެއްޔެވެ؟ އަހަރެންނަށް ނުހަނު އޯގާތެރިއެވެ. އޭނާއާއި އެކު ވާއިރު އާދަޔާ ޚިލާފު ހިތްހަމަ ޖެހުމެއްލިބެއެވެ. އެދުވަސްވީ މޫނުން ޒުވާންކަމުގެ އަސަރު ފާޅުވެއެވެ. އެއީ ރީތި މީހެކެވެ. އަނެއްކާ އަހަރެން އޭނާދެކެ ލޯބިވަނީބާވައެވެ. ފަޒީން އަހަރެންދެކެ ލޯބި ވެދާނެބާވައެވެ. ނޫނެކެވެ. އޭނާ ހަމައެކަނި އިހުސާންތެރިވަނީއެވެ. ކޮންމެ މީހަކުނަމަވެސް އެފަދަ ނުރައްކާތެރި ވަގުތު ކަންތައް ކުރާނީ އެގޮތަށެވެ. އޭނާ އަހަރެންނަށް އެހީތެރިވަނީ އަހަރެން ފަގީރުވީމާ ކަންނޭނގެއެވެ. އަޅާލާނެ މީހަކު ނެތީމާކަމަށް ވެސް ވެދާނެއެވެ. ފަޒީނުފަދަ ބޭކަލަކު އަހަރެންދެކެ ލޯބިވެދާނެ ބާވައެވެ. އަހަރެންނަކީ ފަގީރެކެވެ . ބައްޕަނެތް، ބައްޕައަކީ ކާކުކަންވެސް ނޭނގޭ ނަންގެއްލިފައިވާ މީހެކެވެ. އެފަދަ މުއްސަނދި ގަދަރުވެރި ބޭކަލަކު އަހަރެންދެކެ ލޯބި ވުމަކީ ދުވަހަކުވެސް ވެދާނެ ކަމެއް ނޫނެވެ. އޭނާގެ އެތައް މުއައްޒަފުންނެއް ރާއްޖޭން ބޭރުން ވެސް ތައުލީމު ޙާޞިލް ކޮށްފައިވެއެވެ. އަދި މިހާރުވެސް ކިޔަވައެވެ. އެއީ ހަމަ އެކަނި އަހަރެންނަށް ކޮށްދެއްވިކަމެއް ނޫނެވެ. އަހަރެން އެފަދަ އެއްޗެއް ހިތަށް އަރުވަންވެސް ނުވާނެއެވެ. ޒީލަން ސިކުނޑި އަށްވެސް ވަނީ އޮޅުން އަރާފައެވެ. ވިސްނަންވީ ކޮންގޮތަކަށް ކަމެއް ނޭނގިފައެވެ. އޭނާ އިސްޖަހައިގެން އިންއިރު ފަޒީނު އޭނާގެ ގާތުގައި ހުންނެވިކަންވެސް ނޭނގޭ ކަހަލައެވެ.
ފަޒީންއަށް ހީވެލެއްވީ ޒީލަން އަދިވެސް އެހާދިސާ އާއިމެދު ވިސްނަނީ ކަމަށެވެ. އަދި ޝައީމުގެ ހަންދާންތަކާއި ދުރަށްދާން ބޭނުންނުވާނެ ކަމަށެވެ.
”ޒީލަން. އަހަރެންނަށް ހީވަނީ އޭނާ ޒީލަންދެކެ މާބޮޑަށް ލޯބިވަނީހެން.” ޒީލަންގެ ވިސްނުންހުރިގޮތެއް ބައްލަވަން އޭނާ ބޭނުންވެލައްވަނީ ވަރަށް ބޮޑަށެވެ.
” ނޫން އެއީ މީހަކު ލޯބިވާވަރުގެ މީހެއްނޫން. އޭނާވަނީ ހައްދުފަހަނައަޅާފައި. އަޅުގަނޑު އޭނާ މަތިން ހަނދާންވިއަސް މިހާރު ބިރުގަނޭ. މީހަކާއި ރައްޓެހިވާންވެސް މިހާރު ޖެހިލުންވޭ.”
”ނޫން ޒީލަން އެއީ ބައެއް މީހުން. އެންމެން އެއްގޮތެއްނުވާނެ.” އެއީ ދޮގެއްކަން އަންގައިދޭން ފަޒީނު ބޭނުންވެލެއްވިއެވެ.
”ނަމަވެސް އަޅުގަނޑަށް އެނގިފައި އޮތީވެސް އަދި ރަށްޓެހިވެވުނީވެސް އެކަހަލަ މީހަކާ. އެހެންކަމުން އަޅުގަނޑު ފިރިހެނުންދެކެ ބިރުގަނޭ އަދިނަފުރަތުކުރަން.” އޭނާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
ފަޒީން ޒީލަންއަށް ވަރަށް ސިއްރުން ބައްލަވާލެއްވިއެވެ. އޭނާގެ ހިމޭންވެފައިވާ މޫނުން މައުސޫމުކަން ފާޅުކޮށްދެއެވެ. މިއަންހެން ކުއްޖާއަށް މިވަނީ ވަރަށް ފުން އަސަރުތަކެއްކޮށްފައެވެ. ފެށުނީއްސުރެންވެސް އޭނާއަށް ވިސްނިފައި އޮންނަނީ ފިރިހެނުންގެ ގޯސްކަމެވެ. އޭނާ ނަފްރަތުކުރަނީ އެހެންވެ ކަމަށްވެދާނެއެވެ. އެލޯބި އަންހެންކުއްޖާ އަހަރެންނާ ދޭތެރޭވިސްނާނީ ކޮންގޮތަކަށްބާވައެވެ. އަހަރެންނާ ނަފުރަތެއް ނުކުރާނެ ބާވައެވެ.
”ޒީލަން އަހަރެންދެކެވެސް ފޫހިވޭދޯ.” އޭނާ ސަމާސާ ރާގެއްގައި ބުނެލިނަމަވެސް އޭނާ އާއިމެދު ދެކޭގޮތް އެނގުން މުހިންމެވެ.
”ނޫން އަޅުގަނޑު ފަޒީނަށް އިހުތިރާމުކުރަން. ތިއީ ވަރަށް ހެޔޮ އޯގާވެރި ބޭކަލެއް. އަޅުގަނޑަށް ވަރަށް އިހުސާންތެރިވެދެއްވައިފީމު. ފަޒީނު ބުނުއްވާ ކޮންމެކަމެއްވެސް ކުރެވޭތޯބަލާނަން.”
”ނޫން ޒީލަން އަހަރެން މިކަންތައް މިކޮށްދެނީ އެއްވެސް ބަދަލަކަށް އެދިގެންނެއް ނޫން. އަހަރެން ޒީލަންއަށް އެހީތެރިވަނީ ހެޔޮހިތުން. މީހަކަށް ހެޔޮކަމެއް ކޮށްދިނުމަކީ ނުހަނު ހިތްހަމަޖެހުން ލިބޭކަމެއް.” ފަޒީން ވާހަކަދެއްކެވީ ޒީލަންއަށް އޭނާގެ ހިތުގައިވާ ލޯބި ހާމަ ނުވާގޮތަށެވެ. އޭނާ ލޯބިވާކަން ޒީލަންއަށް އެނގިއްޖެނަމަ ޒީލަން މިގެއިން ހިނގައިދާނެއެވެ. އެއީ އޭނާއަށް ކެތްކުރެއްވޭނޭ ކަމަކަށް ނުވާނެއެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ޒީލަން" ވާހަކައަކީ 2008 ވަނަ އަހަރުގެ ގައުމީ މުބާރާތުން ދެވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
