ހީލަތްތެރިން ދެކެ މާތްރަސްކަލާނގެ ރުހިވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެ ލޯބިވަނީ ތެދުވެރިން ދެކެއެވެ.
ބޮޑާ މީހާ ލަސްތަކެއް ނުވެ އަގު ވެއްޓިދާނެއެވެ. ހިތްތިރި ކަމަކީ ހިކުމަތްތެރި ކަމެކެވެ. ރަނގަޅު މީހާއަށް ތެދުވެރިކަމަށް މަގުދައްކާނެއެވެ. ދޮގުވެރިޔާ ބެދޭނީ އޭނާގެ ކެހިވެރިކަމުގެ މަޅީގައެވެ. މަރު އައިސް ޖެހުމުން ފައިސާގެ ބޭނުމެއް ނުފުދެއެވެ. ފުރާނަ ސަލާމަތްވަނީ ތެދުވެރިކަމުންނެވެ.
ޙަޤީޤީ ރަނގަޅު މީހާ ކުރާކަންތައް އޮމާންވެ ސާފުސީދާ ވާނެއެވެ. ނުބައިމީހާ ވެއްޓޭނީ އޭނާގެ ފާފައިގެ ތެރެއަށެވެ. ތެދުވެރިންނަށް އެމީހުންގެ ޞާލިޙުކަމުގެ ސަބަބުން ސަލާމަތްކަން ލިބެއެވެ. ބަހުގެ އިތުބާރު ނުހިފޭ މީހާ ޖެހޭނީ އޭނާގެ އަމިއްލަ ދަހިވެތިކަމުގެ ދަންތުރައިގައެވެ. ނުބައިމީހާ މަރުވެދާއިރު އޭނާއާއެކު އޭނާގެ އުންމީދުތައް ވެސް ވަޅުލެވިދެއެވެ. މުއްސަނދިކަމަށް އެމީހުން ކުރި އިތުބާރު ވެސް ގެއްލިދެއެވެ.
މުސީބާތްތައް ނުބައި މީހުންނާ ކުރިމަތިވަނީ ހެޔޮމީހުން ފަހަނަޅާ އައިހެވެ. ނުބައި މީހުންގެ ނުބައި ވިހަ ބަސްތަކުން އަވަށްޓެރިޔާއަށް މުސީބާތްތައް ކުރިމަތި ކުރެއެވެ. އެހެންނަމަވެސް ހެޔޮ މީހާ ތަންދޮރު ދަންނާތީ އޭނާގެ ރައްކާތެރިކަން ހޯދައިގަނެއެވެ. ހެޔޮ މީހާއަށް ކާމިޔާބު ލިބި ނުބައި މީހުން ނެތިވެ ދިއުމުން، މުޅި ރަށް އުފާ ފާޅުކުރެއެވެ. ހެޔޮމީހުން ރަށަށް އުފާފާގަތިކަމާއި ތަނަވަސްކަން ގެނެސްދެއެވެ. އެކަމަކު ހީލަތްތެރިންގެ ކެހިވެރި އަނގަތަކުން ރަށް ވަނީ އިންދިރާހެވެ.
އަވަށްޓެރިޔާ ބަދުނާމުކޮށް ވާހަކަ ދެއްކުމަކީ މޮޔަކަމެކެވެ. ހަމަވިސްނޭ މީހަކުނަމަ ހުންނާނީ އަނގަމަޑުން ލައިގެންނެވެ.
އަނގަބޮޑުމީހާ ނުބުނާނެ ވާހަކައެއް ނުހުންނާނެއެވެ. އެކަމަކު އިތުބާރު ހުރި މީހާ އެކައްޗެއް ވެސް ބޭޒާރެއް ނުކުރާނެއެވެ.
މޮޔަ ވެރިން ގިނަވެއްޖެނަމަ އެތަނެއް ހަލާކުވާކަށް ލަހެއްނެތެވެ. ހެޔޮ ވެރިން ގިނަ ތަނެއްނަމަ އެތަނެއް ރައްކާތެރިވާނެއެވެ.
ނުދަންނަ މީހެއްގެ ދަރަންޏަކަށް ޒިންމާވުމަކީ ނުރައްކާތެރި ކަމެކެވެ. އެ ޒިންމާ ތިމާގެ ބޮލުގައި ނާޅާށެވެ.
ޚުލްގުހެޔޮ އަންހެނާއަށް އިޙްތިރާމް ލިބެއެވެ. ރަޙުމްކުޑަ އަންހެން މީހާއަށް ލިބެނީ މުއްސަނދިކަން އެކަންޏެވެ.
