ރުހާ ދިޔައީ އޭނާގެ ރައްޓެހި މަރީ ގާތަށެވެ. މަރީ ޓީޗަރުކަން ކިޔަވާ ނިމުމާއި ގުޅިގެން އެގޭގައި އޮތް ކުޑަ ހަފްލާއަށެވެ. ކުދިން ލިބުންފަހުން އޭނާއަށް ގެއިން ނިކުންނާކަށް އަމުރެއް ނެތެވެ. ޒުހޭރު ގަބޫލު ކުރާގޮތުގައި ދަރިން ލިބުމުން މަންމަ އަބަދު ހުންނަން ޖެހޭނީ ދަރިންނާއި އެކުގައެވެ. ގެއަށް އައިސް ވަންއިރު ޒުހޭރު ހުރީ ރުޅިއައިސްފައެވެ.
"ކޮންތާކުން ތިއައީ؟ ތަނަކަށް ދަމުން ބުނެވެސް ނުލާ. އަހަރެން މީ ރުހާގެ ކުރިމަތީގައި އެއްވެސް މީހެއް ނޫން." ޒުހޭރު ބުންޏެވެ.
"މަރީގެ ޕާޓީއިން މިއައީ. އެހެންނޫނަސް ރަހްމަތްތެރިންނާ ވާހަކަ ދައްކާލަން ދިޔައީމަ ކޮބައިތަ މައްސަލައަކީ. މިކައިވެންޏެއް ކުރިފަހުން ގޭތެރެއިންވެސް ނިކުމެވެނީކީ ނޫން. ނޭވާލާންވެސްވީ އެހެންމީހެއްގެ އަމުރަށް." ރުހާ ހުރީ ހިތްހަމަ ނުޖެހިފައެވެ.
"މީހުންނާ އިނީމަ ރަހްމަތްތެރިންނަށްވުރެ ވަގުތު ދޭންޖެހޭނީ ދަރިންނަށާއި ފިރިމީހާއަށް. ތަނަކަށް ދަމުން އަހަރެން ގާތު ބުނެފަ ދާތި." ޒުހޭރު ވަރަށް ބާރަށް ރުހާއާއި ދިމާއަށް ބުންޏެވެ.
"މީހުންނާ އިނީމަ ކަމެއްގައި އަމިއްލަ އިޚްތިޔާރެއް ނޯވޭތަ؟ ރުހާ މަޑުމަޑުން ބުންޏެވެ.
"އަހަރެން މީ ކަލޭގެ ފިރިމީހާ. ކީއްވެތަ އެކަން ނޭނގެނީ." ޒުހޭރު ރުހާގެ އިސްތަށިގަނޑުގައި ހިފިއެވެ.
"އަހަރެންމީ ޒުހޭރު އަންހެނުންކަން ނޭނގުނީމަ ދެރައީ. އަނބިމީހާއޭ ކިޔާފަ ގޭގައި ބައިންދައިގެން ނޭވާއަށް ދަތިކުރުން ފިޔަވާ ކުރަނީ ކޮންކަމެއް. ފިރިމީހާޔަކަސް ދިރިއުޅުމުގެ ހައްގު ނިގުޅައެއް ނުގަނެވޭނެ." ރުހާ ފުރަތަމަ ފަހަރަށް ހަޅޭއްލަވައިގަތެވެ. ޒުހޭރު ރުހާގެ މޫނުމަތީ ވިހެލައިފިއެވެ. އޭނާގެ އަނގަމަތީން ލޭ އަންނަމުން ދިޔައެވެ.
"ލިބުނުހާ އެއްޗެއް ދީގެން ރަށުގެ އެންމެ ތަނަވަސް އަންހެނާއަށް ހެދީމަ ހުރި ގޮތްކުޑަކަށް ބަލާބަލަ." ޒުހޭރު މިހެން ބުނީ ރުހާގެ މަންމައާއި ދިމާއަށެވެ.
