ދަރިން ފުރިހަމަގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ އުފުލަންޖެހެނީ ދެމަފިރިން އެކުގައެވެ. މިއީ ހަމައެކަނި އަންހެނުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްނޫނެވެ. ދުޅަހެޔޮ މުޖްތަމައެއް ބިނާކުރެވޭނީ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވިގެންނެވެ. މިއީ އިސްލާމްދީން ނުހަނު ބާރުއަޅާކަމެކެވެ. ޞާލިޙް ދަރިފަސްކޮޅެއް އުފެދި އެކުދިންނަށް ތެދުމަގު ދައްކައިދޭ އެންމެ ފުރަތަމަ މަދަރުސާ އަކީ މައިންބަފައިންނެވެ. ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ރިވެތިއުސޫލްތައް ބަޔާންކޮށްދީ ހެޔޮނުބައި ވަކިކޮށްދީ ނަރަކައިން އަޅުގަނޑުމެންގެ ދަރިން ސަލާމަތްކުރުމަކީ ދެމަފިރިން އަދާކުރަންޖެހޭ ޒިއްމާއެކެވެ.
މާތް ﷲ ކީރިތި قرآن ގައި وحي ކުރައްވާފައިވެއެވެ. " الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا "[1]މާނައީ: " މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ސާލިޙް ޢަމަލުތައް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި ثواب ގެ ގޮތުން މާ ހެޔޮކަންބޮޑެވެ. އަދި އެދޭއެދުމެއްގެ ގޮތުން މާ ހެޔޮކަންބޮޑުމެއެވެ."[2]މި އާޔަތުންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ މާތް ﷲ މުދަލާއި ދަރިން ދެއްވާފައިވަނީ ޒީނަތެއްކަމުގައެވެ. ނުވަތަ ހިތަށް ފިނިކަން ގެނުވާ އެއްޗެއްގެ ގޮތުގައެވެ. ނަަމަވެސް ރަނގަޅުގޮތުގައި ތަރުބިއްޔަތު ނުކުރެވި ބޮޑުވެގެން އަންނަ ދަރިންވެގެންދާނީ ހިތަށް ފިނިކަން ގެނުވާފަދަ ދަރިންގެ ގޮތަކުނޫނެވެ. އެކުދިންގެ ފަރާތުން ފެނިގެންދާނީ ހާސްކަމާއި ހިތްނުތަވަސް ކަމުގެ މަންޒަރުތަކެވެ. ހިތަށް ފިނިކަން ލިބުން އެދޭނަމަ ހެޔޮއަމަލު ގިނަކުރަން ޖެހެއެވެ. ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީވެސް ހެޔޮ އަމަލެކެވެ. އެހެންކަމުން މާތް ﷲ މިވަނީ ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާ މައިންބަފައިންގެ މަސްއޫލިއްޔަތުގެ ތެރޭގައި ލައްވާފައެވެ.
މީގެ އިތުރުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޢާއިލާ ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރުމަށް މާތް ﷲ ވަނީ އަމުރުކުރައްވާފައެވެ. މާތް ﷲ ކީރިތި قرآن ގައި وحي ކުރައްވާފައިވެއެވެ. " يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا﴿٦﴾"[3]މާނައީ: " އޭإيمانވެއްޖެމީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެނަރަކައި ގެދަރަކީ، މީހުންނާއި ހިލައެވެ."[4]މި އާޔަތުންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ ތިމާ އަމިއްލައަށް ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރާ ފަދައިން ތިމާގެ ޢާއިލާގެ މީހުންވެސް ނަރަކައިން ސަލާމަތްކުރުމަށް މަސައްކަތްކުރަންޖެހޭކަމެވެ. ދަރިން ފުރިހަމަގޮތުގައި ތަރުބިއްޔަތު ކުރުމަކީވެސް ނަރަކައިން އަޅުގަނޑުމެންގެ ދަރިން ސަލާމަތްކުރުމަށް ކުރަންޖެހޭ ކަމެކެވެ.