އޯގާވެރިކަމުން އެ އަންހެނާއަށް ހެޔޮ ބަދަލު ލިބެއެވެ. އަނިޔާވެރިކަމުން ހީލަތްތެރި އަންހެނާއަށް ގެއްލުމާ ހަލާކު ލިބެއެވެ.
ނުބައި ނުލަފާ މީހުންނަށް ލިބޭ ދާއިމީ ފައިދާއެއް ނޯވެއެވެ. އެކަމަކު ހެޔޮކަންތައް ކުރާ މީހާއަށް ލިބޭނީ ދާއިމީ އިނާމެވެ.
ހެޔޮކަންތައް ކުރަން ހިތުލައިގެން ހުންނަމީހާ ދިރި ހުންނާނެއެވެ. ނުބައިކަންތައް ކުރަން ހިތުލައި ހުންނަ މީހާ ހިތް މަރުވެ ނެތިދާނެއެވެ. މަކަރުވެރިން ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ. ނުބައި ނުލަފާ މީހުންނަށް އެކަމުގެ ސަޒާ ލިބޭނެކަމީ ޔަޤީންކަމެކެވެ. އެކަމަކު މާތްކަލާނގެއަށް ކިޔަމަންތެރި ޞާލިޙުންނަށް އަދަބެއް ނުލިބޭނެއެވެ.
ވިޔާނުދާ ރިވެތި އަންހެނާއެކޭ އޫރެއްގެ ނޭފަތުގައި ލާފައި އޮންނަ ރަން އަނގޮޓިއެކޭ އެއްފަދައެވެ. ހެޔޮމީހުންގެ ބޭނުންތަކުން ލިބެނީ ހެވާއި ފައިދާއެވެ. ގޯސް މީހުންގެ ބޭނުންތަކުން ރޯވަނީ ނުރުހުމުގެ އަލިފާނެވެ. ދީލަތިކަމުން މީހާ މުއްސަނދިވެދެއެވެ. ބަޚީލުކަމުން މީހާ ފަޤީރުވެދެއެވެ. ދީލަތިކަމުން ތަނަވަސްކަން ލިބެއެވެ. އަނެކާއަށް ފެންފޮދެއް ދޭމީހާއަށް ފެން ލިބޭނެއެވެ.
ވިޔަފާރީގައި ބޮޑު އަގުނަގާ މީހާއަށް ލަޢުނަތް ލިބެއެވެ. އެކަށީގެންވާ ހެޔޮއަގެއް އަތުލާ މީހާއަށް ބަރަކާތް ލިބެއެވެ. ހެޔޮކަމަށް ބާރު އަޅާ މީހާއަށް އިޙްތިރާމް ލިބެއެވެ. މައްސަލަ އުފައްދަން އުޅޭ މީހާއާ ކުރިމަތިވާނީ މައްސަލަތަކެވެ. ތިމާގެ މުއްސަނދިކަމަށް ބަރޯސާވާ މީހާގެ މުއްސަނދިކަން ޚަރީފު މޫސުމުގެ ފަތްތަކެއްހެން ފައިބާނެއެވެ. މާތްރަސްކަލާނގެއަށް ބަރޯސާވާ މީހާ ބަހާރު މޫސުމުގެ ގަސްތަކުގެ ފަތްތައް ފަދައިން ތާޒާ ވާނެއެވެ.
އާއިލާގެ ތެރޭގައި ހަމަނުޖެހުން އުފައްދާ މީހާއަށް އާޚިރުގައި އެކައްޗެއް ވެސް ނުލިބެއެވެ. މޮޔައިންވާނީ ބުއްދިވެރިންގެ އަޅުންނަށެވެ. ހެޔޮ ދިރިއުޅުމެއް އުޅޭށެވެ. އޭރުން ދިރިހުރުމުގެ ގަހުން މޭވާ ކާން ލިބޭނެއެވެ. ބުއްދިވެރިގޮތުގައި އުޅޭނަމަ ރަޙުމަތްތެރިން ތިމާގެ ފަސްފަހަތުން އަންނާނެއެވެ. ބިންމަތީގައި ހެޔޮމީހުންނަށް ހެޔޮކަމުގެ އިނާމު ލިބޭއިރު ނުބައި މީހުންނަށް ލިބޭ ނުބައިކަމުގެ ސަޒާ މާ ބޮޑު ނުވާނެ ހެއްޔެވެ؟