"ދަރިފުޅާ. ރުޅި ނާދޭ. އަހަރެން ރުހާއަށް ވިސްނައި ދޭނަން." ހަލީމާއަށް ގޯސްވީ ރުހާއެވެ.
ރުހާއިނީ ފޮތެއް ކިޔާށެވެ. އޭނާގެ އެކަނިވެރިކަން ފިލުވުމަށް ކުރެވެން ހުރި ކަންކަން ކުރަމުން ދިޔައެވެ. މި ފޫހި އަދި މަޖުބޫރު ކައިވެނީގެ ސަބަބުން އޭނާވަނީ ދިރިއުޅުން މަތިން ފޫހިވެފައެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި ވަނީ މަރީއެވެ. ދެކޮޅު ބަލާލުމަށްފަހު މީހަކު ފެންނަން ނެތުމުން އޭނާ ރުހާ ގާތަށް ޖެހިލިއެވެ.
"ރަށުގެ ސިއްޙީ މަރުކަޒުގައި ޚާއްޞަ ހަފްލާއެއް އެބޮތް. އެއީ ސިއްޙީ މަރުކަޒުގެ އަލަށް ހުޅުވި ބައި ހުޅުވުމުގެ ރަސްމިއްޔާތާއި އެ ހޮސްޕިޓަލަށް އަލަށް ގުޅުނު އެރަށުގެ ފުރަތަމަ ޑޮކްޓަރު ރާއިފުގެ ޝަރަފުގައި ބޭއްވޭ ހަފްލާއެއް." މަރީ ސިއްރު ސިއްރުން ބުންޏެވެ.
"މަރީމެން ދޭ. އަހަރެން ކިހިނެއް ދާނީ. ރާއިފްއަށް އަހަރެންގެ ހާލު ކިޔައި ނުދޭތި. އެހެންނޫނަސް އޭނާ މިހާރު ހުންނާނީ އަހަރެން މަތީން ހަނދާން ނެތިފައި." ރުހާއަށް ރޮވުނެވެ.
ރުހާ ކައިވެނި ކުރިފަހުން ރާއިފު ފެނިފައެއް ނުވެއެވެ. ޑޮކްޓަރީކަން ކިޔަވަން ރަޝިޔާއަށް ދިޔަ ޚަބަރު ލިބުންކަން ފިޔަވާ އިތުރު ޚަބަރެއްވެސް ލިބިފައި ނުވެއެވެ. އިރުއޮއްސި އަނދިރި ވެއްޖެއެވެ. މަރީ އައިފަހުން އޭނާގެ ހިތުން ރާއިފުގެ ހަނދާންތަކެއް ނުފިލިއެވެ. އިޝާ ނަމާދުކޮށް އަވަދިވެގެން އޭނާ އޮށޯވެލީ ނިދޭތޯއެވެ. ނަމަވެސް އޭނާގެ ހިތް ބުނަމުން ދިޔައީ ބޭރަށް ނިކުމެލުމަށެވެ. ރާއިފަށް ބަލާލުމަށެވެ. ވޭނުގެ ގިނިން އަނދަމުންދާ ހިތަށް ލޯބިވެރިޔާގެ މޫނު ބަލާލާ ފިނިކަން ހޯދާށެވެ.
"އޭނާ ހުންނާނީ މިހާރު ކިހިނެއްބާ؟" ރުހާއަށް ހިތާހިތުން ކިޔާލެވުނެވެ.
ކުދިންނާއިއެކު މަންމައަށް ނިދިފައި އޮތުމުން ރުހާ މަޑުމަޑުން ގެއިން ނިކުތެވެ. އާއްމުގޮތެއްގައި ގެއިން ނުނިކުންނަ ރުހާ ރޭގަނޑު ބޭރަށް ނިކުތްދުވަހެއް ހަނދާނެއްވެސް ނެތެވެ. އަނދިރި މަގުތަކުގައި އޭނާ މަޑު ހިނގުމެއްގައި ހިނގާފައި ދިޔައިރު ބިރުގެ އެއްވެސް އަސަރެއް ނެތެވެ. ސްކޫލުގައި އުޅުނުއިރު އޭނާ މިމަގުތަކުން ހިނގާފައި ދާއިރު ހިތްބިރުގަތަސް އޭނާ މިރޭ ބިރެއް ނުގަނެއެވެ.
އޭނާ ފިލައިގެން ހުރެ ހަފްލާގެ ހުރިހާ މަންޒަރެއް ބެލިއެވެ. ރާއިފުގެ އަސަރުގަދަ ވާހަކަ އަޑުއެހިއެވެ. ރަށުގެ ރައްޔިތުންކަހަލަ ގޮތަކަށް ރާއިފަށް ތަޢުރީފު އަތްތިލަ ބަޑި ޖެހިއިރު ރާއިފުގެ ކާމިޔާބަށްޓަކައި އަނދިރީގައި ކަރުނައެޅި މީހަކީ ރުހާއެވެ. އެއީ ހަގީގީ ހެޔޮއެދުމުގެ ކަރުނައެވެ. ރާއިފްގެ ހުވަފެންތައް ކާމިޔާބުވީތީ ލިބުނު އުފަލުގެ ކަރުނައެވެ. އޭނާގެ ހުވަފެންތައް ވިއްސިވިހާލިވެ އުންމީދުގެ ހުޅުކޮޅު ނިވިފައިވާތީ ލިބޭ ހިތާމައިގެ ކަރުނައެވެ. އެވަގުތުކޮޅު އޭނާއަށް ތަފާތު އެތައް އަސަރުތަކެއް ކުރިއެވެ.
"ނިކަމެތިކަމުން އަހަރެންނާ ދުރުވާން މަޖުބޫރު ކުރި ރާއިފް މިއަދުއެވަނީ ރަށުގެ އެންމެ މޮޅު މުއްސަނދި މީހާއަށްވެފަ. މީހާގެ ހާލަތު ބަދަލުވާނީ ކޮންއިރަކުންކަން އެއްވެސް މީހަކަށް ނޭނގޭނެ." ސިއްރުސިއްރުން ރުހާއަށް ބުނެލެވުނެވެ. ރާއިފު ކުރިމައްޗަށް އަރަން ކިތަންމެ ބޭނުންވިޔަސް އޭނާއަކަށް އެ ހިތްވަރެއް ނުލިބުނެވެ. އޭނާ އެނބުރި ދިޔައީ ހިތްފުރޭންދެން ރޮއިފައެވެ.
"ކޮންތާކުން ތިއައީ. ބުނީމެއްނު ކައިވެނީގެ ފަހުން އަންހެނުން ތިބެން ޖެހޭނީ ގޭގައޭ." ޒުހޭރު ބުންޏެވެ. އޭނާ ރިސޯޓުން އައި އިރެއް ރުހާއަކަށް ނޭނގެއެވެ.
"ރަށުގެ ރައްޔިތުން އެތިބީ އަތިރިމަތީގައި. އެހެންވެ ބަލާލަން ދިޔައީ. އެއްވެސް މީހަކަށް ނުފެންނާނެ އަހަރެންނެއް." ރުހާ މަޑުމަޑުން ބުންޏެވެ.
"ނޫން. ރުހާ އެތަނަށް ދިޔައީ ރާއިފު ހުރުމުން. ކޮންކަމެއް ސިއްރު ކުރަންތަ ތިޔަ އުޅެނީ." ޒުހޭރު ހަޅޭއްލަވައިގަތެވެ. އެއީ ޒުހޭރުގެ އާދައެވެ. އޭނާ ކިތަންމެ ހެޔޮ ނަމަވެސް ރުހާއަށް ބޭރަށް ދިއުމުގެ ހުއްދައެއް ނޯވެއެވެ. ރަހްމަތްތެރިންނާ ވާހަކަދެއްކުމުގެ މިނިވަންކަމެއް ނޯވެއެވެ.
"އަބަދު ގޭގައި އިނދެ އިނދެ އަހަރެން ފޫހިވެއްޖެ." ރުހާ ޒަމާންގަނޑެއްފަހުން އަނެއްކާވެސް ރައްދުގައި އެއްޗެއް ބުންޏެވެ.
"މިހާރު އަނެއްކާވެސް ޒުވާބުވެސް ކުރަންފެށީތަ؟ ރުހާއަށް ދަތިނުވާނެ ހުރިހާ ކަމެއް އެހުރީ ފޯރުކޮށްދީފައި. މަންމަ އެކޮށްދެނީ ރުހާ ކުރަންޖެހޭ މަސައްކަތް. ޓީވީއާއި އިންޓަރނެޓު އެހުރީ ރުހާ ބޭނުންވަރަކަށް ބޭނުންކުރަން. ދެން ކޮން އުފަލެއް ނުލިބިގެން ތިއުޅެނީ." ޒުހޭރު ރުހާގެ އިސްތަށިގަނޑުގައި ހިފިއެވެ.
"ޒުހޭރު ހީކުރީ އަހަރެންމީ ޒުހޭރުގެ ހިތް އެދޭގޮތަށް ކަންކަންކުރަން ބަހައްޓާފައި ހުރި މެޝިނެއް ކަމަށްތަ؟ އައްސިބަލި ޖެހިގެން ގޮތްހުސްވެފައި ހުރި ބައްޕައެއް އިނދެގެން އުޅޭ ދުނިޔެއަށް ދަހިވެތިވެފައި ހުރި މަންމައެއް ރުއްސައިގެން ދަރިއެއްވަރު އަންހެން ކުއްޖެއް ގެނެސް ގެންގުޅޭ ވިޔަފާރި މުދާގަނޑެއް ކަމަށްތަ؟
"އާން. އަހަރެން ހޯދިހާ ފައިސާއެއް ދިނީ ކަލޭމެންނަށް. އެހެންވީމާ އަހަރެން ބުނާގޮތް ނޫންގޮތަކަށް އުޅުމުގެ އެއްވެސް ހައްގެއް ކަލެއަކަށް ނޯންނާނެ." ޒުހޭރު ރުހާގެ ކަރުގައި ހިފިއެވެ.
"އަހަރެންގެ ހުރިހާ އުންމީދަކާއި ހުވަފެންތައް ކަފުން ކުރުވާފައި ގޭގައި ބަހައްޓާއިރު އަހަރެން ހިތާމަ ކުރާކަން ކަލެއަށް ރަނގަޅަށް އެނގޭކަން ރަށުގެ އެންމެންނަށް އެނގޭ. ތީ އަމިއްލަ އެދުންބޮޑު އަނިޔާވެރިއެއް." ރުހާ ގަދަކަމުން ޒުހޭރުގެ އަތްދަށުން ދެމިގަތެވެ.
"ތިހާ ހިތްވަރެއް ކަލެއަށް ލިބުނީ ރާއިފު މިރަށަށް އައީމާ. ކަލޭ އޭނާއާއި ބައްދަލުކުރިން ދޯ." ޒުހޭރު އައި ރުޅީގައި ރުހާ އެނދުމައްޗަށް ވައްޓާލިއެވެ. ލައިގެން ހުރި ހެދުން އިރާލިއެވެ. އަދި އޭނާ ބޭނުންވާ ކަރުހިއްކުން އަނިޔާވެރި ގޮތަކަށް ފިލުވައިފިއެވެ. ރުއިން ފިޔަވާ އިތުރު ކަމެއް ރުހާގެ ނެތެވެ. ރުހާ ރޯއަޑަށް އޭނާގެ މަންމަ އައެވެ.
"ބުނީމެއްނު ޒުހޭރު ރުޅިއަންނަ ކަންކަން ނުކުރާށޭ. ލިބިފައި ހުރި އަގުނުކުރެވޭ ތަކެތިން އުފާވާން ދަސްކޮށްބަލަ." ހަލީމާވެސް ކުށްވެރިކުރީ ރުހާއެވެ.
"ކީއްވެތަ މަންމަ އޭނަޔާ ކައިވެނި ނުކުރީ. އެއީ އަސްލު މަންމަ އިންނަންވީ މީހާ. ދެމީހުންގެ އުމުރުވެސް އެއްވަރު. " ރުހާ ހަޅޭއްލަވައިގަތެވެ. އޭނާ މަންމައާއި ދިމާއަށް ދުވަހަކުވެސް ބާރަށް އެއްޗެއް ނުބުނެއެވެ. ނަމަވެސް މިއަދު އޭނާ އެގޮތަށް ކަންތައް ކުރީ ހިތަށް ކުޅަދާނަ ނުވެގެންނެވެ.
ރުހާ ގެއަކުން ނުނިކުމެއެވެ. އޭނާ އެއްވެސް ކަމަކާ ފަރުވާއެއް ނުބަހައްޓައެވެ. ދިރިއުޅުންމަތިން އޭނާ ފޫހިވިތާ ކިތަންމެ ދުވަހެކެވެ. އެހެންކަމުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ހިނގިޔަސް އޭނާއަކަށް ފަރުވާލެއް ނެތެވެ. އެ ހާލަތުގައި ދެ އަހަރުވެގެން ދިޔައިރު އޭނާވަނީ ހިކިހިކި ހޯލި ކޮޅަކަށްވެފައެވެ. ދެލޯ ވަޅުވަދެ ޒުވާންކަމުގެ ރީތި އަސަރުތައް މޫނުމަތީންވެސް ގެއްލިފައެވެ.
މަންމަގެ ފުރިހަމަ ކޮންޓުރޯލުގެ ދަށުގައި ކިޔަމަންތެރިކަމާއިއެކު ބައްޕަ އުޅެފައި ވުމުން މަންމަގެ ހިތުގައި އަބަދުވެސް ބައްޕައަށް ޚާއްޞަ ގަދަރެއް ދެވިފައި ވެއެވެ. ބައްޕަ މަރުވިފަހުން މަންމަވެސް އުޅެނީ ބަލިވެއެވެ. އެހެންކަމުން ރުހާގެ ހަޔާތުގެ ހުރިހާކަމެއް ވަނީ ބޮއްސުންލާފައެވެ. އޭނާއަށް އެއްވެސް ކަމެއް މިހާރަކު މުހިއްމެއް ނޫނެވެ.
ޒަމާންތަކެއް ފަހުން ރުހާ ބޭރަށް ނިކުމެލިއެވެ. އަތިރިމަތީގައި އިން ޖޯއްޔެއްގައި އޭނާ އިނީ އޮއްސެމުންދާ އިރަށް ބަލާށެވެ. އިރަކީވެސް އަޖައިބެކެވެ. ދުވާލުގެ އެކި ގަޑިތަކުގައި ދައްކަނީ އެކި ކުލައެވެ. އޮއްސެންދާއިރު ރަތްކުލައިގާ އެހުރީ ހިތްހަމަނުޖެހިފައި ކަންނޭނގެއެވެ. އެކަމަކު މާދަމާ ހެނދުނު ހުންނަނީ އުފަލުންނެވެ. އެންމެންނަށް އިރުގެ ދޯދިން ގަދައައްޔެއް އެބަލިބެއެވެ. އަހަރެންގެ ހަޔާތް އޮއްސުނު ފަހުން އައްޔެއް ނުވިލުނެވެ. ނޫނެކެވެ. މަންމަ ބަލިވުމަކީވެސް ލިބުނު ނިޢުމަތެއްކަން ޔަގީނެވެ. އެހެން ނޫންނަމަ މި މިނިވަން ޖައްވަށް މިނިވަންކަމުގެ އިހުސާސް ހިނގާ ނޭވާއެއްވެސް ނުލެވުނީހެވެ. އޭނާގެ ލޮލުން ކަރުނަ ފޮހެލިއެވެ.
"ރުހާ. އެކަނިތަ؟" ނުހަނު ގާތުން ރާއިފް ގޮވާލިއެވެ.
"ރާއިފް." ރުހާ ދިޔައީ ސިއްސައިގެންނެވެ.
"އާން. ތިގެޔަށްވެސް ގޮސްފަ މިއައީ. ގެއިން ނުފެނުނީމަ މިތަނަށް މިއައީ. މީހަކު ބުނި ރުހާ އެބައިނޭ މިތާ." ރާއިފް އޮޅުން ފިލުވައިދިނެވެ. އޭނާ ރާއިފަށް ރަނގަޅަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ މައުސޫމުކަމެވެ. ވާހަކަދެއްކުމުގައި ހުރީ މާތް ގޮތެކެވެ. އެއީ ވަރުގަދަ ޝަޚުޞިއްޔަތެކެވެ.
ރުހާ އެއްޗެކޭ ނުބުނެ ރާއިފުގެ މޫނަށް ބަލަން ހުއްޓެވެ. އޭނާގެ ހިތުގައި އެތައް ވާހަކައެއްވެއެވެ. އެ ލޮލުން އެވާހަކަތައް ބުނެދެވޭނެ ހެއްޔެވެ؟
"ރުހާ. ދެރަނުވާތި. ރުހާގެ ފިރިމީހާ ޒުހޭރު ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހިގެން މަރުވެއްޖެ. އާއިލާއިން އެދޭނަމަ އޭނާގެ ހަށިގަނޑު މިރަށަށް ގެންނަން ރިސޯޓުން ހުއްދަދީފައި ވޭ." ރާއިފް މަޑުމަޑުން ބުންޏެވެ.
"ނޫން. އޭނާގެ މަރުވެފައިވާ މަސްގަނޑު ބަލަންވެސް އަހަރެން ބޭނުމެއް ނޫން." ރުހާ ތެދުވިއެވެ. އޭނާ މަޑުހިނގުމެއްގައި ގެޔާއި ދިމާއަށް މިސްރާބު ޖެހިއެވެ. އޭނާއަށް ފުންނޭވާއެއް ލެވުނެވެ. ހީވީ މިނިވަންކަމާއިއެކު ލެވުނު ފުރަތަމަ ނޭވާ ހެންނެވެ. ދެން އޭނާ ފަސްއެނބުރި ބަލާލިއެވެ. ރާއިފު އޭނާއަށް ބަލަން ހުއްޓެވެ. އޭނާގެ ލޮލުގައި ވަނީ ކަރުނައެވެ.
"ރުހާ." ރާއިފް ގޮވާލިއެވެ. ރުހާއަށް ހުއްޓެވުނެވެ.
"އެދުވަސްތައް އެދިޔައީ. ނަވަށް ޖެހުނު ކޮޅިގަނޑު ނިމުނީ. އަމާން އައްސޭރިއަކަށް ދާކަށް ބޭނުމެއް ނޫންތަ؟." ރާއިފް ބުންޏެވެ.
"ކޮޅިގަނޑު ނިމުނުއިރު ނައުވަނީ މަރާމާތު ކުރަން ޖެހޭވަރަށް ހަލާކުވެފައި." ރުހާ ރޯން ފެށިއެވެ.
"އަހަރެން މިހުރީ އެ ނައު މަރާމާތުކޮށް އާބާތުރަ ފިލުވާ، އާރާސްތުކުރަން ދަސްކޮށްގެން. އަހަރެންނާއިއެކު ހިނގާ." ރާއިފް ރުހާގެ އަތުގައި ހިފިއެވެ. އިރުއޮއްސި އަނދިރިވީއިރު ރުހާއާއި ރާއިފުގެ ހަޔާތަށް އަލިކަންވަނީ ލިބިފައެވެ. (ނިމުނީ)