رسول الله صلى الله عليه وسلّم حديث ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ފިރިހެނުންނަކީ އޭނާގެ ޢާއިލާ މެމްބަރުންގެ ބެލެނިވެރިޔާއެވެ. އަދި އެކަމާމެދު ސުވާލުކުރެވޭނެ މީހެކެވެ. (މާނައަކީ ޢާއިލާގެ ދުޅަހެޔޮކަމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ފޯރުކޮށްދިނުމަކީ ފިރިހެނުންގެ މައްޗަށްވާ ވާޖިބެކެވެ.) އަންހެނުންނަކީ އެކަނބަލުންގެ ފިރިންގެ މުދަލާއި ގެދޮރާއި އަދި ދަރިންގެ މައްޗަށްވާ ބެލެނިވެރިޔާއެވެ. އަދި އެތަކެއްޗާއިމެދު ސުވާލުކުރެވޭނެއެވެ. (މާނަޔަކީ އެތަކެތި ބެލެހެއްޓުމުގައާއި ދަރިން ތަރުބިއްޔަތުކުރުމުގައި ކަންތައްކުރި ގޮތާއިމެދު ސުވާލުކުރެވޭނެއެވެ.) "[5]މިބަސްފުޅުންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި އަންހެނުން ކުޅެންޖެހޭ ދައުރުގެ ބޮޑުކަމެވެ. މީގެ މާނައަކީ އެއްގޮތަކަށްވެސް ދަރިން ތަރުބިއްޔަތުކުރުމުގައި ބައްޕަގެ ދައުރެއްނެތް ވާހަކައެއްނޫނެވެ. ނަމަވެސް އަންހެނުންގެ ކިބައިގައި މާތް ﷲ ލައްވާފައިވާ ކެތްތެރިކަމާއި ދަރިންނާއިމެދު ލައްވާފައިވާ ލޯތްބާއި އަދި މިނޫނަސް މިފަދަ އެތައް ސިފަތަކެއްގެ ސަބަބުން ފިތުރަތުން މާތް ﷲ އަންހެނުން ލައްވާފައިވަނީ ގިނަވަގުތު ދަރިން ތަރުބިއްޔަތު ކުރުމުގައި މަސްއޫލްވުމުގެ ޤާބިލްކަމާއި އެކުގައެވެ. ފިރިހެނުން ލައްވާފައިވަނީ ޢާއިލާގެ މެމްބަރުންނަށް ކާންދިނުމަށާއި އުނުއަންނައުނު ހޯދައިދިނުމަށާއި ކިޔަވައިދިނުމަށާއި ބޯހިޔާވަހިކަން ހޯދައިދިނުމަށާއި އަދި މިނޫންވެސް ކަންތައްތައް ފުރިހަމަކުރުމަށްޓަކައި ހަލާލް ގޮތުގައި ފައިސާ ހޯދުމަށްޓަކައި މަސައްކަތްކުރުމެވެ.
ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ ދެމަފިރިން އެކުގައި ހިއްސާވުމަކީ ދިރިއުޅުން ބާއްޖަވެރިވެ އުފާވެރިކަން ދެމެހެއްޓިގެންދާނެ ކަމެކެވެ. ދީނުގައި އަންގަވާފައިވާ ފަދައިން އަންހެނުންނަށް އެކަނި ބުރަ ބޮޑު ނުވާގޮތަށް މަސައްކަތްތަކާއި ޒިންމާތައް ދެމަފިރިންގެ މެދުގައި ހަމަހަމަކޮށް ބަހާލަން ޖެހެއެވެ. ހަޔާތުގެ ދަތުރު ބާއްޖަވެރި ކުރެވޭނީ ދިމާވާ ހުރިހާކަމެއްގައި ދެމަފިރިން އެއްވަރަކަށް ހިއްސާވެގެންނެވެ.
سورة الكهف﴿٤٦﴾[1]
ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ سورة الكهف – 46[2]
سورة الكهف﴿٤٦﴾[3]
ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ سورة الكهف – 46[4]
ޞަޙީޙު މުސްލިމް، ފޮތް ނަމްބަރު 20، ހަދީސް ނަމްބަރު 4496 (އިބްން ޢުމަރް ގެ ފަރާތުން އައިސްފައިވާ ހަދީސްއެއް)[5]
