ފިތުރު ޒަކާތުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ލޯތްބާއި، ކުލުނާއި، އެކުވެރިކަން ޤާއިމު ވެގެންދޭ

އެންމެހައި ރޯދަވެރީންނޭވެ! އިއްޔެ އެންމެހައި މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކޮށް އެ މަހަށް މަރުޙަބާ ކިއެވެ. މިއަދު އެންމެހައި މުސްލިމުން މިވަނީ އެމަހަށް އަލްވަދާޢު ކިޔުމަށް ތައްޔާރުވެފައެވެ. މަސްތަކާއި، ދުވަސްތައް މިގޮތަށް ދައުރުކުރައްވާ ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ކާމިޔާބު ލިބިގެންވާ މީހަކީ، މާތް ﷲ އަށް ކިޔަމަންގަތުމުގައި އެ މީހެއްގެ ވަގުތުތައް ހޭދަކުރި މީހާއެވެ. ރަސޫލު ﷲ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނައިގާ ވެއެވެ. "ކޮންމެ މީހަކުވެސް މަސައްކަތް ކުރެތެވެ. އޭގެ ތެރެއިން ބައެއްމީހުން އެމީހުންގެ ނަފްސު ﷲއަށް ކިޔަމަންގަތުމުގައި ވިއްކާލައިގެން އެމީހުންގެ ނަފްސުތައް ﷲގެ ޢަޛާބުން މިނިވަންކުރެތެވެ. އަނެއްބަޔަކު އެމީހުންގެ ނަފްސުތައް ޝައިޠާނާއަށާއި، ހަވާނަފްސަށް ވިއްކާލައިގެން އެމީހުންގެ ނަފްސުތައް ހަލާކުގެތެރެއަށް އެއްލައިލަތެވެ."
މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުންނަށް މާތް ﷲގެ ޙަޟްރަތުގައި ޤަބޫލު ކުރައްވާނެ ޝަފާޢަތެއް ލިބިގެން ވެއެވެ. ތިޔަބައިމީހުންނަށް އެއްވެސް ޙައްދެއް ނެތް ދެއްވުންތަކެއްލިބިގެންވެއެވެ. ތިޔަބައިމީހުންގެއަޑުތައްވަނީ ޤުރްއާނުން ޒީނަތްތެރިކޮށްފައެވެ. އެ ރޯދައާއި، އެ ޤުރްއާން ﷲގެ ދަރުބާރަށް ގޮސް ތިޔަބައިމީހުންނަށް ޝަފާޢަތްތެރި ވާނެތެވެ. އަދި މާތް ﷲ އެ ޝަފާޢަތް ޤަބޫލު ކުރައްވާނެތެވެ. ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނައިގާ ވެއެވެ.  "ރޯދައާއި، ޤުރްއާން އަޅާއަށް ޤިޔާމަތް ދުވަހު ޝަފާޢަތްތެރިވާނެއެވެ. ރޯދަ ދަންނަވާނެތެވެ. މިއަޅާގެ ވެރި ރަސްކަލާކޮ! މި އަޅާ އޭނާއަށް ދުވާލު ކާބޯތަކެއްޗާއި، ޝަހުވަތްތައް މަނާކުރީމެވެ. ފަހެ މި އަޅާއަށްޓަކައި އޭނާއަށް ޝަފާޢަތް ލައްވާނދޭވެ! ޤުރްއާން ދަންނަވާނެތެވެ. މިއަޅާގެ ވެރި ރަސްކަލާކޮ!
މިއަޅާ އޭނާ ރޭގަނޑުގެ ނިދިން މަޙްރޫމް ކުރީމެވެ. ފަހެ މި އަޅާއަށްޓަކައި އޭނާއަށް ޝަފާޢަތް ލައްވާނދޭވެ! ފަހެ އެހިނދު ﷲ އެ ދެފަރާތުގެ ޝަފާޢަތް ޤަބޫލު ކުރައްވާނެތެވެ."

މުސްލިމް އަޚުންނޭވެ! ރަމަޟާން މަހުގައި އަހަރެމެން ރޯދަ ފުރިހަމަކޮށް ދެއްވުމަށްޓަކައި އަހަރެމެންގެ މައްޗަށް ފިޠްރުޒަކާތް ޝަރްޢު ކުރައްވާފައި ވެއެވެ. އެއީ އަހަރެމެން ހިފާ ރޯދައިގައިވާ އުނިކަންތައްތައް ފިލުއްވައި ދެއްވުމަށްޓަކައެވެ. ރަސޫލު ﷲ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނައިގާ ވެއެވެ. "ފިތުރު ޒަކާތަކީ، ހަޑިހުތުރު ޢަމަލުތަކުންނާއި، އެފަދަ ބަސްތަކުން ރޯދަވެރިޔާ ޠާހިރުކޮށްދޭ އެއްޗެކެވެ. އަދި އެއީ މިސްކީނުންނަށް ދެވޭ ކެއުމެކެވެ."
ރޯދަވެރިންނޭވެ! މާތް ﷲ މުސްލިމުންގެ މައްޗަށް ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ މަތިވެރި މާތް މަޤްޞަދުތަކަކަށްޓަކައެވެ. އޭގެތެރޭގައި ފަޤީރުން ޢީދު ދުވަހު ފުދުންތެރި ބަޔަކަށް ހެދުމާއި، އެމީހުންގެ އެ ދުވަހުގެ މުހުތާދުތައް ފުއްދައިދިނުމާއި، ޢީދުގެ އުފަލުގައި އެބައިމީހުން ބައިވެރިކުރުންވެއެވެ.
މުސްލިމް އަޚުންނޭވެ! ފިތުރު ޒަކާތުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ލޯތްބާއި، ކުލުނާއި، އެކުވެރިކަން ޤާއިމު ވެގެންދާނެއެވެ. ޢީދުގެ އުފަލުގައި އެންމެންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ހުރިހާ އެންމެންނަށް ޢީދު އުފާވެރި މުނާސަބަތަކަށް ވާނެއެވެ. ރަސޫލާ صلى الله عليه وسلم ސިފަކުރައްވާފައިވާ ފަދަ އެއްބަނޑުއެއްބަފައި މުޖުތަމަޢަކަށް އިސްލާމީ މުޖުތަމަޢު ވާނީ، އުފަލާއި، ހިތާމާގައި، މުޖުތަމަޢުގެ އެންމެން ބައިވެރިވެގެންނެވެ.
– މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *